ނ. ހޮޅުދޫގައި ކުރިއަށް ދިޔަ "ބާފާ ސޮކާ ކަޕް"ގެ ފައިނަލްގައި އެފްސީ ބޭސްސިޓީ އާއި ޓީސީއޯސީ ބައްދަލު ކުރި މެޗުގެ ޗެމްޕިއަންކަން ޓީސީއޯސީ އިން ހޯދައިފިއެވެ.

ބެންޔަންސް އެސޯސިއޭޝަންސް ފޯ އޯލް (ބާފާ) އިން އިންތިޒާމް ކޮށްގެން ހޮޅުދޫގައި ކުރިއަށް ގެންދިޔަ 15 ވަނަ މުބާރާތުގެ ޗެމްޕިއަންކަން ޓީސީއޯސީ އިން ހޯދީ ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން އެފްސީ ބޭސްސިޓީގެ މައްޗަށް ޕެނަލްޓީގައި 2-3 ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.

ބާފާ ސޮކަރ ކަޕް- ފޮޓޯ: ނޫނު ފޮޓޯސް

ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔައިރު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެެެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 0-0 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. އެހެންކަމުން މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި 2-3 ގެ ނަތީޖާ އަކުން ކުރި ހޯދީ ޓީސީއޯސީއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީސީއޯސީގެ އަބްދުﷲ ރަޝީދުއެވެ. މި މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ބޭސް ސިޓީގެ އިބްރާހިމް އަފްލާހުއެވެ. އަދި 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ބޭސްސިޓީގެ އަހުމަދު ޙާތިމްއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ޓީސީއޯސީ ގެ އަހުމަދު ނަސީރު ހޮވިފައިވާއިރު ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ އެފްސީ ބޭސްސިޓީއެވެ.

ބާފާ ސޮކަރ ކަޕް- ފޮޓޯ: ނޫނު ފޮޓޯސް

މިއަހަރުގެ ބާފާ ސޮކާ ކަޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް އެފްސީ ބޭސްސިޓީގެ ހައިޝަން ހޮވިފައިވާއިރު، އެންމެ މޮޅު 9 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޓީސީއޯސީގެ އަހުމަދު ތޮއިފް އާއި ބީއެފްސީގެ ޔާސިން ފިރާގުގެ އިތުރުން ޓީސީއޯސީގެ ހަސަން ރާއިފް އަހުމަދުގެ އިތުރުން ބޭސްސިޓީގެ ހުސެއިން ފައިސަލް އާއި ޓީސީއޯސީގެ އަބްދުﷲ ނިއުޝާދު އެވެ. އަދި ޓީސީއޯސީގެ އިސްމާއިލް އާއި ބޭސްސިޓީގެ ހައިޝަމް ރަޝީދުގެ އިތުރުން ޓީސީއޯސީގެ ހަސަން ޒަރީރު ވެސް މުބާރާތުގެ މޮޅު 9 ކުޅުންތެރިންގެ ތެރޭގައި ހިމެނެއެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިންއެވެ.

ކިޔުންތެރިންގެ ހިޔާލު