އިންޑިއާގެ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް، ސުނިލް ޗެތުރީ އަތުން ނެގީ ގައުމީ ޓީމު ކޯޗާ ދެމެދު ޖެހުނު މައްސަލަތަކެއްގެ ސަބަބުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

އިންޑިއާ ގައުމީ ޓީމުން އޭޝިއަން ކަޕަށް ތައްޔާރުވަމުންދާ އިރު، އެޓީމުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ޗައިނާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެ މެޗު 0-0ގެ ނަތީޖާއަކުން ނިމިފައިވާ އިރު، އިންޑިއާއިން ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

ވަރުގަދަ ފުރަތަމަ 11އަކާއެކު ކޯޗު ސްޓިފަން ކޮންސްޓެންޓައިން ޗައިނާ މެޗަށް ނުކުމެފައިވާ އިރު، ފުރަތަމަ 11ގައި ޗެތުރީ ވަނީ ހިމެނިފައެވެ. އެހެން ނަމަވެސް ކެޕްޓަން ބޭންޑާއެކު މެޗަށް ނުކުތީ ކެރެލާ ބްލާސްޓާސްގެ ކެޕްޓަން، ޑިފެންޑަރު ސަންދޭޝް ޖިންގަންއެވެ.

މެޗުގައި ރަނގަޅު ނަތީޖާއެއް އިންޑިއާއިން ނެރުނު ނަމަވެސް، މެޗަށްފަހު ހުރިހާ މީޑިއާއެއްގެ އިތުރުން އިންޑިއާ ގައުމީ ޓީމަށް ސަޕޯޓްކުރާ އެތައްބައެއްގެ ލޯތަށް އަމާޒުވީ ޗެތުރީ އަތުން ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް ނެގުމަށެވެ. 2012 ވަނަ އަހަރުން ފެށިގެން ޗެތުރީ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅަމުން އަންނަ އިރު، އިންޑިއާގެ ނޫސްތަކުން ބުނެފައި ވަނީ ކޯޗުގެ ނިންމުމާ މެދު، ގިނަ ކުޅުންތެރިންތަކެއްވެސް ނުރުހުންވެފައިވާ ކަމަށެވެ.

އަދި ޗެތުރީއާއެކު ބައެއް ކުޅުންތެރިން، ކޯޗު ކޮންސްޓެންޓައިން މަގާމުން ބޭރުކުރުމަށް އިންޑިއާގެ ފުޓުބޯޅަ ފެޑެރޭޝަންގެ ކިބައިން އެދިފައިވާ ކަމަށްވެސް އިންޑިއާގެ އެންމެ ބޮޑު އެއް ނޫސް، ޓައިމްސް އޮފް އިންޑިއާއާ ހަވާލާދީ ފޮކްސް ސްޕޯޓްސްއިން ބުނެފައިވެއެވެ. ފޮކްސްއިން ބުނެފައި ވަނީ ކޯޗު، ކޮންސްޓެންޓައިންއާއެކު އިތުރަށް ގައުމީ ޓީމަށް ކުޅެން ޗެތުރީ ބޭނުން ނުވާ ކަމަށެވެ.

ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަށް އިންޑިއާއިން ޒުވާން ޓީމެއް ގެންގޮސްފައިވާ އިރު، ޗެތުރީ ފަދަ މުހިއްމު ކުޅުންތެރިން ޓީމުގައި ނުހިމެނެއެވެ. އެ މުބާރާތުގެ ތެރެއިން އިންޑިއާގެ ކޯޗު ކޮންސްޓެންޓައިން ބުނެފައި ވަނީ ސާފަށް ދިޔަ ސްކޮޑުން ބައެއް ކުޅުންތެރިން އޭޝިއަން ކަޕްގެ ސްކޮޑަށްވެސް ނަގާނެ ކަމަށެވެ. އަދި ޗައިނާ މެޗުގައިވެސް ކޮންސްޓެންޓައިން ވަނީ ސާފަށް ގެންދިޔަ ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ.

މީގެ ކުރިން އިންޑިއާއިން އެންމެފަހުން އޭޝިއަން ކަޕް ކުޅެފައި ވަނީ 2011 ވަނަ އަހަރުގައި ގަތަރުގައި ބޭއްވި މުބާރާތުގައެވެ. އޭގެ ފަހުން ފުރަތަމަ ފަހަރަށް އިންޑިއާއިން އޭޝިއަން ކަޕަށް ކޮލިފައިވެފައިވާ އިރު، އަންނަ އަހަރު އިންޑިއާއިން މުބާރާތަށް ނުކުންނަ އިރު، އެންމެ މުހިއްމުވާނެ ކުޅުންތެރިޔަކީވެސް ޗެތުރީއެވެ.

ބައިޗުން ބުޓިޔާއަށްފަހު އިންޑިއާ ގައުމީ ޓީމުގައި އެންމެ ކާމިޔާބު ކުޅުމެއް ދައްކަމުން އަންނަ ޗެތުރީ، ގައުމީ ޓީމަށް މިހާތަނަށް 64 ގޯލް ޖަހާފައިވާ އިރު، އޭނާއަކީ މިހާރު ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިންގެ ލިސްޓްގެ ދެވަނައެވެ. ލިސްޓްގެ އެއްވަނައިގައި ކްރިސްޓިއާނޯ ރޮނާލްޑޯ އޮތީ 81 ގޯލް ޖަހައިގެންނެވެ. ތިންވަނައިގައި އޮތް އާޖެންޓީނާގެ ލިއޮނަލް މެސީއަށްވެސް ގޯލް ޖެހިފައި ވަނީ ޗެތުރީއާ އެއް އަދަދަކަށެވެ.

ކިޔުންތެރިންގެ ހިޔާލު