އިނގިރޭސި ރަސްމީ ފުޓްބޯޅަ ސްޓޭޑިއަމް ކަމަށްވާ ވެމްބްލީ ސްޓޭޑިއަމް ގަންނަން ޕާކިސްތާނަށް އުފަން އެމެރިކާގެ މަހުޖަނު ޝާހިދު ހާން ހުށަހެޅި ހުށަހެޅުން އޭނާ އަނބުރާ ގެންގޮސްފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ފުލަމް އާއި އެމެރިކަން ފުޓްބޯޅަ (އެންއެފްއެލް) ގެ ކްލަބެއް ކަމަށްވާ ޖެކްސަންވިލް ޖަގުއާސްގެ އޯނަރުކަން ކުރަމުން އަންނަ ޝާހިދު ހާން ވެމްބްލީ ސްޓޭޑިއަމް ގަތުމަށް މަސައްކަތް ކުރީ 600 މިލިއަން ޕައުންޑުގެ އަގަކަށެވެ.

ޝާހިދް ހާން މި ހުށަހެޅުން އަނބުރާ ގެންގޮސްފައިވާއިރު އިނގިރޭސި އެފްއޭގެ ކައުންސިލްގައި މި ހުށަހެޅުމާ މެދު މި މަހުގެ 24 ވަނަ ދުވަހު ގޮތެއް ނިންމުމަށް އޮތީ ހަމަޖެހިފައެވެ.

ވެމްބްލީ ގަތުމަށް ހުށަހެޅި ހުށަހެޅުން އަނބުރާ ގެންނަން ނިންމާފައިވާކަން އިއުލާންކުރަމުން ޝާހިދު ހާން ވިދާޅުވީ އޭނާ ކަންތައްތައް ކުރަން ބޭނުންވީ އިނގިރޭސި ފުޓްބޯޅަ އަށް އިތުރު ވަރުގަދަ ކަމެއް އައުމާއެކު އެންމެންވެސް އެއްބައިވަންތަ ކުރެވޭނެ ގޮތަކަށް ކަމަށާއި އެއްވެސް ހާލެއްގައި ބައިބައިވުމަށް ޖާގަދޭން ބޭނުން ނުވާ ކަމަށެވެ.

ނަމަވެސް ކަންތައްތައް މިވަގުތު ހުރި ގޮތަށް ބަލާއިރު އަންނަ ހަފްތާގައި އެފްއޭ ކައުންސިލްގައި ނަގާ ވޯޓުގައި މިކަމަށް އެކަށީގެންވާ ތަރުހީބެއް ލިބޭނެ ކަމަށް ނުފެންނާތީ ހުށަހެޅުން އަނބުރާ ގެނައީ ކަމަށް ޝާހިދު ހާން ވިދާޅުވިއެވެ. ނަމަވެސް މިހާރަށް ވުރެ ބޮޑަށް މިކަމަށް އެފްއޭ ކައުންސިލް މެމްބަރުންގެ ތަރުހީބު އޮވެއްޖެނަމަ ކުރިއަށް އޮތް ތަނުގައި އިތުރު ހުށަހެޅުމެއް ހުށަހެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވެމްބްލީ ސްޓޭޑިއަމް ޝާހިދު ހާނަށް ވިއްކާލަން އިނގިރޭސި އެފްއޭގެ އިސްވެރިން ތާއީދުކުރި ނަމަވެސް 127 މެމްބަރުން ހިމެނޭ އެ އިދާރާގެ ކައުންސިލްގެ މެޖޯރިޓީ މިކަމަށް ނެތް ކަމަށް، އެފްއޭގެ އިސް ފަރާތަކާ ހަވާލާދީ "ބީބީސީ" ގައި ބުނެފައިވެއެވެ.

90،000 މީހުންގެ ޖާގައިގެ ވެމްބްލީ ސްޓޭޑިއަމް އަކީ އިނގިރޭސިވިލާތުގައި އޮތް އެންމެ ބޮޑު ސްޓޭޑިއަމްއެވެ.