އެފްއޭއެމް ވެޓެރެންސް ލީގުގެ ގުރޫޕު އޭ ގައި މިއަދު ހަވީރު ވިލިމާލެ ވެޓެރެންސްގެ ކޮޅަށް ލަނޑު ގޯންޏެއް ޖަހާ ހުރާ ޓީމުން ސެމީގެ އުއްމީދު އައު ކޮށްފިއެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގެ މިއަދުގެ މެޗުގަައި ހުރާ ޓީމުން ވަނީ ވިލިމާލެ ކޮޅަށް 8 ލަނޑު ޖަހާފައެވެ. މިއަދުގެ މެޗު އެ ޓީމުން ކާމިޔާބު ކުރީ 8-0 އިންނެވެ.

މިއަދުގެ މެޗު ހުރާއިން ފަސޭހަ ކަމާއިއެކު ކާމިޔާބު ކުރި އިރު އެ ޓީމުގެ އިސްމާއިލް މުހައްމަދު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އަލީ ނަޒްމީން ވެސް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އަލީ ޝިޔާމް، މުހައްމަދު އަބްދުاللة އަދި އަހުމަދު ސަމާއު ކޮންމެ ކުޅުންތެރިޔަކު ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

މިއަދު ހޯދި ތިން ޕޮއިންޓާއި އެކު ގުރޫޕު އޭ ގައި ހުރާ ޓީމު އަދި ދިވެހި ސިފައިންގެ ކުލަބު ވަނީ ޕޮއިންޓުގެ ގޮތުން އެއްވަރު ވެފައެވެ. ހުރާ އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ނަމަވެސް ދިވެހި ސިފައިންގެ ކުލަބަށް ކުރިއަށް އެއް މެޗު ކުޅެން އެބައޮތެވެ. އެ މެޗުގައި ސިފައިންގެ ކުލަބު ބައްދަލު ކުރަން ޖެހޭނީ އެ ގުރޫޕުގެ އެއްވަނައިގައި އޮތް ހުޅުމާލެ ވެޓެރެންސް ޓީމާއެވެ.

އާދިއްތަ ދުވަހު ކުޅެވޭ މި މެޗުން ސިފައިންގެ ކުލަބު މޮޅުވެއްޖެނަމަ ނުވަތަ މެޗު އެއްވަރު ވެއްޖެނަމަ ސެމީ ފައިނަލަށް ދާނީ ހުޅުމާލެ ވެޓެރެންސާއި ސިފައިންގެ ކުލަބެވެ. ނަމަވެސް އެ މެޗުން ސިފައިންގެ ކުލަބު ބަލިވެއްޖެނަމަ ސެމީގެ ޖާގަ ލިބޭނީ ހުރާ ޓީމަށެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ އެމްއެސްމޭޓްސް އަދި ލެގޫންސެވެ. މި މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:30 ގައި ހެންވޭރު ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު