ނ.ހޮޅުދޫގައި މިހާރު ކުރިއަށްދާ ބާފާ ސޮކަރ ކަޕްގައި ބީއެފްސީ އަދި ޓީސީއޯސީ ވާދަކުރި މެޗު އެއްވަރުވި އިރު އެފްސީ ބޭސްސިޓީއާއި ކެއްތެރި ވާދަކުރި މެޗު 0-6 ގެ ނަތީޖާއަކުން އެފްސީ ބޭސްސިޓީ އިން ކާމިޔާބުކޮށްފިއެވެ.

ބެންޔަންސް އެސޯސިއޭޝަންސް ފޯ އޯލް (ބާފާ) އިން އިންތިޒާމުކޮށްގެން ނ.ހޮޅުދޫގައި ދާއިމީ ގޮތެއްގައި ބޭއްވޭ އެންމެ ގިނަދުވަސްވީ މުބާރާތް ކަމަށްވާ ބާފާ ސޮކަރ ކަޕް ގައި އެފްސީ ބޭސްސިޓީ އިން ކެެއްތެރި މައްޗަށް ކުރި ހޯދާ މި މުބާރާތުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް މިވަގުތު އޮތީ ޓޭބަލްގެ އެއްވަނައިގައެވެ.

ބާފާ ސޮކަރ ކަޕް- ފޮޓޯ: ނޫނު ފޮޓޯސް

އެފްސީ ބޭސްސިޓީއިން މި މެޗު ފަށައިގެން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ ލީޑު ނަގާފައެވެ. މެޗުގެ 6 ވަނަ މިނެޓުގައި އެ ޓީމަށް ގޯލު ކާމިޔާބުކޮށްދިނީ ހައިޝަމް ރަޝީދު އެވެ. އަދި މި ގޯލު ބޭސްސިޓީ އިން ކާމިޔާބުކުރިތާ މިނެޓެއް ފަހުން އަނެއްކާވެސް އެ ޓީމުން އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކުރިއެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ސައްޔާހުއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-2 ގެ ނަތީޖާއަކުން އެފްސީ ބޭސްސިޓީ ކުރީގައި އޮވެގެންނެވެ.

މޮޅުކުޅުމެއް މި މުބާރާތުގައި ދައްކަމުން އަންނަ އެފްސީ ބޭސްސިޓީ އިން މި މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް މޮޅު ކުޅުމެއް ދެއްކިއެވެ. ކެއްތެރީގެ ގޯލަށް ނުރައްކާ ކުރަމުންދިޔަ ބޭސްސިޓީ މެޗުގެ 53 ވަނަ މިނެޓުގައި އިތުރު ގޯލެއް ކާމިޔާބުކުރިއެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ހާތިމް އެވެ. މި ގޯލު ކާމިޔާބުކޮށް ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އިތުރު ގޯލެއް ބޭސްސީޓީ އިން ކާމިޔާބު ކުރިއެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލް ރަހްމާން ޝިނާޒް އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 63 ވަނަ މިނެޓުގައި ހުސެއިން ފައިސަލް އިތުރު ގޯލެއް ބޭސްސިޓީއަށް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ 0-5 އަށް ބަދަލު ކޮށްލިއެވެ. އަދި ހަމަ އޭގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ޓީމުން އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 0-6 އަށް ބަދަލުކޮށްލިއެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހައިޝަމް ރަޝީދު އެވެ. މި މެޗު ނިމިގެން ދިޔައީ 0-6 ގެ ނަތީޖާއަކުން އެފްސީ ބޭސްސިޓީ ކުރީގައި އޮވެގެންނެވެ.

ބާފާ ސޮކަރ ކަޕްގައި އެފްސީ ބޭސްސިޓީ އަދި ކެއްތެރި ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ބޭސްސިޓީގެ ހައިޝަމް ރަޝީދު އެވެ.

މި މުބާރާތުގައި ބީއެފްސީ އަދި ޓީސީއޯސީ ވާދަކުރި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހާ މެޗުގެ ލީޑު ނެގީ ބީއެފްސީ އިންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ޝައްފާހު އެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-1 ގެ ނަތީޖާއަކުން ބީއެފްސީ ކުރީގައި އޮވެގެންނެވެ.

ބާފާ ސޮކަރ ކަޕް- ފޮޓޯ: ނޫނު ފޮޓޯސް

ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ދެވަނަ ހާފު ފަށައިގެން ޓީސީއޯސީ އިން ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތުން މެޗުގެ 53 ވަނަ މިނެޓުގައި އެ ޓީމުންވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ރާއިފު އަހުމަދު އެވެ.

ބާފާ ސޮކަރ ކަޕްގައި ބީއެފްސީ އަދި ޓީސީއޯސީ ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބީއެފްސީ ގެ ޔާސިން ފިރާގް އެވެ.

ބެންޔަން އެސޯސިއޭޝަންސް ފޯ އޯލް (ބާފާ) އިން އިންތިޒާމް ކޮށްގެން ނ.ހޮޅުދޫގައި ކުރިއަށްދާ ބާފާ ސޮކަރ ކަޕްގެ މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިންއެވެ.

ކިޔުންތެރިންގެ ހިޔާލު