އެމް ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީގެ ކުޅުންތެރިން ޓްރެއިނިންގް ދަތުރެއްގައި އިންޑިއާ އަށް ފުރައިފިއެވެ.

އެމް ސްޕޯޓްސް އުފެދުނީ 2019 ވަނަ އަހަރު އައްޑޫ ސިޓީގައެވެ. އަދި އޭގެ ފަހުން 2021 ވަނަ އަހަރުން ފެށިގެން މި އެކަޑަމީ ފުޅާވެ އައްޑޫ ސިޓީ މަރަދޫ އަދި ފޭދޫ ގެ ގިނަ އަދަދެއްގެ ކުދިންނަށް ބެޑްމިންޓަން ކުޅެން ދަސްކޮށްދިނުމާއި ބެޑްމިންޓަން ކުޅެން ބޭނުންވާ ގިނަ ކުދިންތަކެއް މި ކުޅިވަރަށް ވަނީ ނެރެފައެވެ.

އެމް ސްޕޯޓްސް އުފެދުނު ފަހުން ކޮންމެ އަހަރަކުވެސް ސްކޫލް ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ޓްރެއިނިން ދަތުރެއްގައި ދާއިރު މިދިޔަ އަހަރު މި އެކަޑަމީ އިން ދިޔައީ މެލޭޝިޔާ އަށެވެ. އަދި މި އަހަރު މި އެކަޑަމީގެ ކުޅުންތެރިން ބެޑްމިންޓަން ޓްރެއިނިން ހަދާނީ އިންޑިއާގެ ކިރުވައްލާގެ ކޭޖީއެފް އެކަޑަމީ ގައެވެ.

އެމް ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީ

އައްޑޫ ސިޓީގައި ހުނަރުވެރި ގިނަ ބެޑްމިންޓަން ކުޅުންތެރިންތަކެއް އުފައްދަމުން އަންނަ އެމް ސްޕޯޓްސް އިން މިފަހަރު ޓްރެއިން ހަދާ އިންޑިއާގެ ކޭޖީއެފް އެކަޑަމީ އަކީ ކުރީގެ ރާއްޖޭގެ ގައުމީ ޓީމާއި ހަވާލުވެގެންހުރި ކޯޗު އަފްޒަލް ހާފިޒްގެ އެކަޑަމީއެވެ. މި އެކަޑަމީގައި މިއަހަރު އެމް ސްޕޯޓްސްގެ ކުޅުންތެރިން އެއް މަސް ދުވަހުގެ ޓްރެއިނިންއެއް ހަދާނެއެވެ.

އެމް ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީގެ ފަރާތުން ކޮންމެ އަހަރަކުވެސް ރާއްޖޭން ބޭރުގައި ޓްރެއިނިން ޕްރޮގްރާމް ޕްރޮގްރާމް އެއް ކުރިއަށް ގެންދާއިރު މިދިޔަ އަހަރު މި ޕްރޮގްރާމްގައި އެމް ސްޕޯޓްސް އެކަޑަމީގެ ކުޅުންތެރިން ޓްރެއިނިން ކުރިއަށް ގެންދިޔައީ މެލޭޝިޔާގެ އޭޝިއާ ބެޑްމިންޓަން އެކަޑަމީ އަށެވެ. ނަމަވެސް މިއަހަރުގެ ޓްރެއިނިން އިންޑިއާ އަށް ބަދަލު ކޮށްލީ މިދިޔަ އަހަރަށް ވުރެން ޓްރެއިނިންއަށްދާ ކުދިންގެ އަދަދު ގިނަވުމާއި މިފަހަރު ޓްރެއިނިންއަށް ދާ ކުދިންގެ ތެރޭގައި ބިގިނާ ލެވަލްގެ ކުޅުންތެރިން ގިނަވުމުން ކަމުގައި އެ އެކަޑަމީގެ ފައުންޑަރ އަދި ޑައިރެކްޓަރ އޮފް ކޯޗިން މުހައްމަދު އައްފާން މޫސާ ދިވާޅުވިއެވެ.

އެމް ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީގެ ފައުންޑާ އަދި ކޯޗް އޮފް ޑައިރެކްޓަރ މުހައްމަދު އައްފާން މޫސާ

"މިދިޔަ އަހަރު މި އެކަޑަމީގެ ކުޅުންތެރިން މެލޭޝިޔާގެ އޭޝިއާ ބެޑްމިންޓަން އެކަޑަމީ އިން ޓްރެއިނިން ކުރިނަމަވެސް، މިއަހަރު މި ޓްރެއިނިންގައި ބައިވެރިވާ ކުދިންގެ އަދަދުވެސް މިދިޔަ އަހަރަށްވުރެން ގިނަ އަދި މިފަހަރު ގިނައީ ބިގިނާ ލެވެލްގެ ކުދިން، އެހެންވެ މިފަހަރު އިންޑިއާ އަށް ދާން ނިންމީ" މުހައްމަދު އައްފާން މޫސާ އިތުރަށް "ވަގުތު" އަށް ވިދާޅުވިއެވެ.

އެމް ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީގެ ކުޅުންތެރިން އައްޑޫސިޓިގައި ކުރިއަށްދާ ބެޑްމިންޓަން މުބާރާތްތަކުގައި ގިނަ ކާމިޔާބީތަކެއް ހާސިލްކުރެއެވެ. މިގޮތުން އައްޑޫ ސިޓީގައި ކުރިއަށްދާ އިންޓަރ ސްކޫލް މުބާރާތް ތަކުގައިވެސް އެމް ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީގެ ކުޅުންތެރިންގެ ކުޅުން ވަރަށް ބޮޑަށް ފާހަގަކޮށްލެވެ. އައްޑޫ ސިޓީގެ އިތުރުން މާލޭގައި ވެސް އެމް ސްޕޯޓްސް ހަރަކާތްތެރިވާއިރު ބިލަބޯންގް ހައި އިންޓަނޭޝަނަލް ސްކޫލްގައި ބެޑްމިންޓަން ކޯޗުކަން ކުރިއަށް ގެންދަނީ އެމް ސްޕޯޓްސްގެ ތެރެއިންނެވެ.

އެމް ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީ އިން އިއްޔެ އިންޑިއާ އަށް ފުރާފައިވާއިރު އެމް ސްޕޯޓްސްގެ ޓްރެވަލް ކިޓް ސްޕޮންސާ ކޮށްޑިފައިވަނީ އީހަބް އިންނެވެ. އަދިވެސް އެކި ގޮތް ގޮތުން އެމް ސްޕޯޓްސް އަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އެ އެކަޑަމީގެ ފަރާތުން ޝުކުރު އަދާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހުމަދު

    ވަރަށް އުފާވެރި ހަބަރެއް.. އަދި އެހާމެ ހުނަރުވެރި މުދައްރިބެއް އެމް ސްޕޯޯރޓްސްގެ ކޯޗް އޮފް ޑިރެކްޓަރ އައްފާން މޫސާ އަކީ. ކާމިޔާބު ދަތުހުރަކަށް އެދެން