އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445ގެ ފައިނަލްގައި ބުރު ސްޕޯޓްސް ކުލަބް އަދި ކުލަބް ކާސިންޖީ ވާދަކުރި މެޗު، ފަސޭހަކަމާއި އެކީ ކާސިންޖީ ބަލިކޮށް، އަނެއްކާ ވެސް ބުރުން ބައިބަލާގެ ރަސްކަމަށް އަތުވެއްޖެއެވެ.

ފުރަތަމަ ގޭމުގައި އެތެރޭން ކުޅެމުން ދިޔަ ކުލަބް ކާސިންޖީ ގެ މައްޗަށް ބުރު ސްޕޯޓްސް ކުލަބް އިން ކުރި ހޯދިއެވެ. މި ގޭމުގައި ބޭރުން އަރަމުންދިޔަ ބުރު ސްޕޯޓްސްގެ ކުޅުންތެރިން މަޑު މަޑުން އެތެރޭގައި ކުޅެމުންދިޔަ ކުލަބް ކާސިންޖީގެ ކުޅުންތެރިން ނުބައި ކުރަމުން ދިޔައެވެ. އެތެރޭގައި ކުލަބް ކާސިންޖީ އަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް ބުރު ސްޕޯޓްސް ކުލަބް ގެ މިރުސާލް (މިރޫ) މި ގޭމު ނިމެން 1 މިނެޓް އިންދާ އެތެރޭން ކުޅެމުން ދިޔަ ކުލަބް ކާސިންޖީގެ 4 ކުޅުންތެރިން ގޮވައިގެން ނިކުތެވެ.

މި އާއި އެކު ގޭމު 7-7 ގެ ނަތީޖާ އަކުން އެއްވަރު ވިއެވެ. އޭގެފަހުން ބޭރުން އެރި ބުރު ސްޕޯޓްސް ކުލަބްގެ ކުޅުންތެރިއަކު ކުލަބް ކާސިންޖީއިން ނުބައިކޮށްފައިވަނިކޮށް މި ގޭމު ނިމެން 13 ސިކުންތަށް ވެފައިވަނިކޮށް މިރޫ އަރާ ކުލަބް ކާސިންޖީގެ ދެ ކުޅުންތެރިން ގޮވައިގެން ނިކުތުމާއި އެކު މި ގޭމުގެ ނަތީޖާ ބުރު ސްޕޯޓްސް ކުލަބް ކޮޅަށް އެނބުރުނެވެ.

ބައިބަލާ ޗެލެންޖުގެ ސީކޭއާއި ބުރު ސްޕޯޓްސް ބައްދަލު ކުރި ފައިނަލް މެޗު— ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

މި ގޭމު ބުރު ސްޕޯޓްސް ކުލަބް އިން ކާމިޔާބުކުރީ 6-9 ގެ ނަތީޖާ އަކުންނެވެ.

ދެވަނަ ގޭމުގައި ވެސް މޮޅު ކުޅުމެއް ދެއްކި ބުރު ސްޕޯޓްސް ކުލަބް އިން މިގޭމުގައި ކުރި ހޯދިއެެވެ. ބޭރުން އަރަމުންދިޔަ ކުލަބް ކާސިންޖީގެ ކުޅުންތެރިންނަށް ބުރު ސްޕޯޓްސް ކުލަބް ޓީމުގެ މައްޗަށް ކުރި ހޯދޭ ގޮތެއް ނުވިއެވެ. މި ގޭމުގެ ފުރިހަަމަ ވަގުތު ހަމަވެގެން ދިޔައީ ބުރު ސްޕޯޓްސް ކުލަބް ކުރީގައި އޮވެގެންނެވެ. ބައިބަލާގެ މޮޅެތި ކުޅުންތެރިންނާއިއެކު ބޭރުން އަރަމުންދިޔަ ކުލަބް ކާސިންޖީގެ މައްޗަށް ބުރު ސްޕޯޓްސް ކުލަބް މި ގޭމުގައި ކުރި ހޯދާފައި ވަނީ 8-16 ގެ ނަތީޖާ އަކުންނެވެ.

ބައިބަލާ ޗެލެންޖުގެ ސީކޭއާއި ބުރު ސްޕޯޓްސް ބައްދަލު ކުރި ފައިނަލް މެޗު— ވަގުތު އިމޭޖަސް: އަބްދުالله އަބީދު

މިއަހަރުގެ މުބާރާތުގެ ތަށި ބުރު ސްޕޯޓްސްއިން ކާމިޔާބު ކޮށްފައިވާއިރު، މިއީ ބުރު ސްޕޯޓްސްއިން އީދު ބައިބަލާ މުބާރާތުގެ ތަށި ކާމިޔާބު ކުރި ތިން ވަނަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. ފުރަތަމަ ބުރު ސްޕޯޓްސް ކުލަބް އިން ބައިބަލާ މުބާރާތުގެ ތަށި ހޯދާފައިވަނީ 2007 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން 2018 ވަނަ އަހަރުގެ ބައިބަލާ މުބާރާތުގެ ތަށި ވެސް ކާމިޔާބުކޮށްފައިވަނީ ބުރު ސްޕޯޓްސް ކުލަބްއެވެ.

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީސީއެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަޑި ރިޔާ

    މުދި ކުޅެބަލަ

    2
    2
    • އަޒީ

      ކަލެއަށް ކޮން ބާރެއް ތި އަރަނީ