ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ޕީއެސްޖީއާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ ލެގު، ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.

ޔުނައިޓެޑްގެ ހޯމް، އޯލްޑް ޓްރެފޯޑުގައި ރޭ ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. ނަތީޖާއާއެކު ޕީއެސްޖީން ވަނީ ހޯލް ލެގަށް ނުކުންނަ އިރު، ކުއާޓާއަށް އުންމީދު ބޮޑު ކޮށްފައެވެ.

މިރޭގެ މެޗަކީ މޮރީނިއޯގެ ފަހުން ޔުނައިޓެޑާ ވަގުތީ ގޮތުން ހަވާލުވި ސޮލްސްޖާގެ ފުރަތަމަ ބައްޔެވެ. އޭނާ ވަނީ މި މެޗުގެ ކުރިން ޔުނައިޓެޑުން ކުޅުނު 11 މެޗުން 10 މެޗުން މޮޅު، އަދި އަނެއް މެޗުން އެއްވަރު ކޮށްދީފައެވެ.

މިރޭގެ މެޗުގެ ކުރިން އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ ޕީއެސްޖީއަށް ކުރިމަތިވެފައިވާ އަނިޔާގެ ވާހަކައެވެ. ހާއްސަކޮށް ބްރެޒިލްގެ ތަރި، ނޭމާ އަދި ޓީމުގެ ސްޓްރައިކަރު އޭދިސަން ކަވާނީއަށް އަނިޔާވުމުން ޕީއެސްޖީއަށް ވަނީ މާޔޫސްކަން ކުރިމަތިވެފައެވެ. އެހެން ނަމަވެސް، ރޭގެ މެޗުގައި ޕީއެސްޖީން ވަނީ އެކަން ހަނދާން ނައްތާލާ ޔުނައިޓެޑާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗު ފެށިގެން ދެޓީމުންވެސް ބެލީ އެޓޭކް ކުރުމަށެވެ. ފަހަތުގައި މަޑުކޮށްގެން، ޑިފެންސިވް ކުޅުމަކަށް އެއްވެސް ވަރަކަށް ދެޓީމުންވެސް ވިސްނުން ގެންގުޅެފައިނުވާ އިރު، ފާހަގަކޮށްލެވިފައި ވަނީ ދެޓީމުގެ ފޯވަޑް ލައިނުގެ ބާރު ސްޕީޑެވެެ. ޕީއެސްޖީގެ ފޯވަޑް ލައިނުން ނޭމާ ނުފެނުނު ނަމަވެސް، ޑިމަރިއާއާއި ކިލިއަން އެމްބާޕޭގެ ދުވެލި މަޑެއް ނުވިއެވެ.

ޔުނައިޓެޑުންވެސް ކައުންޓާ އެޓޭކް ކުރަން ބެލި އިރު، ލިންގާޑާއި، ރަޝްފޯޑުގެ އިތުރުން މާޝިއަލްވީ ނުރައްކަލަށެވެ. މުޅި މެޗުގައިވެސް ޔުނައިޓެޑުން ޕީއެސްޖީގެ ގޯލްކީޕަރު ބުފޮންއަށް ކުރިމަތިކުރުވި ނުރައްކަލަކީ މެޗުގެ ކުރީކޮޅުގައި ރަޝްފޯޑް އަރިމަތިން ފޮނުވާލި ބާރު ހަމަލާއެވެ. އެ ބޯޅަ ބުފޮން ޕަންޗުކޮށް ބޭރުކޮށްލި އިރު، އޭގެ ފަހުން ބުފޮން ފެނުނީ ކަމެއް ނެތިފައި ހުރިތަނެވެ.

ފުރަތަމަ ހާފްގައި ޕީއެސްޖީގެވެސް އެންމެ އެދެވޭ ހަމަލާއެއް ނުފެނުނެވެ. އެމްބާޕޭގެ ބޮލުން ޖެހި ހަމަލާ ގޯލްކީޕަރު ޑެހެއާ ހުށިޔާރުކަމާއެކު ދިފާއުކުރިއެވެ. ފުރަތަމަ ހާފްގެ އުސްއައްޔަކަށްވީ ޔުނައިޓެޑްގެ ކުރިއަށް ކުޅެމުންދިޔަ ދެ ފޯވަޑުންނަށްވެސް އަނިޔާވެ ބާލަން ޖެހުމެވެ. މާޝިއަލްގެ އިތުރުން ލިންގާޑަށްވެސް ވަނީ ފުރަތަމަ ހާފްގައި އަނިޔާވެގެން ބާލާފައެވެ.

މެޗުގެ ދެވަނަ ހާފް ޕީއެސްޖީން ފެށީ ވަރުގަދަ ކޮށެެވެ. އަރިމަތިން އަލްވޭސްގެ ގިނަ ހުރަސްތަކެއް ފެނިގެންދިޔަ އިރު، ޑީމަރިއާގެ ކޯނަރަކުން ލީޑު ނަގައިދިނީ ޑިފެންޑަރު ކިމްޕެންބޭއެވެ. 53 ވަނަ މިނެޓުގައި ޕީއެސްޖީން ލީޑު ނެގުމުން ޔުނައިޓެޑަށް ކެތެއް ނުކުރެވުނެވެ. ކުރިއަށް ޖެހެން މަޖުބޫރުވެ ކުރިއަށް ޖެހުނެވެ.

އޭގެ ނަތީޖާއަކަށްވީ ޕީއެސްޖީގެ ހަލުވި ފޯވަޑް އެމްބާޕޭއަށް ޖާގަ ލިބެން ފެށުމެވެ. ފުރަތަމަ ގޯލަށް މާ ގިނައިރެއް ނުވެ، ޑިމަރިއާގެ ހުރަހަކުން އެމްޕާބޭ ވަނީ ޕީއެސްޖީއަށް އަވޭ ދެވަނަ ގޯލެއް ޖަހައިދީފައެވެ. އެ ގޯލަށް ފަހުވެސް އެމްޕާބޭއަށް އިތުރު ފުރުސަތުތައް ލިބި، އޭނާ ބޭކާރު ކޮށްލިއެވެ.

ޕީއެސްޖީއާ ދެކޮޅަށް ޕެރިސްގައި ޔުނައިޓެޑުން ކުޅޭ މެޗު އޮންނާނީ މާޗު ހަތްވަނަ ދުވަހުއެވެ. މިރޭގެ މެޗުގެ ފަހުކޮޅުގައި ޕައުލް ޕޮގްބާއަށް ދެއްކި ރަތްކާޑާއެކު އެ މެޗުގައި ޕޮގްބާ ނުކުޅޭނެއެވެ.