ޑޯޓުމަންޑަށް ކުޅެމުން އަންނަ ޒުވާން ފޯވަޑް، ޖޭޑަން ސަންޗޯގެ މާކެޓް އަގު، ތިން މަސް ތެރޭ 806 ޕަސެންޓް އިތުރު ވެއްޖެ ކަމަށް ސީއައިއީއެސް ފުޓުބޯޅަ އޮބްޒަވޭޓަރީން ބުނެފިއެވެ.

އުމުރުން 18 އަހަރުގެ ސަންޗޯ ޑޯޓުމަންޑަށް ދިޔައީ މެންޗެސްޓާ ސިޓީންނެވެ. މިއަހަރުގެ އޮކްޓޯބަރު މަހު އިންގްލެންޑް ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެދިން ސަންޗޯ މިއަހަރު ޑޯޓުމަންޑަށް ބަދަލުވީ 10 މިލިއަން ޕައުންޑުގެ އަގަކަށެވެ. ސެޕްޓެމްބަރު ސަންޗޯގެ މާކެޓް އަގަކީ 8.77 މިލިއަން ޕައުންޑެވެ. ނަމަވެސް މިހާރު އޭނާގެ މާކެޓް އަގު، 79.44 މިލިއަން ޕައުންޑަށް ވަނީ މައްޗަށް ގޮސްފައެވެ.

ޑޯޓުމަންޑަށް ބަދަލުވިފަހުން 21 މެޗެއްގައި ސަންޗޯ ކުޅެފައިވާ އިރު، އޭނާ ވަނީ ހަ މެޗެއްގައި ގޯލްވެސް ޖަހައިފައެވެ.

ސަންޗޯގެ އިތުރުން ޕްރިމިއާ ލީގުގައި ކުޅޭ ބައެއް ކުޅުންތެރިންގެ އަގަށްވެސް ބޮޑުތަނުން ކުރިއެރުން އައިސްފައިވެއެވެ. އެގޮތުން ލިވަޕޫލްގެ ޑިފެންޑަރު ރޮބާޓްސަންގެ އަގު 28.92 އިން 72.12 މިލިއަން ޕައުންޑަށް އަރާފައިވާ އިރު، ދާދިފަހުން ވޮޓްފޯޑުން އެވަޓަންއަށް ބަދަލުވި ބްރެޒިލްގެ ރިޗާލްސަންގެ އަގުވެސް ވަނީ 68.96 މިލިއަން ޕައުންޑަށް އަރާފައެވެ. އޭނާ އެވަޓަންއަށް ދިޔައީ 50 މިލިއަން ޕައުންޑަށެވެ.

ސީއައިއީއެސް ފުޓުބޯޅަ އޮބްޒާވެޓްރީގެ އަލްގޮރިދަމްއަކީ ކުޅުންތެރިން އުމުރާއި، ކޮންޓްރެކްޓް، އަދި ކުޅޭ މަގާމާއި ލީގުގެ އިތުރުންވެސް ގިނަ ކަންތައްތަކަށް ބަލައި، ކުޅުންތެރިންގެ އަގާއި ފެންވަރު އޮޓޮމެޓިކް ހޯދާނެ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ އަލްގޮރިދަމެކެވެ.

ކިޔުންތެރިންގެ ހިޔާލު