ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި އާސެނަލް މައްޗަށް ކުރިހޯދާ ބަޔާން މިއުނިކް ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ޗެމްޕިއަންސް ލީގު ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި ބަޔާންގެ ދަނޑުގައި އާސެނަލް އަދި ބަޔާން މިއުނިކް ވާދަކުރި މެޗުގައި ބަޔާން މިއުނިކް އިން އާސެނަލްގެ މައްޗަށް ކުރި ހޯދާފައިވަނީ 0-1 ގެ ނަތީޖާ އަކުންނެވެ. އަދި ކުއާޓަރ ފައިނަލްގެ ދެ ލެގުގެ އެގްރިގޭޓް 2-3 ގެ ނަތީޖާ އަކުންވެސް ކުރީގައި އުޅެނީ ބަޔާން މިއުނިކްއެވެ.

ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި އާސެނަލް އަދި ބަޔާން މިއުނިކް ވާދަކުރި މެޗުގައި ފެނުނު ހަމަ އެކަނި ގޯލު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ބަޔާން އިން ޖެހި ހަމަ އެކަނި ގޯލު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 63 ވަނަ މިނެޓުގައެވެ. ރަފައިލް ގުރެއިރޯ ޕެނަލްޓީ އޭރިޔާގެ ތެރެއަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލު ތެރެއަށް ވައްދާލައިގެން މި ގޯލު ބަޔާން މިއުނިކް އަށް ކާމިޔާބުކޮށްދިނީ ޖޮޝުއާ ކިމިކް އެވެ.

މި ގޯލަށް ފަހުވެސް ދެ ޓީމަށްވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔައެވެ. ނަމަވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އާސެނަލް އިން މެޗުގެ ފަހު ހާފުގައި ގެނައި ބަދަލު ތަކާއި އެކު ކުޅުން އިތުރަށް ރަނގަޅުކޮށް ބާޔާންގެ ގޯލަށް ނުރައްކާ ކުރަމުން ދިޔަ ނަމަވެސް ފާރަވެރިކަމާއި އެކު ބަޔާންގެ ގޯލު ބަލަހައްޓަމުންދިޔަ މެނުއެލް ނޯޔާ ވަނީ އާސެނަލްގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެންދިޔައީ 0-1 ގެ ނަތީޖާ އަކުން ބަޔާން މިއުނިކް ކުރީގައި އޮވެގެންނެވެ.

ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި މި ދެ ޓީމު އާސެނަލްގެ ދަނޑުގައި ވާދަކުރި މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. ފުރަތަމަ ލެގުގައި އާސެނަލްގެ ސަކާ މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް ގޯލެއް ކާމިޔާބުކޮށްދީފައިވަނިކޮށް މެޗުގެ 18 ވަނަ މިނެޓުގައި ކްނާބްރީ ވަނީ ބަޔާން އަށް މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްދީފައެވެ. އަދި މެޗުގެ 32 ވަނަ މިނެޓުގައި ހެރީ ކޭން ބަޔާން މިއުނިކް އަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ މެޗުގައި ލީދުނަގައިދީފައި ވަނިކޮށް ދެވަނަ ހާފުގައި ޓްރޮސާޑް ވަނީ އާސެނަލް އަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްދީފައެވެ. މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކުރި މި ގޯލާއިއެކު މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގު 6 ފަހަރު ކާމިޔާބުކޮށްފައިވާ ޖަރުމަނުގެ ބަޔާން މިއުނިކް ސެމީ ފައިނަލްގައި ވާދަ ކުރަންޖެހޭނީ ކުއާޓަރ ފައިނަލްގައި މެންޗެސްޓަރ ސިޓީގެ މައްޗަށް ކުރި ހޯދައިގެން ސެމީ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކުރި ސްޕެއިންގެ ރިއާލް މެޑްރިޑް އާއި ދެކޮޅަށެވެ. ރިއާލް މެޑްރިޑް އަކީ ޔުއެފާ ޗެމްޕިއަނސް ލީގުގެ އެންމެ ކާމިޔާބު ކުލަބް އެވެ. އެ ޓީމުން 14 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު