މި އަހަރުގެ ފިތުރު އީދާއި ދިމާކޮށް ށ.މިލަންދޫ ކައުންސިލް ރެކްރިއޭޝާން ކުލަބުން އިންތިޒާމްކުރާ ފުޓްސަލްގެ ބޮޑު މުބާރާތަކާއި ހޭންޑްބޯޅަ މުބާރާތެއް ބޭއްވުމަށް އެ ކުލަބުން ތައްޔާރުވެއްޖެއެވެ.

މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކުލަބުން އިންތިޒާމުކޮށްގެން ބާއްވަން ތައްޔާރުވެފައިވާ، މިލަންދޫ ކައުންސިލް ފުޓްސަލް މުބާރާތަކީ އެތައް ގޮތަކުން ފާހަގަ ކޮށްލެވޭ މުބާރާތެކެވެ. ފުޓްސަލްގައި ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް މި މުބާރާތުން ފެނިގެން ދާނެއެވެ.

މިލަންދޫގެ ޓީމުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ކައުންސިލް ފުޓްސަލް މުބާރާތުގައި މިއަހަރު 8 ޓީމަކުން ބައިވެރިވެފައިވެއެވެ. މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވާއިރު، މި މުބާރާތް ކުރިއަށްދާނީ 2 ގުރޫޕަކަށް ބަހާލައިގެންނެވެ.

މިލަންދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ގުރޫޕު އޭ ގައި ހިމެނެނީ ޑީއެސްކިއު، އީގަލްސް، ލިންކްސް ސްޕޯޓްސް އަދި ޔަންގްސްޓާސް އެވެ. އަދި މީގެ އިތުރުން ޗޮލްކޯ ޔުނައިޓެޑް، ސިކްސް ޕެކް ސްޕޯޓްސް ކުލަބް، ތޮޅި އެފްސީ އަދި ކަލާފާނު އެފްސީ ހިމެނެނީ ގުރޫޕު ބީ ގައެވެ.

މިލަންދޫ ކައުންސިލް ފުޓްސަލް މުބާރާތް އަންނަ ބުދަ ދުވަހުގެރޭ ފެށުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމު ތަކުގައި ރަށުންބޭރު 2 ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ލިބިފައިވެއެވެ. އެހެން ކަމުން މި ފުރުސަތުގެ ބޭނުންހިފާ ރާއްޖޭގެ ފުޓްސަލްގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވަނީ ހިމަނާފައެވެ. މިގޮތުން ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ހުސެއިން ޝަރީފު (އޮންލީ) އާއި ސާމިން މުހައްމަދު ރަޝީދު ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރުން މުހައްމަދު އައްޒާމު އާއި އިބްރާހިމް ރިމާހު ގެ އިތުރުން އިބްރާހިމް ނަދާދު އާއި އަޔާޒް މުހައްމަދު (އަޔާ) ވެސް މި މުބާރާތުން ފެނިގެން ދާނެއެވެ.

މި މުބާރާތުގައި ފާހަގަކޮށްލެވޭ ދިވެހި ކުޅުންތެރިންގެ އިތުރުން މި މުބާރާތުގައި ރާއްޖޭން ބޭރުގެ ކުޅުންތެރިއަކުވެސް ފެނިގެން ދާނެއެވެ. ކުލަބް މޯލްޑިވްސް ގައި ކުރިން ކުޅުނު އީރާނުގެ އަލީ ހޮދާދީ ވެސް މި މުބާރާތުން ފެނިގެން ދާނެއެވެ.

ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގުރޫޕު ސްޓޭޖުގެ މެޗުތައް ބުދަ ދުވަހުގެރޭ އިން ފެށިގެން ހުކުރު ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ. އާދިއްތަ ދުވަހު ސެމީ ފައިނަލްގެ ދެ މެޗުތައް ކުޅުމަށް ނިންމާފައިވާއިރު މުބާރާތުގެ ފައިނަލް މި މަހުގެ 16 ވަނަ ދުވަހު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިލަންދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި ބައިވެރިވެފައިވާ ހުރިހާ ޓީމެއްވެސް މި ވަނީ މުބާރާތަައް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެހެން ކަމުން މި މުބާރާތުގައި ފޯރިގަދަ މެޗުތަކެއް ފެނިގެން ދާނެ ކަމަށް ގަބޫލުކުރެވެއެވެ.

މިއަހަރުގެ ފިތުރު އީދާއި ދިމާކޮށް މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކުލަބުން އިންތިޒާމު ކުރާ އަނެއް މުބާރާތަކީ މިލަންދޫ ކައުންސިލް ހޭންޑް ބޯޅަ މުބާރާތެވެ. މެދުކެނޑުމަކަށްފަހު މިލަންދޫ ކައުންސިލް ހޭންޑުބޯޅަ މުބާރާތް މިއަހަރު ބާއްވާއިރު މި މުބާރާތުގައި 4 ޓީމެއްވަނީ ބައިވެރިވެފައެވެ.

މިލަންދޫ ކައުންސިލް ހޭންޑުބޯޅަ މުބާރާތް ބުރާސްފަތި ދުވަހުގެ ހަވީރު ފެށުމަށް ހަމަޖެހިފައި ވާއިރު، ހޯމަ ދުވަހުގެ ނިޔަލަށް މި މުބާރާތް ކުރިއަށް ދާނެއެވެ. މި މުބާރާތުގައި ބައިވެރިވެފައި ވަނީ ޑެޒްލިން، ރެޑް ބީޓަލްސް ލޭޑީބަގްސް ގެ އިތުރުން ޑްރިބްލް އެވެ. މުބާރާތުގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވާއިރު މި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަ ކުރާނީ ރެޑް ބީޓްސް އާއި ޑެޒްލިން އެވެ.

ށ.މިލަންދޫއަކީ ކުޅިވަރުގައި ފާހަގަކޮށްލެވޭ ރަށެކެވެ. މިގޮތުން މިނިވަން ޗެމްޕިއަންޝިޕް ގެ ގަދަ 4 ޓީމުގެ ތެރޭގައި ހިމެނި މިލަންދޫ ފުޓްބޯޅަ ޓީމު ރާއްޖޭގެ ފުރަތަމަ ޑިވިޝަން ދިވެހި ޕްރިމިއަރ ލީގުގައި ވާދަކޮށްފައިވެއެވެ. މީ ފުޓްބޯޅައިން އެ ރަށަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބެވެ.

ކިޔުންތެރިންގެ ހިޔާލު