ޔުއެފާ ވުމެންސް ޗެމްޕިއަންސް ލީގުގައި ރޭ 4-1 އިން ބެންފީކާ ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލަށް އޮލިމްޕިކް ލިއޯންގެ އަންހެން ޓީމު ދަތުރުކޮށްފިއެވެ.

ލިއޯންސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ވަނީ ކޮންމެ ޓީމަކުން އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ލިއޯނަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކަސްކަރީނޯއެވެ. އޭގެ ދެ މިނެޓު ފަހުން ހާފު ނިމެން ސިކުންތު ކޮޅަކަށް ވެފައިވަނިކޮށް ބެންފީކާ އިން ވަނީ މެޗުހެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލިޑޫއެވެ.

މެޗުގެ ދެވަނަ ހާފި ފެށިގެން 6 މިނެޓު ތެރޭގައި އޮލިމްޕިކްސް ލިއޯނުން ވަނީ މެޗުގައި އިތުރު ލަނޑެއް ޖަހާ ލީޑެއް ނަގާފައެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ކަސްކަރީނޯއެވެ. މި ހާފިގައި މޮޅަށް ކުޅެފައިވަނީ ބެންފީކާ އިންނެވެ. ނަމަވެސް އެ ޓީމަށް އިތުރު ގޯލެއް ކާމިޔާބުކުރެވޭ ގޮތް ވަނީ ނުވެފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައި ލިއޯންއިން ވަނީ އިތުރު ދެ ގޯލު ޖަހާފައެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ދަޔާނީ ފުރަތަމަ ލަނޑު ކާމިޔާބު ކުރިއިރު އޭނާ ވަނީ އޭގެ ފަސް މިނެޓު ފަހުން އިތުރު ލަނޑެއް ޖަހާ މެޗުން ޓީމު މޮޅުކޮށްދީފައެވެ.

އޮލިމްޕިލް ލިއޯން ވަނީ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގިގައިވެސް ބެންފީކާގެ މައްޗަށް 2-1 އިން ކުރި ހޯދާފައެވެ. އެ ޓީމުން ސެމީ ފައިނަލުގެ ޖާގަ ކަށަވަރު ކުރީ ކުޅުނު ދެ މެޗުގެ އެގްރިގޭޓުން 6-2 އިން ކުރި ހޯދަައިގެންނެވެ.

އޮލިމްޕިކް ލިއޯންގެ އިތުރުން ޗެލްސީގެ އަންހެން ޓީމު ވެސް ވަނީ އަޔަކްސާއި ދެކޮޅަށް ކުޅުނު މެޗު އެގްރިގޭޓުން 4-1 އިން ކުރި ހޯދައިގެން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ.

ޔުއެފާ ވުމެންސް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފަހު ދެ ޖާގަ ލިބިގެންދާނީ މިރޭ ބާސެލޯނާ އާއި އެސްކޭ ބްރަން ބައްދަލު ކުރާ މެޗުންނާއި ޕީއެސްޖީ އަދި ބީކޭ ހައެކަން ބައްދަލުކުރާ މެޗުން މޮޅުވާ ދެ ޓީމަކަށެވެ.

ސެމީ ފައިނަލުގައި އޮލިމްޕިކް ލިއޯންއަށް ބައްދަލުކުރަން ޖެހޭނީ ބީކޭ ހައެކަން އާއި ޕީއެސްޖީ ބައްދަލު ކުރާ މެޗު ކާމިޔާބު ކުރާ ޓީމަކާއެވެ. ޗެލްސީއަށް ވާދަ ކުރަން ޖެހޭނީ ބާސެލޯނާ އަދި އެސްކޭ ބްރަން ބައްދަލު ކުރާ މެޗު ކާމިޔާބު ކުރާ ޓީމަކާއެވެ.

ޔުއެފާ ވުމެންސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު