1445 ވަނަ އަހަރުގެ ބައިބަލާ މުބާރާތުގެ އިވެންޓް މެނޭޖްމެންޓް ޕާރޓްނަރަކަށް އޮފިޝިއަލް އިވެންޓްސް އާއި ބައިބަލާ އެސޯސިއޭޝަނާއި އެކު ސޮއިކޮށްފިއެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އޮފިޝިއަލް އިވެންޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހުމަދު އަދުހަމް (އަންދު) އެވެ. އަދި ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ ސައީދު އަލީ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބައިބަލާ އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ ސައީދު އަލީ ވިދާޅުވީ ކޮންމެ އަހަރަކުވެސް ބާއްވާ ބައިބަލާ މުބާރާތަކީ އެސޯސިއޭޝަނުން ބާއްވާ އެންމެ ބޮޑު ހަރަކާތް ކަމަށް ވުމުން އެ މުބާރާތުގެ ކަންކަން އެންމެ ފުރިހަމައަށް ގެންދިއުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.

އޭގެ އިތުރުން، އެ މުބާރާތުގެ އިންތިޒާމް އަހަރަކަށް ވުރެ އަހަރެއް ރަނގަޅުކުރުމަށްޓަކައި އެންމެ ގާބިލް އަދި އެންމެ ތަޖުރިބާހުރި ޕާޓްނަރުން ނެގުމަކީ އެސޯސިއޭޝަނުން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމުގައި ސައީދު ވިދާޅުވިއެވެ. ސައީދު އިތުރަށް ވިދާޅުވީ މުބާރާތުގެ އިވެންޓު މެނޭޖުމެންޓް ޕާރޓްނަރަކަށް އޮފިޝަލް އިވެންޓްސް އާއެކު ސޮއި ކުރުމުން މުބާރާތުގެ އިންތިޒާމްތަށް ފުރިހަމަވާނެ ކަމަށް އެސޯސިއޭޝަނުން ދެކޭ ކަމަށެވެ.

އޮފިޝަލް އިވެންޓްސްގެ ސިއީއޯ އަހުމަދު އަދުހަމް (އަންދު) ވިދާޅުވީ ބައިބަލާ މުބާރާތަކީ އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ މުބާރާތަކަށް ވުމުން އެންމެ އިސްކަމެއްދޭނީ އެހެން އަހަރުތަކަށް ވުރެ ފެންވަރު ރަނގަޅުކޮށް އިވެންޓު މެނޭޖު ކުރުމަށް ކަމަށެވެ.

ފޮޓޯ: ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވެސް

"އިރާދަކުރެއްވިއްޔާ ބައިބަލާ އެސޯސިއޭޝަނުން ބޭނުންވާ ލެވަލްގައި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓު އިންތިޒާމްތައް ކުރިއަށް ގެންދެވޭނެ." އަންދު ވިދާޅުވިއެވެ.

އޮފިޝަލް އިވެންޓްސްއަކީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ގިނަ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކުގެ އިވެންޓް މެނޭޖުކޮށްފައިވާ ކުންފުންޏެވެ. އެގޮތުން އެކުންފުނިން އިވެންޓް މެނޭޖުކޮށްފައިވާ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މުބާރާތަކީ ބައިނަލްއަގުވާމީ ބޮޑީބޯޑިންގ ޗެމްޕިއަންޝިޕެވެ. އެ މުބާރާތަކީ ބޮޑީބޯޑިންގެ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ޗެމްޕިއަންޝިޕެވެ.

އޭގެ އިތުރުން އޮފިޝަލް އިވެންޓްސްއިން މެނޭޖުކޮށްފައިވާ ބޮޑެތި އެހެން އިވެންޓްސް ތަކުގެ ތެރޭގައި ހިމެނެނީ:

  • . ވޯލްޑް ބީޗް ވޮލީ ޓުއަރ 2022
  • . އޭބީބީއެފް-54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕް
  • . 13 ވަނަ ސައުތް އޭޝިއަން ބޮޑީ ބިލްޑިންގ އެންޑް ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕް
  • . ސައުތް އޭޝިއަން ޖޫނިއަރ ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022
  • . ސައުތް އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2023

މީގެ އިތުރުންވެސް ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ފާހަގަކޮށްލެވޭ އިވެންޓްތައް ކަމަށްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑް، ގައުމީ ދުވަސް، މިނިވަން ދުވަސް ފަދަ ސަރުކާރުން ފާހަގަކުރާ ދުވަސްތަކުގެ ރަސްމީ ޖަލްސާތައް އޮފިޝަލް އިވެންޓްސްއިން ވަނީ މެނޭޖުކޮށްދީފައެވެ. އޮފިޝަލް އިވެންޓްސްއިން މެނޭޖުކުރި އިވެންޓަކަށް އާންމުންގެ އެންމެ ބޮޑު ސަމާލުކަމެއް އަމާޒުވި އެއް އިވެންޓަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިޒު ހުވާކުރުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެވެ.

އޮފިޝަލް އިވެންޓްސް އަކީ ރާއްޖޭގެ އިވެންޓް މެނޭޖުމެންޓް އިންޑަސްޓްރީގައި އެންމެ އުހުގައި ފާހަގަކޮށްލެވޭ ކުންފުންޏެވެ. ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އިވެންޓްތަކާއި އަދި ރާއްޖޭގައި ބާއްވާ އެންމެ ބޮޑެތި އިވެންޓްތައް މެނޭޖުކުރުމުގެ ސަބަބުން ރާއްޖެއާއި ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކާއި އަދި ވަކިން ހާއްސަކޮށް ރިސޯޓްތަކަށް އޮފިޝަލް އިވެންޓްސް އަކީ އިވެންޓް މެނޭޖުމެންޓް ދާއިރާގެ މަގްބޫލު އަދި އިތުބާރު ކުރާ ބައިވެރިއެކެވެ.

ކޮންމެ ހިޖުރީ އަހަރުގެ ވެސް ފިތުރު އީދާއި ދިމާކޮށް ބައިބަލާ އެސޯސިއޭޝަންއިން ބާއްވާ ބައިބަލާ މުބާރާތަކީ ރާއްޖޭގެ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު މުބާރާތެކެވެ. އެ މުބާރާތުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވާއިރު، މުުބާރާތުގެ ސަބަބުން ޒުވާނުންގެ މެދުގައި ކުޅިވަރުގެ ވާދަވެރިކަން ބޮޑުވެއެވެ.

މި އަހަރު އީދު ބައިބަލާ ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ އެމްޓީސީސީ އެވެ. އަދި މުބާރާތުގެ ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި ކުޅިވަރާއި ހަށިހެޔޮކާމާއިބެހޭ ވުޒާރާގެ އިތުރުން އެޗްޑީސީ އާއި އެސްޓީއޯ ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު