ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ބުރުގެ ދެވަނަ ލެގުގައި ރޭ އިނގިރޭސި ކްލަބު އާސެނަލް އަތުން ޕެނަލްޓީ ޖަހައިގެން ޕޯޗުގަލްގެ އެފްސީ ޕޯޓޯ ބަލިވި މެޗުގައި އެ ޓީމުގެ ކޯޗު މިކޭލް އާޓޭޓާ، އޭނާގެ އާއިލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ޕޯޓޯގެ ކޯޗު، ސާޖިއޯ ކޮންސެސާއޯ ބުނެފިއެވެ.

ރޭގެ މެޗުން 1-1 ގެ އެގްރިގޭޓުން އެއްވަރުވުމުން ޕެނަލްޓީ ޝޫޓްއައުޓްގައި 4-2 ގެ ނަތީޖާއަކުން ޕޯޓޯ ބަލިކޮށް، އާސެނަލުން ވަނީ 14 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ރެފްރީގެ ނިންމުންތަކާއި، މެޗުގެ އޮއިވަރާ ގުޅިގެން ހޫނުވެ، ދެ ޓީމުގެ ކޯޗުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ވަނީ ރައްދުކޮށްފައެވެ.

އެގޮތުން މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕޯޓޯގެ ކޯޗު ކޮންސެސާއޯ ވަނީ އާޓެޓާ އޭނާގެ އާއިލާއާ ބެހޭގޮތުން ހުތުރު އެއްޗެހި ކިޔައި ފުރައްސާރަ ކުރި ކަމަށް ތުހުމަތުކޮށްފައެވެ.

"މެޗުގެ ތެރޭގައި އޭނާ (އާޓޭޓާ) ބެންޗަށް އެނބުރިފައި، ސްޕެއިން ބަހުން އަހަރެންގެ އާއިލާ އަށް ފުރައްސާރަކުރި،" ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޮންސެސާއޯ ބުންޏެވެ.

ކޮންސެސާއޯ ބުނީ، މެޗަށްފަހު އާޓޭޓާ އަށް ގޮވާލުމަށްފަހު އޭނާ ފުރައްސާރަކުރި މީހާ އަކީ މިހާރު ދުނިޔޭގައި ނެތް މީހެއްކަން ސަމާލުކަމަަަށް ގެނައި ކަމަށެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ކަމާ ގުޅޭގޮތުން ސުވާލުކުރުމުން އާޓޭޓާ ބުނީ، އެކަމާ މެދު އޭނާގެ އެއްވެސް "ކޮމެންޓެއް ނެތް" ކަމަށެވެ.