އެފްއޭއެމް ވެޓެރެންސް ލީގު 2024 ގެ ފައިނަލުގައި ޕެނަލްޓީން މުއިވެޔޮ ފްރެންޑްސް ބަލިކޮށް ވިދިވިދިގެން ތިންވަނަ ފަހަރަށް ހުޅުމާލެ ވެޓެރެންސް ޓީމުން މުބާރާތުގެ ތަށި އުފުލާލާ ތަށި މިލްކު ކޮށްފިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެެއް ދެއްކި މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ލަނޑެެއް ކާމިޔާބުނުކުރެވިއެވެ. އެހެންކަމުން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. އެގޮތުން ހުޅުމާލެ ވެޓެރެންސުން ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކުރި އިރު މުއިވެޔޮ އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން އަހުމަދު ނިޔާޒު ފޮނުވާލި ޕެނަލްޓީ ބޭރަށް ދިޔަ އިރު ދެން ޖެހި ތިން ޕެނަލްޓީ އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުޅުމާލޭގެ އަބްދުاللة ހަނީފެވެ.

މިއަދުގެ މެޗު ނިންމާލުމަށްފަހު ވަނީ އެކި މަގާމުތަކަށް ހޮވުނު ފަރާތްތަކަށާއި މުބާރާތުގެ ސްޕޮންސަރުންނަށާއި ޕާޓްނަރުންނަށް ހަނދާނީ ފިލާ ދީފައެވެ.

އެފްއޭއެމް ވެޓެރެންސް ލީގު 2024 ގެ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުއިވެޔޮ ފްރެންޑްސްގެ ޖޯޒީ ނަމްބަރ 14 އަހުމަދު ސައީދު (އައްމަޓީ) އެވެ. އެންމެ މޮޅު ކީޕަރަކަށް ހުޅުމާލޭގެ ކީޕަރު ހަސަން ރަމީޒު ހޮވުނު އިރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ދެ ކުޅުންތެރިން ހޮވިފައިވެއެވެ. އެއީ ހުޅުމާލޭގެ ޖޯޒީ ނަމްބަރ 10 ހުސައިން ޝިމާޒާއި ދިވެހި ސިފައިންގެ ކުލަބުގެ ޖޯޒީ ނަމްބަރ 11 އަހުމަދު ފަޒަލެވެ.

އެފްއޭއެމް ވެޓެރެންސް ލީގުގެ ތަށި ހުޅުމާލެ ވެޓެރެންސް ކުލަބުން ވަނީ 2022 ވަނަ އަހަރާއި މިދިޔަ އަހަރުވެސް ހޯދާފައެވެ. މި އަހަރުގެ މުބާރާތް ކާމިޔާބުކުރުމާއި އެކީ އެ ޓީމަށް މި ތަށި މިލްކުވާނެއެވެ.

މި މުބާރާތުގެ ކޯ ސްޕޮންސަރ އަކީ ސްޓެލްކޯއެވެ. ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ އަދި ބްރޯޑްކާސްޓިންގ ޕާޓްނަރަކީ ޕީއެސްއެމް އެވެ. މީޑިއާ ޕާޓްނަރަކީ ވަގުތު އެމްވީ އެވެ.

ކިޔުންތެރިންގެ ހިޔާލު