އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލްގެ އެއްވަނަ އަށް ވަގުތީ ގޮތުން މެންޗެސްޓަރ ސިޓީ އަރައިފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ލުޓަން ޓައުން ބައްދަލުކުރި މެޗު 1-5 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ކާމިޔާބުކޮށް ލީގު ތާވަލްގެ އެއްވަނަ އަށް އަރައިފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި މެންޗެސްޓަރ ސިޓީ އިން ކާމިޔާބުކުރި ފުރަތަމަ ގޯލަކީ މެޗުގެ ފަށައިގެން 2 ވަނަ މިނެޓުގައި ލުޓަން ޓައުން ގެ ހަޝިއޯކާ ގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލަށް ފަހުވެސް ފުރަތަމަ ހާފުގައި މެންޗެސްޓަރ ސިޓީ ގިނަ ހަމަލާތަކެއް އުފައްދި ނަމަވެސް މި ހާފުގައި އިތުރު ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާ އަކުން މެންޗެސްޓަރ ސިޓީ ކުރީގައި އޮވެގެންނެވެ.

މެންޗެސްޓަރ ސިޓީ އިން މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ސިޓީ އިން ދިޔައީ ލުޓަން ޓައުންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 64 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ. ޖޫލިއަން އަލްވަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަތިއޮ ކޮވަޗިކް އެވެ.

ވާދަވެރިކުޅުމެއް ފެނުނު މި މެޗުގައި މެންޗެސްޓަރ ސިޓީ ގެ އިތުބާރު ފޯވާޑު އާލިން ހާލަންޑު އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 0-3 އަށް ބަދަލު ކޮށްލިއެވެ. ހާލަންޑު މި ގޯލު ކާމިޔާބުކުރީ މެޗުގެ 76 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އެއް ކާމިޔާބުކޮށްގެންނެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މެންޗެސްޓަ ސިޓީ އިން ކުޅެމުން ދަނިކޮށް މެޗުގެ 81 ވަނަ މިނެޓުގައި ލުޓަން ޓައުން އިން ވަނީ އެ ޓީމުގެ ހަމަ އެކަނި ގޯލު ކާމިޔާބުކޮށްފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޯސް ބާކްލޭ އެވެ.

ލުޓަން ޓައުން އިން އެ ޓީމުގެ ހަމަ އެކަނި ގޯލު އެ ޓީމުން ކާމިޔާބުކޮށް މާގިނައިރު ތަކެއް ނުވަނީސް މެންޗެސްޓަރ ސިޓީ އިން ވަނީ އިތުރު ގޯލެއް ޖަހާ މެޗުގެ ފަރަގު ބޮޑުކޮށްފައެވެ. ޖަސްކޯ ގްވާޑިއޮލް ތަނަވަސް ކޮށްދިން ފުރުސަތަކުން މި ގޯލު ސިޓީ އަށް ކާމިޔާބުކޮށްދިނީ ޖެރެމީ ޑޮކޫއެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުން އިތުރު ވަގުތުގައި ސިޓީ އިން އިތުރު ގޯލެއް ކާމިޔާބުކުރިއެވެ. ޖެރެމީ ޑޮކޫ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޮސްކޯ ގްވާޑިއޯލް އެވެ. މެޗުގެ ނިމިގެންދިޔައީ 1-5 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ މޮޅުވެގެންނެވެ.

މެންޗެސްޓަރ ސިޓީ އަށް ތާވަލްގެ އެއްވަނަ ލިބެނީ ކުޅުނު 32 މެޗުން ލިބުނު 73 ޕޮއިންޓާއި އެކުއެވެ. ތާވަލްގެ ދެވަނައިގައި އޮތް އާސެނަލް އަށް ކުޅު 31 އެއް މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ. އާސެނަލް އާއި ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވާ ލިވަޕޫލް އަށް ލިބެނީ ތާވަލްގެ ތިންވަނައެވެ. އާސެނަލް އަދި ލިވަޕޫލް އިން މާދަމާރޭ ކުޅޭ މެޗު އެ ދެ ޓީމުން ކާމިޔާބުކޮއްފިނަމަ މެންޗެސްޓަރ ސިޓީއަށް ތާވަލްގެ އެއްވަނަ ގެއްލޭނެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާރޭ އާސެނަލް ނިކުންނާނީ އެސްޓަންވިލާ އާއި ދެކޮޅަށެވެ. އަދި ލިވަޕޫލް ނިކުންނާނީ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު