ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑް އަތުން މޮޅުވެ ބްރޫޝިއާ ޑޯޓްމަންޑް ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި ޑޯޓްމަންޑްގެ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑްއާ ދެކޮޅަށް ކުޅުނު މެޗު ޑޯޓްމަންޑް އިން ކާމިޔާބު ކުރީ 2-4 ގެ ނަތީޖާ އަކުންނެވެ. މި ނަތީޖާ އާއެކު މި ދެ ޓީމު ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގައި ކުޅުނު ދެ މެޗުގެ އެގްރިގޭޓް އަކީ 4-5 އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މި މަހުގެ 11 ވަނަ ދުވަހު މި ދެ ޓީމު ވާދަކުރި މެޗު ކުޅުނީ އެތުލެޓީކޯ މެޑްރިޑްގެ ދަނޑުގައެވެ. މި މެޗު 1-2 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ އެތްލެޓިކޯ މެޑްރިޑްއެވެ.

ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރޭ މި ދެ ޓީމު ބައްދަލުކުރި މެޗު ކުޅުނީ ޑޯޓްމަންޑްގެ ދަނޑުގައެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ކުރި ހޯދީ ވެސް ޑޯޓްމަންޑްއެވެ. މެޗުގެ 34 ވަނަ މެޓްސް ހުމެލްސް ތަނަވަސް ކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޫލިއަން ބްރަންޓްއެވެ.

ޑޯޓުމަންޑްގެ ދެވަނަ ގޯލުވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގައެވެ. މެޗުގެ 39 ވަނަ މިނެޓުގައި މާސެލް ސަބިޓްޒާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާން މާޓްސެންއެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 0-2 ގެ ނަތީޖާ އަކުން ޑޯޓްމަންޑް ކުރީގައި އޮވެގެންނެވެ.

އެތްލެޓިކޯ މެޑްރިޑުން ދެވަނަ ހާފު ފެށީ ބަދަލުތަކަކާ އެކުއެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފަށައިގެން ގިނައިރުތަކެއް ނުވަނީސް އެތުލެޓިކޯ މެޑްރިޑް އިން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. މިއީ މެޗުގެ 49 ވަނަ މިނެޓުގައި ޑޯޓްމަންޑްގެ މެޓްސް ހުމެލްސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ދެވަނަ ހާފު ފަށައިގެން ރަނގަޅު ކުޅުމެއް ކުޅެމުންދިޔަ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން އިތުރު ގޯލެއް ކާމިޔާބުކޮށް އެގްރިގޭޓުން ކުރި ހޯދިއެވެ. މެޗުގެ 64 ވަނަ މިނެޓުގައި މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޖަލް ކޮރިއާއެވެ.

އެތުލެޓިކޯ މެޑްރިޑުން އެގްރިގޭޓް އިން ކުރި ހޯދި ނަމަވެސް މުޅި މެޗުގައި މޮޅަށް ކުޅެމުންދިޔަ ޖަރުމަނުގެ ޑޯޓްމަންޑް އިން ވަނީ މެޗުގެ 71 ވަނަ މިނެޓުގައި އިތުރު ގޯލެއް ކާމިޔާބުކޮށް އަނެއްކާވެސް އެގްރިގޭޓް އެއްވަރު ކޮށްފައެވެ. މާސެލް ސަބިޓްޒާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިކްލަސް ފުލްކާގްއެވެ.

ޑޯޓްމަންޑުން އެ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީ ކުޅެމުންދިޔަ މި މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 74 ވަނަ މިނެޓުގައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މާސެލް ސަބިޓްޒާއެވެ. މި އާއެކު މި މެޗު ނިމިގެން ދިޔައީ 2-4 ގެ ނަތީޖާ އަކުން ޑޯޓަމަންޑް ކުރީގައި އޮވެގެންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ޑޯޓްމަންޑް ވާދަ ކުރަން ޖެހޭނީ ކުއާޓާ ފައިނަލްގައި ސްޕެއިންގެ ބާސެލޯނާގެ މައްޗަށް ކުރި ހޯދި ޕީއެސްޖީއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު