ރާއްޖޭގެ ކްލަބްތަކަށް އޭއެފްސީ ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލުނު ސަބަބުތައް ބެލުމަށް ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފު ނިންމަވައިފި އެވެ.

މިކަމާ ގުޅޭ ގޮތުން މިނިސްޓަރު މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުޓްބޯޅަ އަކީ ދައުލަތުން ބޮޑު ހޭދައެއް ކުރާ ކުޅިވަރަކަށްވެފައި އޭއެފްސީ ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލިގެން ގޮސްފައިވާތީ އެކަން މެދުވެރިވި ސަބަބު ބަލައި އަދި އިސްލާހު ކުރަން ޖެހޭ ކަންކަން ބެލުމަށް ކޮމިޓީއެއް އެކުލަވާލަން ނިންމަވާފައިވާ ކަމަށެވެ.

"ފުޓްބޯޅަ އަކީ ދައުލަތުން ބޮޑު ހޭދައެއް ކުރާ ކުޅިވަރަކަށްވެފައި އޭއެފްސީ ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލިގެން ގޮސްފައިވާތީ މެދުވެރިވި ސަބަބު ބަލައި އަދި އިސްލާހު ކުރަން ޖެހޭ ކަންކަން ބެލުމަށް ކޮމިޓީއެއް އެކުލަވާލަން ނިންމަވައިފިން. އެކަން ކުރިއަށްދާނީ ފުޓްބޯޅަ އެސޯސިއޭޝަނާއި ކްލަބްތަކުގެ ބައިވެރިވުމާ އެކު" މިނިސްޓަރު މަހުލޫފުގެ ޓްވީޓުގައިވެއެވެ.

ރާއްޖޭގެ އެއް ވަނަ ޑިވިޝަނުގެ ފުޓްބޯޅަ ކްލަބްތަކަށް އޭއެފްސީ ކަޕުގައި ވާދަކުރުމަށް ކުޅިވަރާބެހޭ މިނިސްޓްރީން އެހީތެރިވެދޭއިރު އޭއެފްސީން ދޫކުރާ ކްލަބް ލައިސަންސް ނެތް ކްލަބްތަކަށް މިދިޔަ އަހަރުން ފެށިގެން އޭއެފްސީ ކަޕުން ފުރުސަތު ނުދެ އެވެ.

އަދި ލައިސަންސް ހޯދުމަށް ލިޔެކިޔުންތައް އޮންލައިންކޮށް ހުށަހެޅުމަށްޓަކައި ކޮންމެ ކްލަބަކަށް ވެސް އޮންލައިން ޕޯޓަލެއްގެ ލޮގްއިން އެއް އޭއެފްސީން އޮންނަނީ ދީފައިވާއިރު އެފްއޭއެމުން ބުނީ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ މުއްދަތުތައް ކްލަބްތަކަށް އެކި ފަހަރު މަތިން ވަނީ ތަކުރާރުކޮށް އެންގުނު ކަމަށާއި އެކަމަކު ކްލަބްތަކުން ސިސްޓަމަށް ލިޔެކިޔުން ހުށަހަޅާފައިނުވާ ކަމަށެވެ. ނަމަވެސް ބައެއް ކްލަބްތަކުން ބުނަނީ އަޕްލޯޑްކުރި ގިނަ ލިޔެކިޔުންތައް އެފްއޭއެމުން އެޕްރޫވްކޮށްފައިނުވާ ކަމަށެވެ.

އޭއެފްސީ ކަޕަކީ ރާއްޖޭން 2004 އިން ފެށިގެން ވާދަކުރަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ ދިވެހި ކުޅުންތެރިންނަށް ކްލަބް ލެވެލްގައި ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ތަޖުރިބާތަކެއް މީގެ ކުރިން ލިބިފައިވާ މުބާރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަންނަމާރި

    ސާބަހޭ ސްމިތް ކޯލިޝަނަށް. ހުވާކުރިތާ 7 ދުވަސް. މީގެ ކުރިން މީނަ ބުނީ އޭއެފްސީ ކަޕްގައި ރާއްޖޭގެ ކޮންމެވެސް ޓީމެއް ކުޅެނިކޮށް ނުކުޅެވޭނެއޭ. އެމެޗް ކުޅުނު. މިފަހަރު ކަލޭގެ މޮޅުކަމެއް ހުރިއްޔާ އެނގޭނެ. މޮޅެތި ހޮޅި ރީލޯޑް ޓްވީޓް ކުރާ ކަލޭގެ ފެންވަރު ދައްކާލަބަލަ މި ގައުމަށް