ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ރެއާލް މެޑްރިޑް އަދި މެންޗެސްޓަރ ސިޓީ ބައްދަލު ކުރި މެޗު 3-3 އިން އެއްވަރުވެއްޖެއެވެ.

ރެއާލް މެޑްރިޑްގެ ދަނޑު ސަންތިއަގޯ ބާނެބޫގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުގައި މެންޗެސްޓަރ ސިޓީން ވަނީ މެޗުގެ ވަރަށް ކުރީ ކޮޅު ލަނޑެއް ޖަހާފައެވެ. ނަމަވެސް ރެއާލުން ވަނީ ފަހަތުން އަރާ ދެ ލަނޑު ޖަހާ މެޗުގައި ލީޑެއް ނަގާފައެވެ. ނަމަވެސް ދެވަނަ ހާފުގައި މެންޗެސްޓަރ ސިޓީން ވަނީ އިތުރު ދެ ލަނޑު ޖަހާ މެޗުގައި އަނެއްކާވެސް ލީޑެއް ނަގާފައެވެ. ސިޓީން ލީޑު ނެގިތާ ގިނަ އިރުތަކެއް ނުވެ ރެއާލުން މެޗުގެ ނަތީޖާ ވަނީ ހަމަހަމަ ކޮށްފައެވެ.

މެންޗެސްޓަރ ސިޓީން މެޗުގައި ޖެހި ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނެޓުގައި ކާމިޔާބު ކުރީ ބެނާޑޯ ސިލްވާއެވެ. މިއީ ސިޓީގެ ގްރީލިޝް އަށް ރެއާލްގެ މެދު ތެރެއަށް ކުޅެމުން އަންނަ ޗޫމިނީ ކުރި ފައުލަކާއި ގުޅިގެން ލިބުުނު ހިލޭ ޖެހުމަކުން ސިލްވާ ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް އޭގެ 10 މިނެޓު ފަހުން ރެއާލުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއީ ރެއާލްގެ ކަމަވިންގާ ފޮނުވާލި ހަމަލާއެއް ސިޓީގެ ރުބެން ޑިއާޒްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ. އޭގެ ދެ މިނެޓު ފަހުން ރެއާލުން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގައި ލީޑެއް ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯއެވެ. ފުރަތަމަ ހާފު ނިމުނީ 2-1 އިން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެންޗެސްޓަރ ސިޓީ އަދި ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗުގެ ތެރެއިން

ދެވަނަ ހާފު ފަށައިގެން ދެ ޓީމުންވެސް އައީ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. މެޗުގެ 66 ވަނަ މިނެޓުގައި މެންޗެސްޓަރ ސިޓީން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޖޯން ސްޓޯންސް ޖައްސާލި ބޯޅަ އަކުން ފިލް ފޯޑެން ގޯލާއި އަމާޒުކޮށް ފޮނުވާލި ރީތި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ ފަސް މިނެޓު ފަހުން ސިޓީން ވަނީ މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ގޯލަކީ ސިޓީގެ ފަހަތަށް ކުޅެމުން އަންނަ ގާޑިއޯލް ކާމިޔާބު ކުރި ލަނޑެކެވެ. ރެއާލްގެ އޭރިޔާ ބޭރުން ފޮނުވާލި މި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ކަނަށެވެ. މި ލީޑުގައި ސިޓީއަށް މާ ގިނައިރު އޮވެވޭ ގޮތެއް ނުވިއެވެ. ސިޓީން ލީޑު ނެގިތާ އަށް މިނެޓު ފަހުން ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. ސިޓީ އޭރިޔާ ތެރެއިން ވިނީޝިއަސް ހިއްލާލި ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފެޑެރީކޯ ވަލްވާޑޭއެވެ. މެޗު ނިމިގެން ގޮސްފައިވަނީ 3-3 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ސިޓީގެ ފިލް ފޮޑެންއެވެ.

މެންޗެސްޓަރ ސިޓީ އަދި ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ އިތުރު މެޗެއްވެސް ރޭ ވަނީ ކުޅެފައެވެ. އާސެނަލް އަދި ބަޔާން މިޔުނިކް ބައްދަލު ކުރި މި މެޗުވެސް ވަނީ އެއްވަރުވެފައެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ސިޓީ އަދި ރެއާލް ދެން ބައްދަލު ކުރާނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މި މެޗު ކުޅެވޭނީ މެންސްޓަރ ސިޓީގެ ދަނޑުގައެވެ. އެހެންކަމުން ހޯމް އެޑްވާންޓޭޖް އޮތީ ސިޓީއަށެވެ. މި މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނެއެވެ. މި މެޗަކީ އެއްވަރު ވެއްޖެނަމަ ޕެނަލްޓީ ޖަހައިގެންވެސް ނަތީޖާ ނެރެން ޖެހޭނެ މެޗެކެވެެ.