މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓަރެންސް ލީގުގައި މިއަދު ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބް ބައްދަލު ކުރި މެޗު 2-4 ގެ ނަތީޖާ އަކުން ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލެއް ޖަހާ މެޗުގައި ލީޑު ނެގީ ވެސް ދިވެހި ސިފައިންގެ ކުލަބުންނެވެ. މެޗު ފަށައިގެން 12 ވަނަ މިނެޓުގައި މި ގޯލު ދިވެހި ސިފައިންގެ ކުލަބަށް ކާމިޔާބުކޮށްދިނީ އަބްދުލް ސަމަދު އެވެ. އަދި ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަ ވުމުގެ ކުރިން ޕޮލިސް ކުލަބުން ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. މި ގޯލު ޕޮލިސް ކުލަބަށް ކާމިޔާބުކޮށްދިނީ އަހުމަދު ޝާހިދު އެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ގައި އޮވެގެންނެވެ.

 

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ދެ ވަަނަ ހާފު ފަށައިގެން މާ ގިނައރުތަކެއް ނުވަނީސް ދިވެހި ސިފައިންގެ ކުލަބުން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮއްފައެވެ. މެޗުގެ 47 ވަނަ މިނެޓުގައި މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ފަޒަލް އެވެ. މި ގޯލު ކާމިޔާބުކޮށް މާ ގިނައިރުތަކެއް ނުވަނީސް ދިވެހި ސިފައިންގެ ކުލަބުން އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާ ކުރިއެވެ. މެޗުގެ 57 ވަނަ ވިނެޓުގައި މި ގޯލުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ފަޒަލް އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް ދިވެހި ސިފައިންގެ ކުލަބުން އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 1-4 އަށް ބަދަލު ކޮށްލިއެވެ. މި ގޯލުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ފަޒަލް އެވެ. މީ ފަޒަލް މި މެޗުގައި ކާމިޔާބުކުރި ތިންވަނަ ގޯލެވެ. އަދި މިޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅެވުނު އިތުރު ވަގުތުގައި ޕޮލިސް ކުލަބުން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންދާޒް އަހުމަދުއެވެ. މި ގޯލާއިއެކު މެޗު ނިމިގެން ދިޔައީ 2-4 ގެ ނަތީޖާ އަކުން ދިވެހި ސިފައިންގެ ކުލަބު ކުރީގައި އޮވެގެންނެވެ.

 

އެފްއޭއެމް ވެޓަރެންސް ލީގުގައި މިއަދު ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބު ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ދިވެހި ސިފައިންގެ ކުލަބުގެ އަހުމަދު ފަޒަލް އެވެ.

މާދަމާވެސް މި މުބާރާތުގެ މެޗެއް ކުޅެވޭނެއެވެ. މާދަމާގެ މެޗުގައި ބައްދަލު ކުރާނީ މުއިވެޔޮ ފްރެންޑްސް އާއި ސްޓެލްކޯ ކުލަބެވެ. މާދަމާގެ މެޗުވެސް ކުޅެވޭނީ ހަވީރު 4:30 ގައި ހެންވޭރު ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު