އޭޝިއަން ކަޕް 2023 ބޭއްވުމަށް ހަތަރު ގައުމަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ބުނީ، އަންނަ އަހަރު އޮންނަ އޭޝިއަން ކަޕް ބޭއްވުމަށް ހަތަރު މެމްބަރު އެސޯސިއޭޝަނަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އޭޝިއަން ކަޕް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހަތަރު އެސޯސިއޭޝަން:

  1. ފުޓްބޯލް އޮސްޓްރޭލިއާ (އޮސްޓްރޭލިއާ)
  2. ފުޓްބޯލް އެސޯސިއޭޝަން އޮފް އިންޑޮނޭޝިއާ (އިންޑޮނޭޝިއާ)
  3. ކޮރެއާ ފުޓްބޯލް އެސޯސިއޭޝަން (ސައުތު ކޮރެއާ)
  4. ގަތަރު ފުޓްބޯލް އެސޯސިއޭޝަން (ގަތަރު)

އޭޝިއަން ކަޕް އަންނަ އަހަރު ބޭއްވުމަށް ކުރިން ފުރުސަތު ލިބިފައި އޮތީ ޗައިނާ އަށެވެ. ނަމަވެސް ޗައިނާގައި ކޮވިޑް-19 ފެތުރެމުން އަންނާތީ މި އަހަރުގެ މެއި މަހުގެ ތެރޭގައި އެ ގައުމުން ވަނީ ފުރުސަތު ދޫކޮށްލާފައެވެ.

މިއާއެކު މުބާރާތް ބޭއްވުމަށް އޭއެފްސީން ހުޅުވާލުމާއެކު އޮސްޓްރޭލިއާ، އިންޑޮނޭޝިއާ، ސައުތު ކޮރެއާ އަދި ގަތަރުގެ ފުޓްބޯލް އެސޯސިއޭޝަނުން ޝައުގުވެރިކަން ފާޅުކުރުމާއެކު، އެ އިދާރާއިން ވަނީ އެ ހަތަރު ގައުމަށް ބިޑިންގް ރެގިއުލޭޝަންތައް ހިއްސާކޮށްފައެވެ.

މިގޮތުން އޭއެފްސީން ބުނީ، ބިޑިންގް ރެގުލޭޝަންތައް ބެލުމަށްފަހު ޝައުގުވެރިކަން ފާޅުކުރި އެސޯސިއޭޝަންތަކުން އަންނަ އޯގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ކުރިން ބިޑް ޑޮކިއުމަންޓްސްތައް އެ އިދާރާއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އަންނަ އަހަރުގެ އޭޝިއަން ކަޕް އިން 24 ގައުމަކުން ވަނީ ފުރުސަތު ހޯދާފައެވެ. އެއީ ޖަޕާން، ސީރިއާ، ގަތަރު، ސައުތު ކޮރެއާ، އޮސްޓްރޭލިއާ، އިރާން، ސައުދި އަރަބިޔާ. ޔޫއޭއީ، ޗައިނާ، އިރާގް. އޮމާން، ވިއެޓްނާމް، ލެބެނާން، ފަލަސްތީން، އުޒްބެކިސްތާން، ތައިލޭންޑް، ހޮންކޮންގް، ތަޖިކިސްތާން، ކިރިގިސްތާން، ބަހްރެއިން، މެލޭޝިއާ، ޖޯޑަން، އިންޑޮނޭޝިއާ އަދި އިންޑިއާއެވެ.

އޭޝިއަން ކަޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން 16 އިން ޖުލައި 16 ގެ ނިޔަލަށެވެ.