ޗެމްޕިއަންސް ލީގުގައި ރޭ ޓޮޓެންހަމްއާ ބައްދަލުކުރި މެޗު 1-2 އިން އިންޓަ މިލާނުން ކާމިޔާބުކޮށްފިއެވެ.

އިންޓަގެ ސެންސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބުކުރަން ދެ ޓީމުން ކުރެ ޓީމަކަށް މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައެއް ވެސް ނުވެއެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 53 ވަނަ މިނެޓްގައި ކްރިސްޓިއަން އެރިކްސަން ވަނީ ޓޮޓެންހަމް އަށް ލީޑު ނަގާދީފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން ލީޑު އިތުރަށް ފުޅާކޮށްލަން ޓޮޓެންހަމްގެ ލަމޭލާ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އިންޓަގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ ލަމޭލާ ފޮނުވާލި ބާރު ހަމަލާ އިންޓަގެ ކީޕަރު ހެންޑޮނޮވިޗް ވަނީ ދިފާއުކޮށްފައެވެ.

ކައުންޓަ އެޓޭކުތަކުގައި ޓޮޓެންހަމް އިން އިންޓަގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންދިޔައިރު މެޗުގެ 85 ވަނަ މިނެޓްގައި މައުރޯ އިކާޑީ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ އިންޓަ އަށް އެއްވަރުކޮށްދީފައެވެ. އިކާޑީ މި ގޯލު ކާމިޔާބުކުރީ ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މި ގޯލަށްފަހު ޓޮޓެންހަމްގެ ފަހަތަށް ބާރުބޮޑު ކުރަމުން އިންޓަ އިން ދިޔައިރު މެޗުގެ ފަހުވަގުތުކޮޅުތެރޭ ވެސީނޯ ވަނީ އިންޓަގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ. ވެސީނޯ މި ގޯލު ކާމިޔާބުކުރީ ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ރޭގެ މެޗާއެކު އެންމެފަހުން ކުޅުނު ތިން މެޗުން ވެސް ޓޮޓެންހަމް ވަނީ ބަލިވެފައެވެ. މިއީ 2014 ވަނަ އަހަރުގެ މާޗު މަހަށްފަހު ޖެހިޖެހިގެން ތިން މެޗުން ޓޮޓެންހަމް ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ގްރޫޕް ސްޓޭޖުގައި ޓޮޓެންހަމް އިން ދެން ބައްދަލުކުރާނީ ބާސެލޯނާއާއެވެ. އަދި އިންޓަ ނިކުންނާނީ ޕީއެސްވީއާ ދެކޮޅަށެވެ.