ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސްގެ މަގާމަށް، ކުރިންވެސް އެ މަގާމު އަދާކުރެއްވި މުހައްމަދު ލަތީފް އިންތިހާބުވެއްޖެއެވެ

މެންބަރު ކުލަބުތަކުގެ ހާޒިރުގައި ރޭ ސޮލައިޓްގައި ބޭއްވި އެ އެސޯސިއޭޝަނުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ ހުސްވެފައިވާ ހުރިހާ މަގާމުތަކަށް މެންބަރުން އިންތިހާބުކޮށްފައެވެ. އަލަށް އިންތިހާބު ކުރި މެންބަރުންގެ ދައުރު އަންނަ އަހަރަށް ހަމަވާއިރު އެ ފަރާތްތައް ހޮވާފައިވަނީ އެއް އަހަރުގެ މުއްދަތަށެވެ.

ދެ ފަހަރެއްގެ މަތިން ވޮލީ ބޯލް އެސޯސިއޭޝަނުން ވަނީ މި އިންތިހާބު އިއުލާނުކޮށްފައެވެ. ކޮންމެ ފަހަރަކުވެސް ސްޕޯޓްސް ކޮމިޝަނަރގެ އެންގުމުގެ މަތިން އިންތިހާބު ވަނީ މަޑުޖައްސާލާފައެވެ. ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށް ފަހު 90 ދުވަސް ތެރޭ ފާއިތުވި ހަތަރު އަހަރުގެ އޮޑިޓް ރިޕޯޓުތައް ހުށައަޅަން ޝަރުތުކޮށް މި އިންތިހާބު ބާއްވަން ސްޕޯޓްސް ކޮމިޝަނަރ ތޮލާލް ވަނީ ފަހުން ހުއްދަ ދެއްވާފައެވެ.

ވީއޭއެމްގެ ރައީސަށް އިންތިހާބު ކުރެވުނު ލަތީފް

ހުސްވެފައިވާ ވޮލީބޯލް އެސޯސިއޭޝަންގެ މަގާމުތަކަށް ރޭ އިންތިހާބުވި ފަރާތްތަކަކީ ރައީސަކަށް މުހައްމަދު ލަތީފާއި ސީނިއާ ނައިބު ރައީސަކަށް މުހައްމަދު ސާޖިދު އާއި ނައިބު ރައީސް ވޮލީބޯލްގެ މަގާމަށް އަލީ ލަތީފާއި ނައިބު ރައީސް އިދާރީގެ މަގާމަށް އިއްޒަތު ވަހީދާއި ނައިބު ރައީސް / އަންހެން މަގާމަށް އާއިދާ އަބްދުލް ހަކީމާއި ހިންގާ ކޮމިޓީ މެމްބަރުންގެ މަގާމަށް ފަތުހުﷲ ވަހީދާއި ސޮފްވާން އަހުމަދު ޝިޔާމް އަލީ އަދި ހިންގާ ކޮމިޓީ މެމްބަރު / އަންހެން މަގާމަށް އައިޝަތު ފަތީނަތުއެވެ.

މިއިން ކޮންމެ މަގާމަކަށްވެސް ކުރިމަތިލެއްވީ އެންމެ ބޭފުޅެއް ކަމުން ވޮލީބޯލް އެސޯސިއޭޝަންގެ ހިންގާގަވާއިދުގެ 22 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވާ ގޮތަށް އެ ފަރާތްތަކުގެ ކެންޑިޑެސީ ސައްހަވުމާ އެކު، މެންބަރު ކުލަބު ތަކުގެ ހާޒިރުގައި ވަނީ އެބޭފުޅުން އެ މަގާމު ތަކަށް އިންތިހާބުކުރައްވާފައެވެ.

ވީއޭއެމްގެ ރައީސްކަމުގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ރަނޭޝް އެ މަގާމުން އިސްތިއުފާ ދިނުމުންނެވެ. ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ލަތީފު އިންތިހާބު ކުރި އިރު އޭނާ ވަނީ 2016 އިން ފެށިގެން 2021 އާއި ހަމައަށް ކުރިންވެސް އެ މަގާމު ފުރުއްވާފައެވެ.

 

 

 

 

 

ކިޔުންތެރިންގެ ހިޔާލު