ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ބޮޑު ތަފާތަކުން ށ. ފޯކައިދޫ ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއްވަނައިގައި ފުރަތަމަ ބުރު ނިންމާލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ 4-0ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ޓީސީއަށް އަށް މެޗުން ލިބިފައި އޮތީ 21 ޕޮއިންޓެވެ. އޭރު ޓީސީ އޮތީ ތާވަލުގެ ދެވަނައިގައި އޮތް އީގަލްސްއާ އެއް ޕޮއިންޓް ފަރަގެއްގައެވެ. އެހެން ނަމަވެސް، މިރޭގެ މެޗުން މޮޅުވެ ޓީސީން ވަނީ ލީޑު ފަސް ޕޮއިންޓަށް ފުޅާކޮށް، ނުވަ މެޗުން 24 ޕޮއިންޓް ހޯދާފައެވެ.

ފުރަތަމަ ބުރު ނިމުނު އިރު، އީގަލްސް ދެވަނައިގައި އޮތް އިރު، ތިންވަނައިގައި އޮތީ މާޒިޔާއެވެ. ނިއު ރޭޑިއަންޓަށް ހަތަރުވަނަ ލިބުނު އިރު، ފަސްވަނައިގައި ނިންމާލީ ގްރީންއެވެ. ވިކްޓަރީ ހަވަނައިގައި ނިންމާލި އިރު، މިރޭގެ މެޗުން ބަލިވި ފޯކައިދޫ އޮތީ ހަތްވަނައިގައެވެ.

މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމުތަކުގެ ތެރެއިން ދެން ސަލާމަތްވީ ފ. ނިލަންދުއެވެ. ލީގުގެ ފުރަތަމަ ބުރު ނިމުނު އިރު، ފުލުގައި އޮތުމުން ތ. ތިމަރަފުއްޓާއި، ބ. ފެހެންދޫ ވަނީ ރެލިގޭޓް ވެފައެވެ.

މެޗު ފެށިގެން އޯޕަން ހަލުވި ކުޅުމެއް ފެނުނު އިރު، ނުރައްކާކޮށް ފެނުނީ ޓީސީއެވެ. ފުރަތަމަ ކޮޅުގައި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)އަށް ލިބުނު ފުރުސަތާއި އިބްރާހީމް ވަހީދު (އިއްބެ)އަށް ލިބުނު ފުރުސަތުތައް ފާހަގަވިއެވެ. އެ ދެ ހަމަލާވެސް ގޯލަށް އަމާޒުކޮށްލެވޭ ގޮތެއް ނުވިއެވެ.

ފުރަތަމަ ކޮޅުގައި ފޯކައިދޫއަށް އެންމެ އެކަށޭނެ ހަމަލާއެއް ނުއުފެއްދިގެން އުޅެނިކޮށް، މެޗުގެ 17 ވަނަ މިނެޓުގައި ޓީސީން ލީޑު ނެގިއެވެ. އަރިމަތިން ލިބުނު ބޯޅައެއް ހިފައިގެން ގޮސް އޭރިއާ ކައިރިން ފޭދޫ އިއްބެ ގޯލަށް ބޯޅަ ވައްދާލީ ހަނި އޭންގަލުންނެވެ.

ފުރަތަމަ ހާފްގައި އިތުރު ހަމަލާތަކެއް ފެނިފައި ނުވާ އިރު، ގިނަ ވަގުތު ބޯޅަ ގެންގުޅެފައި ވަނީ މެދުތެރޭގައެވެ. ފައުލްތައް ގިނަ ހާފެއްގެ ގޮތުގައި ފުރަތަމަ ހާފް ފެނިގެންދިޔަ އިރު، ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ ޓީސީންނެވެ.

މެޗުގެ 51 ވަނަ މިނެޓުގައި ޑިފެންޑަރު މުހައްމަދު ސާމިރު ފޮނުވާލި ބާރު ހިލޭ ޖެހުން ގޯލްގެ ދަނޑިއަށް އަމާޒުވި އިރު، އޭގެ އިރުކޮޅެއްފަހުން ފޭދޫ އިއްބެއަށް ލިބުނު ބޯޅައިގައި އޭނާ ފޮނުވާލި ދިޔައީ މަތިންނެވެ.

މެޗުގެ ފަހުކޮޅަށް ދިޔަ އިރު، ފޯކައިދޫން ވަރުބަލިކަން ފެނިފައިވާ އިރު، ޓީސީން އޭގެ ފައިދާ ނެގިއެވެ، ހާއްސަކޮށް، ފޯކައިދޫގެ ފަހަތަށް ކުޅެމުންދިޔަ ޑިފެންޑަރަށް އަނިޔާވެ، އޭނާ ބަދަލުކުރި ހިސާބުން ޓީސީގެ އެޓޭކްތައް ރަނގަޅު ކުރިއެވެ.

މެޗުގެ 79 ވަނަ މިނެޓުގައި އާދަމް އިޝާން (ސައްޓު) ޓީސީއަށް ލީޑު ފުޅާކޮށްދިނެވެ. ފޯކައިދޫގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި ސައްޓު އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފައެވެ. ސައްޓުގެ ފުރަތަމަ ގޯލަށް މިނެޓެއްވެސް ނުވަނީސް އޭނާ އަނެއްކާވެސް އިތުރު ގޯލެއް ކާމިޔާބުކުރިއެވެ.

އަލީ އަޝްފާގު (ދަގަނޑޭ) ދިން ބޯޅަ، ހުސްކޮށް އޮވެ ސައްޓު ނިންމާލީ ފަސޭހަކަމާ އެކުގައެވެ. މެޗު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް، ޓީސީގެ ހަތަރު ވަނަ ގޯލް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، ދަގަނޑޭއެވެ. ކޯނަަރަކުން އައްޒާމް ނަގައިދިން ބޯޅަ، އޭރިއާ ރޮނގުމަތީގައި ހުރި ދަގަނޑޭ ވަނީ އެއް ފަހަރުން ޖަހައި ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފައެވެ.

ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމިފައިވާ އިރު، ދެވަނަ ބުރުގެ ކުޅުން އަންނަ އާދީއްތަ ދުވަހުއެވެ. ދެވަނަ ބުރުގެ ކުޅުން ފެށުމަށްފަހު ގައުމީ ޓީމުގެ މެޗަށް ލީގު މެދު ކަނޑާލާނެއެވެ. އެ މެޗު އޮންނާނީ އަންނަ މަހު ތިންވަނަ ދުވަހު މެލޭޝިޔާގައެވެ.