އެފްއޭއެމް ވެޓެރެންސް ލީގުގައި އެމްއެސް މޭޓްސް ގެ ފަހު މެޗުގައި ލެގޫންސްގެ މައްޗަށް ފަސޭހަ މޮޅެއް ލިބިއްޖެއެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަކޮށް ކުރިއަށް ގެންދާ މި މުބާރާތުގެ މިއަދުގެ މެޗު އެމްއެސް މޭޓްސް އިން ކާމިޔާބުކުރީ 5-0 އިންނެވެ.

މިއަދު މެޗުގެ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އެމްއެސް މޭޓްސް އަށް ފުރަތަމަ ލީޑު ނަގައިދިނީ އަހުމަދު ނިޝާނެވެ. އޭގެ ހަތަރު މިނެޓު ފަހުން މުހައްމަދު މައުސޫމް ވަނީ އެ ޓީމަށް ދެވަނަ ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑު ފުޅާ ކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން އެމްއެސް މޭޓްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އެ ޓީމަށް މެޗުގައި ލީޑު ފުޅާކޮށް ތިން ވަނަ ލަނޑެއް ކާމިޔާބުކޮށްދިނީ މުހައްމަދު ނިހާން ނަސީރެވެ. އޭގެ މިނެޓެއް ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަ ވަނިކޮށް އަހުމަދު ނިޝާން ވަނީ އެމްއެސް މޭޓްސް އަށް އިތުރު ލަނޑެއް ޖަހައިދީފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި އެމްއެސް މޭޓްސް އަށް މެޗުގެ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މޫސާ ހަސަނެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިއަދުގެ މެޗުގައި ދެ ލަނޑު ކާމިޔާބުކުރި އަހުމަދު ނިޝާނެވެ.

މިއަދުގެ މެޗުން މޮޅުވި ނަމަވެސް އެމްއެސް މޭޓްސް އަށް މުބާރާތުގެ ސެމީ ފައިނަލަށް ދެވޭ ގޮތެއް ނުވިއެވެ. އެ ޓީމަށް ލިބެނީ 6 ޕޮއިންޓެވެ. ނަމަވެސް ދަ ގްރާންޑޭ އަދި މުއިވެޔޮ ޓީމަށް 9 ޕޮއިންޓު ލިބެއެވެ. އެހެން ކަމުން އެ ގުރޫޕުން ސެމީގެ ޖާގަ ލިބިފައިވަނީ އެ ދެ ޓީމަށެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެސް ކުޅެވޭނެއެވެ. މި މެޗުވެސް ކުޅެވޭނީ މާދަމާ ހަވީރު 16:30 ގައި ހެންވޭރު ދަނޑުގައެވެ. މިއީ މި މުބާރާތުގެ ގުރޫޕު އޭ ގެ ފަހު މެޗެވެ. މި މެޗުގައި ބައްދަލު ކުރާނީ ހުޅުމާލެ ވެޓެރެންސް އަދި ދިވެހި ސިފައިންގެ ކުލަބެވެ.

ކިޔުންތެރިންގެ ހިޔާލު