އޭއެފްސީ އޭޝިއަން ކަޕް ގަތަރު 2023 ގެ ގުރުލުމުގެ ރަސްމިއްޔާތު 11 މެއި 2023 ވާ ބުރާސްފަތި ދުވަހު ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ކަޓާރާ އޮޕެރާ ހައުސްގަ ބޭއްވުމަށް އޭއެފްސީ ނިންމައިފިއެވެ.

މި ރަސްމިއްޔާތުގައި ޓީމުތައް ސީޑް ކުރުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ ފީފާ ރޭންކިންގައި ގައުމުތަކުގެ ރޭންކް ކުރެވިފައިވާ ތަރުތީބުންނެވެ.
ކޮލިފިކޭޝަން މަރުހަލާގެ ދެ ވަނަ ބުރު ނިމުމުގެ ކުރިން ފައިނަލް މުބާރާތުގެ ޖާގަ ކަށަވަރުކުރި 12 ޓީމު ހިމެނެނީ ޕޮޓްސް 1 އަދި 2 ގަ އެވެ. އަދި ތިން ވަނަ ބުރުގައި ކޮލިފައިވި ބާކީ ހުރި ޓީމުތައް ވަނީ ބާކީ ހުރި ޕޮޓްތަކަށް ބަހާލެވިފައެވެ. ނަމަވެސް މުބާރާތުގެ ހޯސްޓްގެ ހައިސިއްޔަތުން ގަތަރު އޮތީ ޕޮޓް އެކަކަށް ސީޑްކޮށްފަ އެވެ.
02 ސެޕްޓެމްބަރު 2023 ފެށިގެން 17 ސެޕްޓެމްބަރު 2023 ގެ ނިޔަލަށް ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ އޭއެފްސީ އޭޝިއަން ކަޕްގައި 24 ޓީމު ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި 24 ޓީމު 6 ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭ ގޮތަށެވެ.

ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނައަށް ދާ ޓީމު މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވާ އިރު ތިންވަނައަށް ދާ ޓީމުތަކުގެ ތެރޭގައި އެންމެ ނަތީޖާ ރަގަޅު ހަތަރު ޓީމަށް މުބާރާތުގެ ދެވަނަ ބުރުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އޭއެފްސީ އޭޝިއަން ކަޕްގެ އެންމެ ކާމިޔާބު ގައުމަކީ ޖަޕާން އެވެ. އެ ގައުމުން މި މުބާރާތް ހަތަރު ފަހަރަށް ކާމިޔާބުކޮށްފައި ވާއިރު މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ގަތަރެވެ.