ފްރާންސްގެ ނަންޓޭސްއިން ކްލަބު ރެކޯޑު އަގެއްގައި ކާޑިފްއަށް ބަދަލުވި، އެމިލިއާނޯ ސަލާގެ ފްލައިޓް ގެއްލުނީ ޓީމުގެ ކުޅުންތެރިންނާ ވަދާއުގެ ސަލާމް ކުރުމަށްފަހު ކާޑިފްއަށް ދިޔަ ދަތުރުގައެވެ. އޭނާގެ ފްލައިޓަށް އަދިވެސް ވީނުވީއެއް ނޭނގި ގެއްލިފައިވާ އިރު، ޕައިލެޓާއި ސަލާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ.

ސަލާގެ ފްލައިޓް ގެއްލުމާއެކު ކާޑިފްއާއި ނަންޓޭސްގެ ސަޕޯޓަރުންނަށްވެސް ކޮޅެއް ނެތް ހިތާމައެއް ގެނުވި އިރު، އިނގިރޭސި އިދާރާތަކުން ފްލައިޓް ހޯދުމުގެ މަސައްކަތް ހުއްޓާލުމުންވެސް ނަންޓޭސްގެ އެތައް ސަޕޯޓަރުންނެއް ވަނީ އަލުން ހޯދުމުގެ މަސައްކަތް ފެށުމަށް ގޮވާލާފައެވެ.

ގިނަ ކުޅުންތެރިންތަކެއްގެ ދީލަތި އެހީތަކަކާއެކު އަމިއްލ ފަރާތަކުން ސަލާގެ ފްލައިޓް ހޯދުމަށް މަސައްކަތް ކުރަމުންދާ އިރު، އިއްޔެގެ ވަގުތެއްގައި އެ ފްލައިޓްގެ ގޮނޑިތަކުގެ ކުޝަން ކަމަށް ބެލެވޭ ކުޝަންތަކެއް ފެނިފައިވެއެވެ.

ސަލާގެ ވަދާއަށްފަހު ރޭ ނަންޓޭސްއިން ކުޅުނު މެޗަކީ އެ ފްލައިޓް ގެއްލުނުފަހުން އެ ކްލަބުން ކުޅުނު ފުރަތަމަ މެޗެވެ. މުޅި ސްޓޭޑިއަމް އެކީއެކައްޗަކަށް ސަލާގެ ހަނދާނުގައި ހަމަހިމޭންވެފައި އޮތް އިރު، އޭނާގެ ޖާޒީ ނޫން އެހެން އެއްޗެއް މުޅި ދަނޑުންވެސް ނުފެނެއެވެ. ކުޅުންތެރިންގެ ވާމްއަޕް ކިޓްވެސް ސަލާއަށް ހާއްސަކުރި އިރު، ކުޅުންތެރިންގެ ޖާޒީ ނަމަކަށް ޖަހާފައި ވަނީވެސް ސަލާއެވެ.

އޭގެ އިތުރުން މެޗުގެ ނުވަ ވަނަ މިނެޓުގައި ރެފްރީ ކުޅުން ހުއްޓާލުމަށްފަހު ސަލާގެ ހަނދާނުގައި ހާއްސަ ވަގުތުކޮޅެއް ކުރިއަށް ގެންގޮސްފައިވާ އިރު، ސަޕޯޓަރުންގެ އެތައް ބައެއްގެ ލޮލުން ފެނުނީ ކަރުނައެވެ. ޓީމުގެ ކޯޗާއި ކުޅުންތެރިންނަށް ސަލާގެ ފްލައިޓް ގެއްލުމުން ކޮށްފައިވާ އަސަރުވެސް މެޗުގައި ފެނިގެންދިޔައެވެ.

ސެއިންޓް އެތިއޭންއާ ދެކޮޅަށް ނަންޓޭސް ކުޅުނު މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު