ލ.ކުނަހަންދޫގައި މިހާރު ކުރިއަށްދާ ލޮޓަސް ކްރިކެޓް ކާނިވަލްގައި މޭލެ ސްޕޯޓްސް ޖޫނިއާ ޓީމުގެ މައްޗަށް މިލާން ކްރިކެޓް ޓީމުން ކުރި ހޯދައިފިއެވެ.

ކުނަހަންދޫ ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅެވުނު މެޗުގައި ޓޮސް ދިމާވެގެން މިލާން ކްރިކެޓް ޓީމުން ގަސްތުކުރީ ހޮވަން އަރާށެވެ. އެހެންކަމުން މާލެ ޖޫނިއާ ޓީމުން ކުޅެންއަރާ 10 އޯވަރުގެ ތެރޭގައި 7 ވިކެޓަށް ހެދުނީ 92 ލަނޑެވެ.

 

މާލެ ސްޕޯޓްސް ޖޫނިއާ ކްރިކެޓް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 22 ލަނޑު ހެދި މުހައްމަދު މައިސަން އެވެ. މިލާން ކްރިކެޓް ޓީމުން އެންމެ ރަނގަޅަށް އުކީ 23 ލަނޑަށް 2 ވިކެޓު ނެގި ރަޔާން ބިން އަހުމަދު އަހުސަން އެވެ.

ޖަވާބުގައި މިލާން ކުރިކެޓް އެކެޑަމީ ޓީމުން ކުޅެން އަރާ 8 އޯވަރުގެ ތެރޭގައި 5 ވިކެޓަށް 93 ލަނޑު ހަދާ މެޗު ކާމިޔާބު ކުރިއެވެ.

މިލާން ކްރިކެޓް އެކެޑަމީގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އަޒާން އާއި މުހައްމަދު ޒައިން އެވެ. މި ދެކުޅުންތެރިން ވެސް ކޮންމެ ކުޅުންތެރިއަކު 24 ލަނޑު ވަނީ ހަދާފައިއެވެ. މާލެ ސްޕޯޓްސް ޖޫނިއާ ޓީމުން އެންމެ ރަނގަޅަށް އުކީ 19 ލަނޑަށް 2 ވިކެޓު ނެގި މުހައްމަދު މައިސަން އެވެ.

 

ލޮޓަސް އާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވެސް ގެ އެހީތެރިކަމާއި އެކު މިހާރު ލ.ކުނަހަންދޫގައި ކުރިއަށްދާ ލޮޓަށް ކްރިކެޓް ކާނިވަލްގައި މިއަދު ކުޅެވުނު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިލާން ކްރިކެޓް އެކެޑަމީ ޓީމުގެ އަހުމަދު އަޒާން އެވެ. މޮޅު ކުޅުންތެރިޔާއަށް އިނާމް ހުށަހަޅާފައިވަނީ ނާދިޔާ އަބްދުލް ގަފޫރުއެވެ.

މާދަމާވެސް މި މުބާރާތުގެ މެޗެއް ކުޅެވޭނެއެވެ. މާދަމާގެ މެޗުގައި ބައްދަލު ކުރާނީ މިހާރު ޓޭބަލްގެ އެއްވަނައިގައި އޮތް ސޮނީހާޑުވެއާ ޓީމާއި ބަނގްލާ ބެސްޓް 6 ޓީމެވެ. މާދަމާގެ މެޗުވެސް ކުޅެވޭނީ ހަވީރު 4:30 ގައި ކުނަހަންދޫ ކްރިކެޓް ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު