ރާއްޖޭގެ ކޯޗު، ކްރޮއޭޝިއާގެ ޕީޓާ ސެގަޓަކީ ކޯޗިންގައި ތަފާތު ތަޖުރިބާތަކެއް ކޮށްފައިވާ ކޯޗެވެ. ޖޯޖިއާ ފަދަ ގައުމުތަކުން ގޮސް، އަފްގާނިސްތާނު ފަދަ ގައުމުތަކުގައެވެ. އޭނާ ރާއްޖެ އައީ, އެ ހުރިހާ ތަޖުރިބާތަކަކާއި، ހަނދާންތަކަކަށް ފަހުގައެވެ.

ސެގަޓަކީ ސާފް ޗެމްޕިއަންޝިޕަށްވެސް މުޅިން އާ ކޯޗެއް ނޫނެވެ. މުބާރާތުގައި ފައިނަލަކަށްވެސް އާ ކޯޗެއް ނޫނެވެ. އެންމެފަހުން 2015 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އަފްގާނިސްތާނާއެކު ސެގަޓް ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. އޭނާއާއެކު އަފްގާނިސްތާން ފައިނަލްގައި ބަލިވީ ހިތްދަތި ބައްޔަކުން އިންޑިއާ އަތް ދަށު ވެގެންނެވެ.

އިންޑިއާގެ ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު ފައިނަލްގެ ފުރިހަމަ ވަގުތު ހަމަވި އިރު، ނަތީޖާ އޮތީ 1-1 އިން އެއްވަރުވެފައެވެ. މެޗުގެ އިތުރު ވަގުތުގައި ސުނިލް ޗެތުރީ ޖެހި ގޯލާއެކު އަފްގާނަށް ތަށި ގެއްލުނީއެވެ. އޭގެ ކުރިން 2013 ވަނަ އަހަރު އަފްގާނުން ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދާފައިވާ އިރު، 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އަފްގާނިސްތާނާއެކު ސެގަޓް ކުރި އެންމެ ހިތްދަތި އެއް ތަޖުރިބާއެވެ. ރައްޔިތުން ކުރަމުންއައި އުމްދީދުތަކެއް ފެނަށްވެސް ދިޔުމާއެކުގައެވެ.

ސާފް ސުޒުކީ ކަޕް 2018 ސެމީ ފައިނަލް: ރާއްޖެ އަދި ނޭޕާލް ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސެގަޓާއެކު އަފްގާނިސްތާނުން އޭޝިއަން ކަޕް ކޮލިފިކޭޝަން އެންމެ ފަހު ބުރާ ހަމައަށް ގޮސްފައިވާ އިރު، އެއީ އެގައުމުގެ ތާރީހުގައިވެސް ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ. އަފްގާނިސްތާނާއެކު ސެގަޓަށް އެންމެ ފަހި ދުވަސްތަކެވެ. އެ ކާމިޔާބީއާއެކު އެގައުމުގެ އެތަކެއް ރައްޔިތުންނެއްގެ ލޯބިވެސް ސެގަޓަށް ލިބުނެވެ. ކޮލިފިކޭޝަންގެ އެންމެ ފަހު މެޗު ކުރިމަތީގައި އޮތްވާ، ސެގަޓް ކޯޗު ކަމުން ވަކިކުރުމުން ރައްޔިތުން އޭނާ ބޭނުން ވެގެން އެފްއޭއަށް ނުރުހުމުގެ ބަސްތައްވެސް އަމާޒުކޮށްފައިވެއެވެ.

އަފްގާނިސްތާނުގެ ކޯޗު ކަމަށްފަހު ސެގަޓް ހަވާލުވީ ރާއްޖޭގެ ކޯޗު ކަމާއެވެ. މާޗު މަހު ސެގަޓް ރައްޖޭގެ ޓީމާ ހަވާލުވުމަށްފަހު ފުރަތަމަ ޓާސްކަކަށްވީ ސާފް ޗެމްޕިއަންޝިޕެވެ.

މިއަދު ރާއްޖެއާއެކު ސެގަޓް އަނެއްކާވެސް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަކަށް ނުކުންނަ އިރު، އޭނާއަށް މިއަދާ، އަފްގާނިސްތާނުގައި ހޭދަކުރި ދުވަސްވަރާ ހާލަތު ތަފާތު ނަމަވެސް، އެއްގޮތް ކަންތައްތަކެއްވެސް އެބަހުއްޓެވެ. ފައިނަލަށް ޓީމު ބައްޓަން ކުރުމަށް މާ ގިނަ ވަގުތެއް އެ ފަހަރުވެސް އަދި މި ފަހަރުވެސް ސެގަޓަށް ނުލިބުނެވެ. މިއަދުވެސް އޭރުވެސް އޭނާ ނުކުންނަނީ އިންޑިއާއާ ދެކޮޅަށެވެ. "އަންޑަ ޑޯގް ޓީމު"ގެ ގޮތުގައި ކަމަށް ސެގަޓްވެސް ބުނެފައިވެއެވެ.

ތަފާތަކީ މިއަދުގެ ފައިނަލަށް ސެގަޓް ނުކުންނީ އަފްގާނިސްތާނާ އެކުގައި ނޫން ކަމެވެ. ރާއްޖެއާ އެކުގައި ކަމެވެ. އޭރު ނުކުތީީ ރާއްޖެއާ މުޅިން ތަފާތު ހާލަތެއްގައި އޮތް ގައުމަކާ އެކުގައި ކަމެވެ. ހަނގުރާމައިގައި އެތަކެއް ދުވަސްތަކެއް ހޭދަކުރުމުންދިޔަ، ދަތި ހާލަތެއްގައި އޮތް ޓީމަކާއެކުގައެވެ. ހަނގުރާމައިގެ ތެރެއިން، އުނދަގޫ ހާލަތްތަކާވެސް ދިމާވެ، އަމިއްލަ ފުރާނައަށް ގެއްލުންވާނެ ފަހަރުތައްވެސް ސެގަޓަށް އަފްގާނިސްތާނުގައި ވާނީ ކުރިމަތިވެފައެވެ.

ގައުމުގެ ހާލަތު އޮތް ގޮތުން، ފުޓުބޯޅަ ކުޅޭ ގިނަ ކުޅުންތެރިން ދިރިއުޅެނީ ހިޖުރަކޮށްގެން ޔޫރަޕްގައެވެ. ސެގަޓް 2015 ވަނަ އަހަރު ސާފަށް ގެންދިޔަ އަފްގާން ޓީމުގެ ކުޅުންތެރިންގެ ބޮޑު ޕަސެންޓަކީވެސް އަފްގާންގައި ދިރިއުޅޭ ކުޅުންތެރިންނެއް ނޫނެވެ. ޔޫރަޕްގެ ގައުމުތައް ކަމަށްވާ ޖަރުމަނާއި، ހޮލެންޑްގެ އިތުރުން ޑެންމާކު ފަދަ ގައުމުތަކުގައި ކެރިއަރު ކުރިއަރުވަމުންދިޔަ ކުޅުންތެރިންނެވެ.

ސާފް ސުޒުކީ ކަޕް 2018: ރާއްޖެ އަދި ލަންކާ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއަދުގެ ފައިނަލަށް ސެގަޓް ނުކުންނާނީ އަފްގާނިސްތާނާ މުޅިން ތަފާތު ހާލަތެއްގައި އޮތް ގައުމަކާއެކުގައެވެ. ރާއްޖޭގައި ސެގަޓަށް ލިބުނު ސްކޮޑަކީ އެންމެ ތިން ލައްކައެއްހާ މީހުން ތެރެއިން ލިބުނު ސްކޮޑެއް ކަމަށް އޭނާ ފާހަގަކުރިއެވެ. އިންޑިއާއާ އަޅާ ބަލާ އިރު، ހާސް ބައި ކުޑަ ގައުމެކެވެ. ޓީމުގައި ގިނައީ ސެމީ ޕްރޮފެޝަނަލް ކުޅުންތެރިން ކަމަށް ސެގަޓް ބުނެފައިވާ އިރު، އޭނާ ބުނީ ރާއްޖޭގައި ކުޅުންތެރިން ލިބުމުގެ އަދަދު ދަށް ކަމަށެވެ.

" އަފްގާނިސްތާނާއެކު އަހަރެން ނުކުތް އިރު، އެ ގައުމަކީ 40 އަހަރު ހަނގުރާމަ އޮތް ބައެއް. ރާއްޖެ އަކީ ގާތް ގަނޑަކަށް ތިން ލައްކައެއްހާ މީހުން އުޅޭ އާބާދީއެއް އޮތް ގައުމެއް. އަހަރެން އިންޑިއާއާ ދެކޮޅަށް ނުކުންނަ އިރު، ކޮންމެ ފަހަރަކު ހުންނަނީ މުބާރާތަށްދާ އެންމެ ބޮޑު ޓީމުގައެއް ނޫން. އިންޑިއާ އަކީ ބޮޑު ގައުމެއް. އެމީހުންގެ ފުޓުބޯޅައިިގެ މަސައްކަތަކީ އެއް ފަންތީގައި އަބަދުވެސް އޮތް މަސައްކަތެއް. އެ ޓީމުގެ ކޯޗު އެ ކުރާ މަސައްކަތަށް ސާބަސް ދެން. އަފްގާނިސްތާނާއެކު އަހަންނަށް އިންޑިއާއާ ކުޅުން ޖެހުނީވެސް އެމީހުންގެ ހޯމްގައި. އެކަމަކީވެސް އުނދަގޫވާނެ ކަމެއް،" ސެގަޓް ބުންޏެވެ.

ސެގަޓް ބުނީ އިންޑިއާއިން މުބާރާތަށް ގެނައީ 23 އަހަރުގެ ދަށުގެ ޓީމެއް ނަމަވެސް، އެ ކަމަކީ އެމީހުންގެ ކުޅުމަށް ބޮޑު ތަފާތުތަކެއް އަންނާނެ ކަމެއް ނޫން ކަމަށެވެ. އެ ޓީމުގެ ކުޅުންތެރިންނަކީ ތަޖުރިބާ ބޮޑު، ޕްރޮފެޝަނަލް ކުޅުންތެރިން ކަމަށެވެ.

" އިންޑިއާ 23 އަހަރުން ދަށުގެ ޓީމެއް ގެނައި ވާހަކަ ނުދައްކާ. އެހެން ކިޔަންޏާ އަހަރެމެން މި ގެނައި ޓީމަކީ ސެމީ ޕްރޮފެޝަނަލް ކުޅުންތެރިންގެ ޓީމެއް. ސަރުކާރު ވަޒީފާތަކަށް ނޫނީ އެކިއެކި އޮފީސްތަކަށް ގޮސް އަށް ގަޑިއިރު މަސައްކަތް ކުރާ ކުޅުންތެރިން ގިނައީ. އެހެންވީމަ އެގޮތަށް ވާހަކަތައް ދެއްކިދާނެ. މިއަދު ރާއްޖޭގެ ކުޅުންތެރިން ފައިނަލަށް ދިޔައީ ވަރަށް ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން. އިންޑިއާގެ 23 އަހަރުން ދަށޭ ބުނާ އިރު، އެ ގައުމުގެ ޒުވާން ޓީމުތަކުން އަންނަނީ ދުނިޔޭގެ ވަރުގަދަ ގައުމުތަކާ ވަދަކުރަމުން. އެހެންވީމަ އިންޑިއާއިން ގެންނަ 23 އަހަރުން ދަށުގެ ޓީމުގެ ފެންވަރާ އަޅާ ނުކިޔޭނެ،" ސެގަޓް ބުންޏެވެ.

ސާފް ސުޒުކީ ކަޕް 2018 ސެމީ ފައިނަލް: ރާއްޖެ އަދި ނޭޕާލް ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސެގަޓް ބުނީ އޭނާ ޖެހިޖެހިގެން ދެވަނަ ފައިނަލަށް ނުކުންނަ އިރުވެސް، އިދިކޮޅަށް މި ނުކުންނަނީ ގަދަފަދަ، ބޮޑު ބިޔަ އިންޑިއާ ކަމަށާއި، އޭނާ އަބަދުވެސް ހުންނަނީ ކުޑަ ފަޅީގައި ކަމަށެވެ. އަދި އިއްޔެގެ ޕްރެސްގައި ސެގަޓް ވަނީ ބަންގްލަދޭޝްގެ ސަޕޯޓަރުން ކިބައިންވެސް އެދުމެއް އެދިފައެވެ. އޭނާ ބުނީ މީހުން މަދު ބަޔަކީ ރާއްޖެކަމަށާއި، ރާއްޖެއަށް ހުރިހާ ބަންގްލަދޭޝް މީހުންވެސް ސަޕޯޓް ކުރުމަށެވެ.

ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ނަމަވެސް، ސެމީ ފައިނަލްގައި، އާ ރޫހެއްގައި ކުޅެ އެކަން ހަނދާން ނައްތާލައިފިއެވެ. ކޯޗު ސެގަޓްގެ ޝުކުރު އެދުވަހު އަމާޒުކުރީ ކުޅުންތެރިންނާއި ދިވެހި ރައްޔިތުންނަށެވެ. އަފްގާނިސްތާނާއެކު ސާފްގެ ފައިނަލްގައި ކުރެވުނު ތަޖުރިބާ ހަނދާން ނައްތާލުމަށް ސެގަޓް ބޭނުން ވަނީ އިންޑިއާ ބަލިކުރާށެވެ.

ތާރީހު އޮތީ އިންޑިއާ ފަޅީގައި ނަމަވެސް، އާބާދީ ގޮތުން އިންޑިއާ ބޮޑު ނަމަވެސް، ސެގަޓްގެ ފިލޯސަފީ ބުނާ ގޮތުން ތަފާތު ގެނުވާނީ ދަނޑު މައްޗަށް އަރާ 11 ކުޅުންތެރިންގެ ބުރަ މަސައްކަތެވެ. ރާއްޖެއިން 2008 ވަނަ އަހަރު އެކަން ސާބިތުވެސް ކޮށްދިނެވެ. އެއީ ކުޅުންތެރިންގެ ގައުމީ ރޫހެވެ. ރައްޔިތުންގެ ލޯތްބާ އުންމީދެވެ.