1-2 އިން ލެސްޓަ ސިޓީ ބަލިކޮށް އިނގިރޭސި އެފްއޭކަޕްގެ ސެމީފައިނަލަށް ޗެލްސީ ދަތުރުކޮށްފިއެވެ.

ލެސްޓާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ދާދި ހަމަހަމަ ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑު ނެގީ ޗެލްސީންނެވެ.

ވިލިއަން ދިން ޕާހަކުން މި ގޯލު މެޗުގެ 42 ވަނަ މިނެޓްގައި ޗެލްސީ އަށް ކާމިޔާބުކޮށްދިނީ އަލްވަރޯ މޮރާޓާއެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށްފަހު މޮރާޓާ ޗެލްސީ އަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

ޗެލްސީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ލީޑު ފުޅާކޮށްލަން އެޓީމަށް ފުރުސަތުތަކެއް ލިބުނުއިރު މި ހާފުގައި ލެސްޓާ އިން ދިޔައީ ނަތީޖާ އެއްވަރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 76 ވަނަ މިނެޓްގައި ޖޭމީ ވާޑީ ވަނީ ލެސްޓާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ ފުރިހަމަވަގުތު ހަމަވުމުގެ ކުރިން ލީޑު ނަގަން ދެ ޓީމަށް ވެސް ރަނގަޅު ފުރުސަތެއް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ވާޑީ ފޮނުވާލި ހަމަލާ ޗެލްސީގެ ކީޕަރު ކަބަލޭރޯ ދިފާއުކުރިއިރު މޮރާޓާ ފޮނުވާލި ހަމަލާ ލެސްޓާގެ ކީޕަރު ޝްމައިކަލް ވަނީ ދިފާއުކޮށްފައެވެ.

90 މިނެޓްގެ ކުޅުން ނިމުނުއިރު ދެ ޓީމު ވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. އެގޮތުން 15 މިނެޓްގެ ފުރަތަމަ ހާފްގެ ކުރީކޮޅު ޕެޑްރޯ ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ މުބާރާތުގެ ސެމީގެ ޖާގައެއް އެޓީމަށް ކަށަވަރުކޮށްދީފައެވެ.

މިއީ ފާއިތުވި ހަތް އަހަރުތެރޭ މި މުބާރާތުގެ ސެމީ އަށް ޗެލްސީ ދަތުރުކުރި ހަތަރުވަނަ ފަހަރެވެ. އެފްއޭކަޕަކީ މި ސީޒަނުގައި ޗެލްސީ އަށް ކާމިޔާބު ކުރެވެން އޮތް ހަމައެކަނި ތަށްޓެވެ.

މުބާރާތުގެ ސެމީގައި ޗެލްސީ ބައްދަލުކުރާނީ ސައުތްހެމްޓަންއާއެވެ.