ޔޫރޯ 2024 އަށް ކޮލިފައިވުމަށް ކުޅެވުނު ޕްލޭ އޮފް މެޗުގައި ފަހަތުން އަރާ 2-1 އިން އައިސްލޭންޑު ބަލިކޮށް ޔޫކްރެއިނުން މުބާރާތަށް ކޮލިފައިވެއްޖެއެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން އައިސްލޭންޑު ކުރީގައި އޮވެގެންނެވެ. ނަމަވެސް ނަތީޖާ އަނބުރާލައި ޔޫކްރެއިނުން ވަނީ ދެވަނަ ހާފުގައި ދެ ލަނޑު ޖަހާ އައިސްލޭންޑު ލަދުގަންނަވާލައިފައެވެ.

މި މެޗުގައި އައިސްލޭންޑުން ކާމިޔާބުކުރި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަރާލްޑްސަން ގެ އެހީތެރިކަމާއި އެކު ގުޑްމުންޑްސަނެވެ. ނަމަވެސް ޔޫކްރެއިނުން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ނަތީޖާ ބަދަލުކޮށްލާފައެވެ. އެ ގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ސީގަންކޯވް ވަނީ ޔޫކްރެއިނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ރޭގެ މެޗުގައި ޔޫކްރެއިން މޮޅުވި ލަނޑު މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ކާމިޔާބު ކުރީ ޗެލްސީއަށް ކުޅެމުން އަންނަ ފޯވާޑް މުޑްރިކެވެ. ޔޫކްރޭނުގެ ދެ ލަނޑުވެސް ކާމިޔާބު ކުރުމަށް އެހީތެރިވެދިނީ އެ ޓީމުގެ ސުޑަކޯވެވެ.

ޔޫކްރެއިން ދިޔައީ ބެލްޖިއަމް، ސްލޮވޭކިއާ އަދި ރޮމާނިއާ ހިމެނޭ ގުރޫޕު އީ އަށެވެ.

ރަޝިޔާ އަދި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އަމިއްލަ ގައުމުން ބޭރުގައި ހުރިހާ މެޗެއްވެސް ކުޅެން ޖެހުނު ޓީމުގެ ގިނަ ކުޅުންތެރިން ދެކޭ ގޮތުގައި ހަނގުރާމައިގެ ވާހަކަ މުޅި ދުނިޔެއަށް ފޯރުކޮށްދެވެން އެ ގައުމަށް ހަމައެކަނި އޮތް ގޮތަކީ ފުޓުބޯޅައިގައި ކާމިޔާބީއެއް ހޯދައިގެންނެވެ.

ޔޫރޯ 2024 ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުއެވެ. މި އަހަރުގެ މުބާރާތް ބާއްވާނީ ޖަރުމަނުވިލާތުގައެވެ. އެގޮތުން ފުރަތަމަ މެޗު ކުޅޭނީ އެލަޔަންޒް އެރީނާ ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު