ޔުއެފާ ޔޫރޯ 2024 އަށް ކޮލިފައިވުމަށް ކުޅުނު ޕްލޭ އޮފް މެޗުގައި ޕެނަލްޓީން ވޭލްސް ބަލިކޮށް ޕޮލަންޑުން އެ މުބާރާތުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައިވެސް އެއްވެސް ޓީމަކަށް ލަނޑެއް ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. މި މެޗުގައި ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ރޭގެ މެޗުގައި ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފެއްދީ ވޭލްސް އިންނެވެ. އެގޮތުން ފުރަތަމަ ހާފު ނިމެނިކޮށް ވޭލްސްގެ ބެން ޑެވިއެސް ވަނީ ގޯލަށް ނުރައްކާކޮށް ބޯޅައެއް ފޮނުވާލާފައެވެ. އޭނާ ބޮލުން ފޮނުވާލި މި ހަމަލާ ވަނީ ގޯލުގެ މަތީ ދަނޑި ކައިރިން ބޭރަށް ގޮސްފައެވެ. ދެވަނަ ހާފު ފަށައިގެންވެސް އެ ޓީމަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ކިއެފާ މޫރޭ ފޮނުވާލި މި ހަމަލާ ޕޮލަންޑުގެ ގޯލު ކީޕަރު ޝެޒްނީ ވަނީ ހިފަހައްޓާފައެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގެ ތެރެއިން ފުރަތަމަ ހަތަރު ޕެނަލްޓީ ދެ ޓީމުންވެސް ވަނީ ކާމިޔާބުކޮށްފައެވެ. ޕޮލަންޑުގެ ފަސްވަނަ ޕެނަލްޓީ ޕިއަޓެޗް ކާމިޔާބު ކުރުމުން ވޭލްސްގެ ޖޭމްސް އަށް ޖަހަން ޖެހުނީ ޕްރެޝަރު ބޮޑު ޕެނަލްޓީއެކެވެ. އޭނާ ފޮނުވާލި މި ޕެނަލްޓީ ޝެޒްނީ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ 'ހީރޯ' އަކަށް ވެފައިވަނީ ވޭލްސްގެ ފަހު ޕެނަލްޓީ ދިފާއުކުރި ޕޮލަންޑުގެ ގޯލު ބެލެހެއްޓި ވޯޝެޒް ޝެޒްނީއެވެ. ވޭލްސްގެ ޖޭމްސް ޖެހި މި ޕެނަލްޓީ ޝެޒްނީ ވަނީ ރަނގަޅު ފަޅިއަށް ޑައިވް ކޮށް ބޯޅަ ދިފާއުކޮށްފައެވެ.

ޝެޒްނީ ވަނީ ޕޮލަންޑަށް 80 މެޗު ކުޅެދީފައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މިހާތަނަށް އޭނާގެ ފަރާތުން ގައުމީ ޓީމަށް އެންމެ މޮޅު ކުޅުމެއް ދެއްކިފައިވަނީ ރޭގެ މެޗުގައެވެ.

ޕޮލަންޑު ހިމެނެނީ ފްރާންސާއި ނެދަލޭންޑްސް އަދި އޮސްޓްރިއާ ހިމެނޭ ގުރޫޕު ޑީ ގައެވެ.

ޔޫރޯ 2024 ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު