ޕްރިމިއަރ ލީގުގައި މިރޭ ނިއުކާސަލް ޔުނައިޓެޑާއި ބައްދަލުކުރި މެޗުން 0-1 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެއެވެ.

މި މެޗުން ބަލިވި ނަމަވެސް ޔުނައިޓެޑް އަދިވެސް އޮތީ 56 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. ލީގުގެ އެއްވަނައިގައި 72 ޕޮއިންޓާ އެކުއެވެ. ޔުނައިޓެޑް އަތުން މިރޭ މޮޅުވި ނިއުކާސަލް އޮތީ 28 ޕޮއިންޓާ އެކު ލީގުގެ 13 ވަނައިގައެވެ.

ނިއުކާސަލްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޔުނައިޓެޑްގެ މާޝިއަލް އަށެވެ. ނަމަވެސް ނިއުކާސަލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ މާޝިއަލް ފޮނުވާލި ހަމަލާ އެޓީމުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި ހާފުގައި ނިއުކާސަލް އިން ވެސް ވަނީ ނުރައްކާތެރި ދެ ހަމަލާ އެއް ޔުނައިޓެޑްގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް އެ ދެ ހަމަލާ ވެސް ޔުނައިޓެޑްގެ ކީޕަރު ޑެހެޔާ ވަނީ ދިފާއުކޮށްފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ޔުނައިޓެޑްގެ އެލެކްސިސް ސަންޗޭޒް އަށް ވަނީ ގޯލްޖަހަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ނިއުކާސަލްގެ ކީޕަރު ކައިރިން ވެސް ނައްޓާލުމަށްފަހު ސަންޗޭޒް ފޮނުވާލި އެ ހަމަލާ ނިއުކާސަލްގެ ޑިފެންޑަރަކު ވަނީ ދިފާއުކޮށްފައެވެ.

މި ފުރުސަތުގެ ބޭނުން ސަންޗޭޒް އަށް ނުހިފުނުއިރު މެޗުގެ 65 ވަނަ މިނެޓްގައި މެޓް ރިޗީ ވަނީ ނިއުކާސަލްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދީ އެޓީމު މި މެޗުން މޮޅުކޮށްދީފައެވެ.

މި މެޗުން ނިއުކާސަލް މޮޅުވިއިރު މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހަށްފަހު އަމިއްލަ ދަނޑުގައި ކުޅެ އެޓީމުން ލީގުގައި ހޯދި ފުރަތަމަ މޮޅުކަން ފާހަގަކޮށްލެވެއެވެ.

މި މެޗުން ޔުނައިޓެޑް ބަލިވިމުން ލީގު ހޯދުމަށް އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް މިހާރު ބޭނުންވަނީ އެންމެ ހަ މޮޅެވެ.