ފްރާންސްގެ ނަންޓޭސްއިން ކާޑިފްއަށް ބަދަލުވި ފޯވަޑް އެމިލިއާނޯ ސަލާގެ ފްލައިޓް، މިދިޔަ މަހު 21 ވަނަ ދުވަހު އިންގްލިޝް ޗެނަލްއަށް ގެއްލުނު އިރު، ފްލައިޓް ހޯދުމަށް ކުރި ބުރަ މަސައްކަތުން މިދިޔަ ހަފްތާ ތެރޭގައި ފްލައިޓް ވަނީ ފެނިފައެވެ.

ފްލައިޓް ފެނުނު އިރު، އެތެރެއިން ހަށިގަނޑެއް ފެނިފައިވާ އިރު، އެކަމަށް ހާއްސަ ރޮބޮޓެއްގެ އެހީގައި ހަށިގަނޑު ވަނީ ނަގާފައެވެ. އަދި ހަށިގަނޑު ނެގުމަށްފަހު ދެ ދުވަސް ފަހުން އެއީ ފޯވަޑް އެމިލިއާނޯ ސަލާގެ ހަށިގަނޑުކަން އިދާރާތަކުން ވަނީ ޔަގީން ކޮށްދީފައެވެ.

ސަލާގެ ހަށިގަނޑާ ބެހޭ ގޮތުން މިއަދު އިދާރާތަކުން ހާމަކުރި މައުލޫމާތުގައި ބުނެފައި ވަނީ ސަލާއަށް އެންމެ ބޮޑެތި އަނިޔާތަކެއް ލިބިފައި ވަނީ ބޮލާއި ކަނދުރާއަށް ކަމަށެވެ. އަދި މޫދު ތެރޭގައި އެތައް ދުވަހެއް ވަންދެން އޮތް ހަށިގަނޑު ނެގުމަށްފަހު ކާކުތޯ ބަލަން އިދާރާތަކުން ބޭނުން ކުރީ އިނގިލީގެ ނިޝާން ކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ސަލާގެ މަރާއެކު އެތައް ބަޔަކު ހިތާމަ ފާޅުކޮށްފައިވާ އިރު، ރޭ ވަނީ އޭނާ ކުރިން ކުޅުނު ކްލަބާއި އަލަށް ބަދަލުވި ކްލަބުންވެސް ހިތާމަ ފާޅުކޮށްފައެވެ. ސަލާގެ ފަލައިޓް ދުއްވަންއިން ޕައިލެޓްގެ ހަށިގަނޑު އަދި ފެނިފައެއް ނުވެއެވެ. ހަށިގަނޑު ހޯދުމަށް އަމިއްލަ ފަރާތެއް ކުއްޔަށް ހިފުމަށް ޕައިލެޓްގެ އާއިލާއިން އެހީތެރިކަން ހޯދަމުންދާ އިރު، ފުޓުބޯޅަ ކުޅުންތެރިން ވަނީ ޕައިލެޓްގެ އާއިލާއަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަވްބެ

    ކޮންމެ نفس އަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ عمل ތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، قيامة ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު نصيب ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ. (ސޫރަތް އާލު އިމްރާން 185)