ޕްރިމިއާ ލީގުގައި ރޭ އެވަޓަންގެ މައްޗަށް 1-2 އިން މެންޗެސްޓަރ ޔުނައިޓެޑުން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ޔުނައިޓެޑް މިހާރު އޮތީ 17 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގައެވެ. އެވަޓަން އޮތީ 15 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި 26 ޕޮއިންޓާ އެކު އޮތީ ލިވަޕޫލްއެވެ.

ޔުނައިޓެޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައިރު މެޗުގެ 27 ވަނަ މިނެޓްގައި އެޓީމަށް ވަނީ ޕެނަލްޓީ އެއް ލިބިފައެވެ. އެވަޓަންގެ ކުޅުންތެރިއަކު ޔުނައިޓެޑްގެ މާޝިއަލް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ ޕޯލް ޕޮގްބާ ފޮނުވާލުމުން އެވަޓަންގެ ކީޕަރު ޕިކްފޯޑް ދިފާއުކުރި ނަމަވެސް ބޯޅަ ބޭރަށް ނިކުތް ވަގުތު ޕޮގްބާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ޔުނައިޓެޑަށް ލީޑު ނަގާދީފައެވެ.

ފުރަތަމަ ހާފްގައި ނަތީޖާ އެއްވަރުކޮށްލަން އެވަޓަން އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ވޮލްކޮޓް އާއި ސިގަޑްސަން ފޮނުވާލި ހަމަލާ ދިފާއުކުރީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާއެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޔުނައިޓެޑުން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު އެންތޮނީ މާޝިއަލް ވަނީ ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މާޝިއަލް މި ގޯލު ކާމިޔާބުކުރީ އެވަޓަންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މި ގޯލަށްފަހު ލީޑު އިތުރަށް ފުޅާކޮށްލަން ރަޝްފޯޑް އާއި ޕޮގްބާ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެ ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް އެވަޓަންގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

އެވަޓަން އިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ގޯލު އެޓީމަށް ލިބުނު ޕެނަލްޓީ އަކުން މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސިގަޑްސަންއެވެ.

މިއީ ލީގުގައި ޔުނައިޓެޑުން ހޯދި ފަސްވަނަ މޮޅު ކަމަށްވާއިރު، ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ބޯންމަތްއާއެވެ.

ކިޔުންތެރިންގެ ހިޔާލު