ކޮންމެ އަހަރެއްގެވެސް ފިތުރު އީދާއި ގުޅުވައިގެން މައިލޯ ސިޓީ ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ މައިލޯ އީދު އުފާ މުބާރާތުގެ މިއަހަރުގެ ޗެމްޕިއަންކަން ރިއަލް މައިލޯ އިން ހޯދައިފިއެވެ.

’ވަން ޑޭ ކަޕް‘ ގެ އުސޫލުން ކުޅުނު މިއަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވަނީ ވާދަކޮށްފައެވެ. އެގޮތުން ރިއަލް މައިލޯ، މައިލޯ ލަޔަންސް، ޔުނައިޓަޑް މައިލޯ، މައިލޯ ޓައިގަރސް، މައިލޯ ރޯސް ވޯޓަރ، މައިލޯ ކިންގ އަދި މައިލޯ އަންޑަރ ޑޯގްސް ވަނީ މި މުބާރާތުގައި ވާދަކޮށްފައެވެ.

މައިލޯ އީދު އުފާ 2024 - ފޮޓޯ މައިލޯ ސިޓީ ސްޕޯޓްސް ކުލަބު

މީގެ ތެރެއިން މި އަހަރުގެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ރިއަލް މައިލޯ އާއި ޔުނައިޓަޑް މައިލޯއެވެ. ރިއަލް މައިލޯ އަދި ޔުނައިޓަޑް މައިލޯ ބައްދަލު ކުރި ފައިނަލު މެޗު ރިއަލް މައިލޯ އިން ކާމިޔާބު ކުރީ 12-5 ގެ ނަތީޖާއަކުންނެވެ.

ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވެސް ވަނީ މި މުބާރާތުގައި ކުޅެފައެވެ. އަޝްފާގު ކުޅެފައިވަނީ ޗެމްޕިއަންކަން ހޯދި ރިއަލް މައިލޯ ޓީމަށެވެ.

މި މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހާފައިވަނީ ރިއަލް މައިލޯގެ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އަޝްފާގު ވަނީ މި މުބާރާތުގައި 17 ލަނޑު ކާމިޔާބުކޮށްފައެވެ.

މައިލޯ އީދު އުފާ 2024 ގެ އައުޓް ސްޓޭންޑިންގ ޕްލޭޔަރ ސަލާމް އަދި ޕްލޭޔަރ އޮފް ދަ ޓުއަނަމެންޓް އަޝްފާގް - ފޮޓޯ މައިލޯ ސިޓީ ސްޕޯޓްސް ކުލަބު

މުބާރާތުގެ ޑްރީމް ޓީމަކަށް ހޮވިފައިވަނީ ހާފިޒް (ޕިޑާ)، އަހުމަދު އިބުރާހިމް (ކޭޑީ)، އަމްމާރު (އަމްމު)، އަލީ އަޝްފާގު (ދަގަނޑޭ) އަދި ރަފާހު (ޓޫޓޫ) އެވެ. މުޅި މުބާރާތުގެ ’އައުޓް ސްޓޭންޑިންގ ޕްލޭޔަރ‘ އަކަށް ސަލާމް ސައީދު (ބީޖީ) ހޮވުނު އިރު ސަލާމް ވަނީ ކުޅުނު ހުރިހާ މެޗެއްގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ނާހުއެވެ.

މައިލޯ އީދު އުފާ 2024 ގެ އެންމެ މޮޅު ކުޅުންތެރިޔާ - ފޮޓޯ މައިލޯ ސިޓީ ސްޕޯޓްސް ކުލަބު

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރިއަލް މައިލޯގެ ޖޯޒީ ނަމްބަރ 7 ޝިއުޒް (ބުއްލީ) އެވެ.

ކިޔުންތެރިންގެ ހިޔާލު