އއ.ތޮއްޑޫގައި ކުޅެވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޯސަން ފުޓްސަލް ކަޕް" އީދު ދުވަހު ފަށާނެއެވެ.

ސޯސަން ކުލަބުން އިންތިޒާމުކޮށްގެން ތޮއްޑޫގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި މިއަހަރު 12 ޓީމަކުން ވާދަކުރެއެވެ. މިއީ ތޮއްޑޫގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ.

ސޯސަން ކުލަބުގެ ފަރާތުން މިދިޔަ ދެ އަހަރުވެސް މި މުބާރާތް ކުރިއަށް ގެންދިޔައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި 35،000 ރުފިޔާ ދީފައިވާއިރު މިއަހަރުގެ މިބާރާތުގައި ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި 40،000 ރުފިޔާގެ އިނާމެއް ދިނުމަށް ސޯސަން ކުލަބުން ވަނީ ނިންމާފައެވެ.

 

ފޮޓޯ: ސޯސަން ކުލަބް

މި މުބާރާތުގެ ގުރުއަތުލުން މި މަހުގެ 5 ވަނަ ދުވަހުގެރޭ ތޮއްޑޫ ސޯސަންވިލާގައި ބާއްވާފައިވާއިރު، މި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ އަމީގޯސް އާއި ޔަންގު ޕްލޭޔާސްއެވެ.

މި މުބާރާތުގައި ޗެމްޕިއަން ޓީމްގެ އިތުރުން ރަނާއަޕް ޓީމު އަދި ފެއަރ ޕްލޭ ޓީމުވެސް ހޮވުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކީޕަރު، މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހިކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް ހޮވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިން އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ ވެސް ހޮވުމަށް ހަމަޖެހިފައިވެއެވެ. އަދި މުބާރާތުގައި ކުޅެވޭ 35 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާ ވެސް ހޮވުމަށް ހަމަޖެހިފައިވެއެވެ. އަދި އެންމެ ސަރަފުވެރި މަގާމު ކަމުގައިވާ މުބާރާތުގެ ކިންގް ގެ މަގާމުވެސް ހޮވުމަށް ހަމަޖެހިފައިވެއެވެ.

 

ފޮޓޯ: ސޯސަން ކުލަބް

4 ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތް އީދު ދުވަހުގެރޭ ފެށުމަށް ހަމަ ޖެހިފައިވާއިރު މި މުބާރާތް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. ކޮންމެ ގުރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ އަށް ދާ ޓީމުތައް ވާދަކުރާނީ ކުއާޓަރ ފައިނަލްގައެވެ. ކުއާޓަރ ފައިނަލްގެ ހަތަރު މެޗުން މޮޅުވާ ހަތަރު ޓީމު ސެމީ ފައިނަލްގައި ވާދަ ކުރުމަށް ހަމަޖެހިފައިވާއިރު، ސެމީ ފައިނަލްގެ ދެ މެޗު ކާމިޔާބު ކުރާ ދެ ޓީމު މި މަހުގެ 15 ވަނަ ދުވަހުގެ ފައިނަލްގައި ކުޅެވޭނެއެވެ.

ތޮއްޑޫ ސޯސަން ކުލަބުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ "ސޯސަން ފުޓްސަލް ކަޕް 2024" ގެ މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިންއެވެ.

ކިޔުންތެރިންގެ ހިޔާލު