ނ.ހޮޅުދޫގައި ރޭ ފެށި ބާފާ ސޮކަރ ކަޕްގެ ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ބީއެފްސީ ބަލިކޮށް މިދިޔަ އަހަރުގެ ޗެމްޕިއަން އެފްސީ ބޭސްސިޓީ އިން ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ބެންޔަންސް އެސޯސިއޭޝަންސް ފޯ އޯލް (ބާފާ) އިން އިންތިޒާމުކޮށްގެން ނ.ހޮޅުދޫގައި ރޭ ފެށި 15 ވަނަ ބާފާ ސޮކަރ ކަޕްގެ ފުރަތަމަ މެޗުގައި ރޭ އެފްސީ ބޭސް ސިޓީއާއި ބީއެފްސީ ބައްދަލުކުރި މެޗު އެފްސީ ބޭސްސިޓީ އިން ކާމިޔާބުކުރީ 0-5 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި އެފްސީ ބޭސްސިޓީގެ ހައިޝަމް ރަޝީދު އެ ޓީމަށް 3 ގޯލު ކާމިޔާބުކޮށްދީ ހެޓްރިކް ހަދާފައިވެއެވެ. އަދި މީގެ އިތުރުން އިބްރާހިމް ރަޝީދު އަބޫބަކުރު އަދި އަހުމަދު ޙާތިމް ކޮންމެ ކުޅުންތެރިޔަކު 1 ގޯލު ވަނީ އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.

 

ބާފާ ސޮކަރ ކަޕް- ފޮޓޯ: ނޫނު ފޮޓޯސް

ބާފާ ސޮކަރ ކަޕްގައި ރޭ ބީއެފްސީ އާއި އެފްސީ ބޭސްސިޓީ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ބޭސްސިޓީގެ ހައިޝަމް ރަޝީދުއެވެ.

ނ.ހޮޅުދޫގެ ޓީމުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މި އަހަރު 4 ޓީމެއް ވާދަކުރެއެވެ. މި މުބާރާތަކީ ނ.ހޮޅުދޫގެ އިތުރުން މުޅި ނޫނު އަތޮޅުގައިވެސް ދާއިމީ ގޮތެއްގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަދުވަސްވީ މުބާރާތެވެ. ބެންޔަންސް އެސޯސިއޭޝަންސް ފޯ އޯލް (ބާފާ) އިން މިއަހަރު ކުރިއަށް މި ގެންދަނީ ބާފާ ސޮކަރ ކަޕްގެ 15 ވަނަ މުބާރާތެވެ.

މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ މެދުގައި ލީގު އުސޫލުންކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލްގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި ލީގު ބުރުގެ ދެވަނަ އަދި ތިންވަނައަށް ދާ ދެ ޓީމު ސެމީ ފައިނަލްގައި ވާދަ ކުރަންޖެހޭނެއެވެ. ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުވެގެންދާނީ ސެމީފައިނަލް މެޗު ކާމިޔާބު ކުރާ ޓީމަކަށެވެ.

 

ބާފާ ސޮކަރ ކަޕް- ފޮޓޯ: ނޫނު ފޮޓޯސް

ބާފާ ސޮކަރ ކަޕްގައި މިރޭވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭގެ މެޗުގައި ވާދަކުރާނީ ޓީސީއޯސީ އާއި ކެއްތެރި އެވެ. މިރޭގެ މެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ 8:30 ގައި ހޮޅުދޫ ޓާފް ދަނޑުގައެވެ.

ބާފާ ސޮކަރ ކަޕް 2024 ގެ މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިންނެވެ.

ކިޔުންތެރިންގެ ހިޔާލު