ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް ކްލަބުން، ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި މާޒިޔާއިން ގްރީން ބަލިކުރީ ފަހަތުން އަރައި، 4-2ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މޮޅާއެކު މާޒިޔާއިން ތާވަލުގެ ދެވަނައިގައި އޮތީ 22 ޕޮއިންޓާއެކުގައެވެ. މި ބުރުގައި އަށް ޓީމުން ވާދަކުރާ އިރު، މިއަދުގެ މެޗުން ޕޮއިންޓެއް ނުލިބި ގްރީން އޮތީ ތާވަލުގެ ފަސްވަނައިގައެވެ. 10 މެޗުން ގްރީންއަށް ލިބެނީ 17 ޕޮއިންޓެވެ.

ތާވަލުގެ އެއްވަނައިގައި ޓީސީ ސްޕޯޓްސް ކްލަބުން ފުރަތަމަ ބުރު ނިންމާލީ ހަތަރު ޕޮއިންޓެއްގެ ލީޑެއްގައެވެ. މިވަގުތު ތިންވަނައިގައި ކްލަބު އީގަލްސް އޮތީ މި ބުރުގައި މެޗެއް ނުކުޅެ، 20 ޕޮއިންޓާއެކުގައެވެ. އީގަލްސްއިން މިރޭ ނުކުންނާނީ އަށްވަނައިގައި ލީގުގެ ފުރަތަމަ ބުރު ނިންމާލި ފ. ނިލަންދުއާ ދެކޮޅަށެވެ.

ގައުމީ ޓީމުގެ ކުރީ ކޯޗު، މިދިޔަ ހުކުރު ދުވަހު މަރުވެފައިވާތީ، މިއަދުގެ މެޗުގެ ކުރިން ކޯޗުގެ ހަނދާނުގައި ހާއްސަ ސުކޫތެއްވެސް ގެނެސްފައިވެއެވެ.

މެޗު ރަނގަޅަށް ފެށީ މާޒިޔާއިން ނަމަވެސް ފުރަތަމަ ލީޑު ނެގީ، ގްރީންއިންނެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ގްރީންއަށް ލީޑު ނަގައިދިނީ ބިދޭސީ ފޯވަޑް ރޮލެންޑް ރަސެލްއެވެ. އޭނާއަށް ފުރުސަތު ތަނަވަސް ކޮށްދިނީ އަހުމަދު ރިލުވާން (ރިލޭ)އެވެ.

މެޗަށް އަނބުރާ ވަނުމަށް މަސައްކަތް ކުރި މާޒިޔާއިން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް، އެޓީމަށް އެންމެ އެދެވޭ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ފުރަތަމަ ކޮޅުގައި މާޒިޔާއިން އެންމެ ފާހަގަކޮށްލެވޭ ހަމަލާއަކަށް ފެނުނީ ނާއިޒް ހަސަން (ދާދު)އަށް ލިބުނު ފުރުސަތެވެ. އޭނާގެ ފުރުސަތުގައި ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ ދެ މިނެޓުފަހުން އަހުމަދު އިމާޒް (އާއްކޮ) އަށް ލިބުނު ފުރުސަތުގައި އޭނާ ބޮލުން ބާރު ހަމަލާއެއް ފޮނުވާލި ނަމަވެސް، ގްރީންގެ ގޯލްކީޕަރު އިބްރާހީމް ލަބާން ވަނީ އެ ހަމަލާ މަތަކޮށްފައެވެ.

ގްރީންއާއި މާޒިޔާ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މެޗުގެ 23 ވަނަ މިނެޓުގައި މާޒިޔާއިން ނަތީޖާ ހަމަހަމަކުރިއެވެ. އިރޭ ގޯލް ޖެހީ މާޒިޔާއަށް ލިބުނު ކޯނަރު، އޭރިއާ ތެރޭގައި ހުރެ ބޮލުން ގޯލަށް ވައްދާލައިގެންނެވެ.

ދެވަނަ ހާފް ވަރުގަދަކޮށް ފެށީ ގްރީންއިންނެވެ. އެޓީމުން ވަނީ 61 ވަނަ މިނެޓުގައި ދެވަނަ ފަހަރަށް ލީޑު ނަގައިފައެވެ. މާޒިޔާ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ގޯލަށް ވައްދާލާ، ގްރީންއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ފުރަތަމަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިން ރިލޭއެވެ.

ގްރީންގެ ގޯލަށްފަހު އަނެއްކާވެސް މާޒިޔާއިން ކުޅުން ރަނގަޅުކުރިއެވެ. އެޓީމުން ހަމަލާތައްވެސް އުފެއްދިއެވެ. ދާދުއާއި އަސަދުﷲ އަބްދުﷲގެ ހަމަލާތައް ގްރީންގެ ގޯލްކީޕަރު ލަބާން ދިފާއުކުރި އިރު، ލަބާން ވަނީ ލީގުގެ ފުރަތަމަ ބުރުގައިވެސް ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ.

ހަމަލާތައް އުފައްދަމުން ދިޔަ މާޒިޔާއިން ނަތީޖާ ހަމަހަމަ ކުރީ 79 ވަނަ މިނެޓުގައެވެ. އެޓީމަށް ގޯލް ޖަހައިދިނީ ކޯނެލިއަސް ސްޓެވާޓެވެ. ނަތީޖާ ހަމަހަމަކޮށް، މާޒިޔާ އަށް ލީޑުނަގައިދިނީވެސް ސްޓެވާޓެވެ. ލަބާންއަށް ހެދުނު ގޯހުގެ ބޭނުން ހިފައި، ސްޓެވާޓް ޖަހައދިން ގޯލަކީ މެޗު ނިމެން ދަނިކޮށް ކާމިޔާބުކުރި ގޯލެކެވެ.

ގްރީންއާއި މާޒިޔާ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ފަހު ވަގުތާ ޖެހެންދެންވެސް ގްރީންއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކޮށްފައިވާ އިރު، ސަމްދޫހު މުހައްމަދުގެ ހިލޭ ޖެހު. އޭނާގެ ހިލޭ ޖެހެމުގެ ހުރަހަކަށްވީ ގޯލްގެ އަރިމަތީ ދަނޑިއެވެ. މެޗު ނިމެންދަނިކޮށް ގްރީންއިން ޕޮއިންޓަކަށް ކުރަމުން ދިޔަ މަސައްކަތަށް ހުރަސް އެޅުނީ ކައުންޓަ އެޓޭކުގައި ޖެހީ އަސަދުﷲ ޖެހި ގޯލާއެކު މާޒިޔާއިން ލީޑު ފުޅާ ކުރުމުންނެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިރޭ އޮންނަ މެޗުގައި އީގަލްސް ނުކުންނާނީ ނިލަންދުއާ ދެކޮޅަށެވެ.