އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445 ގެ ފުރަތަމަ މެޗު އަންނަ ބުރާސްފަތި ދުވަހުގެރޭ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި ކުލަބް ޓީނޭޖް އަދި ކުލަބް ޒެފްރޯލް ބައްދަލު ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ތައްޔާރު ވަމުން އަންނަ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖުގެ ގުރުއަތުލުން އިއްޔެ ކެފޭ ޑި މާލޭގައި ކުރިއަށް ދިޔައިރު މުބާރާތުގެ ޖުމްލަ 33 ޓީމެއް ވާދަކުރާނެއެވެ.

ފޮޓޯ: ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވެސް

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445 ބުރާސްފަތި ދުވަހުގެރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފުރަތަމަރޭ ހަ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ މެޗުގައި ކުލަބް ޓީނޭޖް އާއި ކުލަބް ޒެފްރޯލް ވާދަ ކުރާއިރު އެރޭ ދެވަނަ މެޗުގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކުލަބާއި ލިޓްލް ޓައުންއެވެ.

ތިންވަނަ މެޗުގައި ޔުނައިޓެޑް އީސްޓް ކޯސްޓް އާއި އީސީ އެކްސް އީގަލް ވާދަކުރާއިރު ހަތަރު ވަނަ މެޗުގައި ވީކޭ ސްޕޯޓްސް ކުލަބާއި މަސްއޮޑި ވޯވޯ ވާދަ ކުރާނެއެވެ. މީގެ އިތުރުން ފަސް ވަނަ މެޗުގައި ވާދަ ކުރާނީ ބުރު ސްޕޯޓްސް ކުލަބާއި ވީކޭ ވަކަންޑާއެވެ. އަދި ހަ ވަނަ މެޗުގައި ވާދަ ކުރާނީ ކުލަބް ވޯންޓެޑް އާއި ޓީސީ ގޯޅިއެވެ.

ފޯރިއާއި އެކު ކޮންމެ އަހަރަކުވެސް ކުރިއަށްދާ ބައިބަލާ މުބާރާތަކީ ޒުވާނުންގެ މެދުގައި ވަރަށް ބޮޑު ޝައުގުވެރިކަމެއް އޮންނަ މުބާރާތެކެވެ. ވާދަވެރިކަން ބޮޑު މި މުބާރާތައް ޓީމުތަކެއް ވަރަށް ބޮޑަށް ތައްޔާރު ވެއެވެ. މިގޮތުން މިހާރު ހުރިހާ ޓީމެއްވެސް ޕްރެކްޓިސްތައް ފަށައިގެން ކުރިއަށްދާއިރު ގިނަ ޓީމުތަކުގެ ޖާޒީތައްވެސް ދަނީ ސޯޝާލް މީޑިއާގައި ދައްކާލަމުންނެވެ.

މިއަހަރުގެ މުބާރާތުގެ ފުރަތަމަ މެޗަކީ ވެސް ފޯރި ގަދަ ވާނެ މުބާރާތެކެވެ. މިއަހަރުގެ މުބާރާތް ފެށާ މެޗުގައި ވާދަ ކުރާ ދެ ޓީމަކީވެސް ބައިބަލާގެ މައިދާނުގައި ފާހަގަކޮށްލެވޭ ދެ ޓީމެވެ. އެކި އަހަރު ތަކުގައި ބައިބަލާ ޗެލެންޖުގެ ޗެމްޕިއަންކަން ހޯދައިފައިވާ ދެ ޓީމެވެ. މިސްޓަރ ބައިބަލާއިން މި ދެ ޓީމުންވެސް އުފެދިފައިވެއެވެ. އެހެންކަމުން ކުލަބް ޓީނޭޖް އާއި ކުލަބް ޒެފްރޯލް އަކީ ބައިބަލާގެ މައިދާނުގައި ވަރުގަދަ ދެ ބާރެވެ.

 

ފޮޓޯ: ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވެސް

މިއަހަރުގެ މުބާރާތައްވެސް ބޮޑެތި ތައްޔާރީ ތަކެއް ވެފައިވާ ކުލަބް ޓީނޭޖުން މިދިޔައަހު ހޯދި ތައްޓާއި އެކު އީދު ބައިބަލާގެ ތަށި 4 އަހަރު ކާމިޔާބުކޮށްފައިވެއެވެ. މިގޮތުން 2001، 2004، 2017 އަދި މިދިޔަ އަހަރުގެ ތަށިވެސް ހޯދާފައިވަނީ ކުލަބް ޓީނޭޖު އެވެ.

އީދު ބައިބަލާ ޗެލެންޖު ބާއްވަން ފެށީގެން ކުލަބް ޒެފްރޯލް ގެ ނަމަކީ ބައިބަލާގެ މައިދާނުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ނަމެވެ. މިއަހަރުގެ މުބާރާތައްވެސް ފުރިހަމައަށް ތައްޔާރުވެފައިވާ ޒެފްރޯލް ވަނީ ބައިބަލާ ޗެލެންޖުގެ ތަށި 2 އަހަރު ހޯދާފައެވެ. 2003 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ ތަށި ވަނީ ހޯދާފައެވެ.

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ މުލަ މޯލްޑިވެސް ޖޮޒްޓީ ޕީއެސްއެމް ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

 

 

ކިޔުންތެރިންގެ ހިޔާލު