ޔުއެފާ ޗެމްޕިއަންސް ލީގް ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި ބުރޫޝިއާ ޑޯޓްމަންޑްއާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއަކުން އެތުލެޓިކޯ މެޑްރިޑް ކާމިޔާބުކޮށް ސެމީ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފިއެވެ.

އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީވެސް އެ ޓީމުންނެވެ. މެޗުގެ ފުރަތަމަ ހާފު ނުނިމެނީސް އެތުލެޓިކޯ މެޑްރިޑުން ވަނީ ދެވަނަ ގޯލެއް ވެސް ކާމިޔާބުކޮށްފައެވެ. މެޗުގައި ޑޯޓްމަންޑްއަށް ކާމިޔާބު ކުރެވުނު ހަމަ އެކަނި ގޯލު ފެނިގެން ދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް އެތުލެޓިކޯ މެޑްރިޑްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފިއެވެ. މެޗުގެ 4 ވަނަ މިނެޓުގައި މި ގޯލު އެތުލެޓިކޯއަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯ ޑި ޕައުލާ އެވެ.

މެޗުގެ ފުރަތަމަ ހާފު ނުނިމެނީސް އެތުލެޓިކޯއިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެންޓުއާން ގްރީޒްމަން ޑޯޓްމަންޑްގެ ޕެނަލްޓީ އޭރިޔާގެ ތެރޭގައި ހުރެ ފައިން އެއްލި ބޯޅަ ގޯލު ތެރެއަށް ވައްދާލައި މެޗުގެ 32 ވަނަ މިނެޓުގައި އެތުލެޓިކޯއަށް މި ގޯލު ކާމިޔާބުކޮށްދިނީ ލިނޯއެވެ.

ރަށުންބޭރުގައި ވާދަވެރި ކުޅުމެއްދެއްކި ޑޯޓްމަންޑް އަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް މި މެޗުގައި ލިބިގެން ދިޔައެވެ. އެހެން ނަމަވެސް ޑޯޓްމަންޑްއަށް ކާމިޔާބު ކުރެވުނީ އެންމެ ގޯލެކެވެ. މެޗުގެ 81 ވަނަ މިނެޓުގައި މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނިކުތް ސެބަސްޓިއަން ހޯލާ އެވެ.

ޑޯޓްމަންޑްއިން ކާމިޔާބުކުރި ގޯލަށް ފަހުވެސް އެ ޓީމުން ވަނީ ނުރައްކާތެރި ހަމަލާތަކެއް އެތުލެޓިކޯގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ. މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް އެ ޓީމުން ފޮނުވާލި ހަމަލާވެސް އަމާޒުވެގެން ދިޔައީ އެތުލެޓިކޯގެ ގޯލު ދަނޑިއާއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގް ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި މި ދެޓީމު ދެން ވާދަކުރާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. މި މެޗު ކުޅޭނީ ޑޯޓްމަންޑްގެ ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު