އަހުމަދު ރިޒުވާން (ރިޒޭ)ގެ ހެޓްރިކާއެކު ށ. ފޯކައިދޫ ކައިރިން ކްލަބު އީގަލްސް ބޮޑު މޮޅެއް ހޯދައިފިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސްއިން ކުޅުނު 13 މެޗުން ރިޒޭ 30 ގޯލް ހަމަކޮށްފައިވާ އިރު، މި ފަހަރުގެ ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ފަސް މެޗުން ހެޓްރިކް ހަދާ ރިޒޭ ވަނީ ދުނިޔޭގެ ރެކޯޑަކާވެސް ހަމަކޮށްފައެވެ.

މިއަދުގެ މެޗުން މޮޅުވެ އީގަލްސް ވަނީ ދެވަނައަށް ޖެހިލައިފައެވެ. އެ ޓީމަށް 13 މެޗުން 30 ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި ޓީސީ އޮތީ 13 މެޗުން 36 ޕޮއިންޓާއެކުގައެވެ. މި ވަގުތު އީގަލްސް ދެވަނައިގައި އޮތް ނަމަވެސް، ތިންވަނައިގައި މާޒިޔާ އޮތީ މެޗެއް މަދުން ކުޅެ، 28 ޕޮއިންޓާއެކުގައެވެ. މިރޭ ވިކްޓަރީއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗުން މާޒިޔާ މޮޅުވެއްޖެނަމަ، އެޓީމު އަނެއްކާވެސް ދެވަނައަށް ޖެހިލާނެއެވެ.

މިއަދުގެ މެޗަށް ފޯކައިދޫން ނުކުތީ ސަސްޕެންޝަނުގައި ހުރި އެޓީމުގެ ޕާކިސްތާން ގޯލްކީޕަރު ސާގިބު ހަނީފާ ނުލައެވެ. މިހާތަނަށް ޕްރިމިއާ ލީގުގައި ސާގިބު ދައްކަމުން އަންނަ ކުޅުމަށް ބަލައި، އޭނާ ނެތުން ވެގެން ދިޔައީ ފޯކައިދޫއަށް މެޗު އުނދަގޫވި ބޮޑު ސަބަބަކަށެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް އީގަލްސްއިން ނުރައްކާ ކުރިއެވެ. ރިޒޭގެ ދެ ހަމަލާއެއް ފުލުފުލުގައި ފެނުނު އިރު، އޭނާގެ އެ ދެ ހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އެ ހަމަލާތަކަށްފަހު މެޗުގެ 12 ވަނަ މިނެޓުގައި އީގަލްސްއަށް ލީޑު ނަގައިދިނީވެސް ރިޒޭއެވެ. ރިޒޭ ފުރަތަމަ ގޯލް ޖެހީ ހަސަން ރާއިފް (ހަންނަ) ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

އެ ގޯލަށްފަހުވެސް މޮޅަށް ކުޅެމުންދިޔަ އީގަލްސްއިން ލީޑު ފުޅާކުރުމަށްވެސް މާ ގިނައިރެއް ނުނަގައެވެ. މެޗުގެ 20 ވަނަ މިނެޓުގައި ރިޒޭގެ އިތުރު ގޯލަކާއެކު އީގަލްސްއިން ހާފް ނިންމާލީ 2-0ގެ ލީޑެއްގައެވެ.

ހާފް ނިމުމުގެ ކުރިން ފޯކައިދުއަށްވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. އަހުމަދު އުޝާމް (ކަޅޫ)އަށް ލިބުނު ފުރުސަތު އޭނާ ނަގާލި އިރު، ދެވަނަ ހާފްވެސް އީގަލްސްއިން ފެށީ ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓުގައި މުހައްމަދު ނާއިމްގެ ގޯލުން އީގަލްސް ލީޑު އިތުރަށް ފުޅާކުރިއެވެ.

އަދި އޭގެ 10 މިނެޓްފަހުން އީގަލްސްއިން ހަތަރުވަނަ ގޯލެއްވެސް ޖެހިއެވެ. ހަންނަގެ ހުރަސް މިފަހަރުވެސް ގޯލަށް ވައްދާލީ ރިޒޭއެވެ.

މެޗުގެ ފަހުކޮޅުގައި ފޯކައިދޫން ކުރިއަށް ޖެހި، ގޯލެއް ޖެހުމަށް މަސައްކަތް ކުރި ނަމަވެސް، އެޓީމުގެ މަސައްކަތް ކާމިޔާބުވާގޮތެއް ނުވިއެވެ. އަނެއްކާވެސް މެޗު ނިމެން ދަނިކޮށް ގޯލް ޖެހީ އީގަލްސްއިންނެވެ. އީގަލްސްގެ ފަސްވަނަ ގޯލް ޖަހައިދިނީ ތިންވަނަ ގޯލް ޖެހި ނާއިމްއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ވިކްޓަރީ ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00ގައެވެ.