އޭޝިއަން ކަޕްގެ ސެމީ ފައިނަލްގައި ރޭ މުބާރާތް ބާއްވާ ގައުމު ޔޫއޭއީއާއި ގަތަރު ވާދަކުރި އިރު، އެ މެޗު ވެގެންދިޔައީ ފޯރިގަދަ މެޗަކަށެވެ. ހާއްސަކޮށް ގަތަރުން ފުރަތަމަ ފަހަރަށް ސެމީ ފައިނަލް ކުޅުނު އިރު، ޔޫއޭއީން ބޭނުންވީ އަމިއްލަ ގައުމުގައި ބޭއްވި މުބާރާތް ކާމިޔާބުކުރާށެވެ.

މެޗަށް ތައްޔާރުވުމަށް އިއްޔެ ޔޫއޭއީގެ ސްކޫލުތަކުގެ ކިޔެވުންވެސް އަވަހަށް ނިންމާލާފައިވާ އިރު، މެޗު ކުޅެފައި ވަނީ ފުލް ސްޓޭޑިއަމްއެއްގައެވެ. މެޗުން ގަތަރު 4-0ގެ ނަތީޖާއަކުން މޮޅުވި އިރު، މެޗު ފެށީވެސް ފުޓުބޯޅައިގެ ރޫހާ ހިލާފު އަމަލަކުންނެވެ.

ގަތަރުގެ އެތައް ސަޕޯޓަރުންނެއް ޓްވިޓާގައި ބުނެފައި ވަނީ މެޗު ފެށުމުގެ ކުރިން ގަތަރުގެ ގައުމީ ސަލާމް ޖެހި ގަޑީގައި ޔޫއޭއީގެ ސަޕޯޓަރުން ގައުމީ ސަލާމަށް އިހުތިރާމް ކުޑަކުރުމުގެ ގޮތުން "ބޫ" އަޑު ސްޓޭޑިއަމްގައި ހިއްޕާލި ކަމަށެވެ. އަދި އެއީ އެއްވެސް ގޮތަކަށް ފުޓުބޯޅައިގައި ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށް ސަޕޯޓަރުން ބުންޏެވެ.

އިއްޔެގެ މެޗަށް ގަތަރުގެ އެއްވެސް ސަޕޯޓަރަކަށް ވަދެވިފައެއް ނުވެއެވެ. އެއީ ގަތަރާ ދެކޮޅަށް ބައެއް ގައުމުތަކުން ނެރެފައިވާ ގަރާރުގައި ޔޫއޭއީ ހިމެނޭތީ އެގައުމަށް ގަތަރު މީހުންނަށް ނުވަދެވޭ އުސޫލުގެ ދަށުންނެވެ.

މެޗުގެ ދެވަނަ ގޯލާއެކު ގަތަރުގެ ފޯވަޑް އުފާފާޅުކުރަމުންދިޔަ އިރު، ދަނޑަށް ފުޅިއާއި ފައިވާނުގެ އިތުރުން ބޫޓުވެސް އުކަމުންދިޔައެވެ. އޭގެން ބޫޓު ކިބައަކުން ގަތަރު ކުޅުންތެރިއެއްގެ މޭމަތީގައިވެސް ޖެހިފައިވެއެވެ.

އެފަދަ ކަންތައްތަކާ ގުޅިގެން ގަތަރުގެ އެތައް ސަޕޯޓަރުންނެއް ވަނީ މީސް މީޑިއާގައިވެސް ވީޑިއޯތަކާއި ފޮޓޯތަކާއެކު ނުރުހުން ފާޅުކޮށްފައެވެ. އެ ސަޕޯޓަރުން ބުނެފައި ވަނީ ޔޫއޭއީއަށް ފިޔަވަޅުން އަޅަން ފީފާއާއި އޭއެފްސީއަށް ޖެހޭނެ ކަމަށެވެ. އަދި ގަތަރުގެ ކުޅުންތެރިންނަށް ދޭން ޖެހޭ ހިމާޔަތް ދެވިފައިނުވާތީ ޔޫއޭއީގެ އިދާރާތަކަށްވެސް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ގަތަރުގެ ސަޕޯޓަރުން ބުނެފައިވެއެވެ.

ޔޫއޭއީގެ މައްސަލަތަކާ ގުޅިގެން ފީފާ އަދި އޭއެފްސީންވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.