ޖަޕާނުގައި 2020 ގައި ބާއްވާ އޮލިމްޕިކްސް ގެ ކޮލިފައިން ބުރުގެ ދެވަނަ މެޗުން ވެސް ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.

ފަލަސްތީނުގައި ކުރިއަށްދާ ކޮލިފައިން ބުރުގެ ދެވަނަ މެޗުން ރާއްޖެ މިއަދު ބަލިވީ އިންޑޮނީޝިޔާ އާއި ބައްދަލުކޮށް 1-3 އިންނެވެ. މި މެޗުގައި ރާއްޖޭގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ފަދުވާ ޒާހިރުއެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި ރާއްޖެ ބަލިވީ އުރުދުން އާއި ބައްދަލުކޮށް 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ކޮލިފިކޭޝަންގެ ފަހު މެޗުގައި އަންގާރަ ދުވަހު ރާއްޖެ ނިކުންނާނީ ފަލަސްތީނާއި ދެކޮޅަށެވެ.

ކޮލިފައިންގައި ހިމެނޭ ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ދެވަނަ ބުރަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެވެ.