އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީން، ފީފާގެ ފައިނޭންޝިއަލް ފެއާ ޕްލޭއާ ހިލާފަށް ހަރަދުކޮށްފައިވާ މައްސަލައެއް ބަލަން ފަށައިފިއެވެ.

ޔޫއެފާއިން ސިޓީގެ މައްސަލަ ބަލަން ފަށާފައި ވަނީ ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑާ ސްޕީގަލްއިން، ސިޓީއާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުމެއްގައި ހާމަކޮށްފައިވާ މައުލޫމާތު ތަކެކެވެ. ޖަރުމަނުގެ ނޫހުން ސިޓީގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އިރު، އެ ނޫހުން ވަނީ ސިޓީގެ ފައިނޭންޝިއަލް ލިޔެކިޔުންތަކެއްވެސް ލީކު ކޮށްލައިފައެވެ.

ސިޓީގެ ފައިނޭންޝިއަލް މައްސަލަތަކެއް ބަލަމުންދާ އިރު، އިނގިރޭސި އެފްއޭއިން އަންނަނީ އެ ކްލަބުން ޒުވާން ކުޅުންތެރިއެއް ގަވާއިދާ ހިލާފަށް ގެންދިޔަ މައްސަލައެއްވެސް ބަލަމުންނެވެ. ޖަރުމަނުގެ ޑޯޓުމަންޑަށް ގެންދިޔަ ސަންޗޯއަކީ އެތައް ކްލަބަކުން ބޭނުންވެފައިވާ ކުޅުންތެރިންޔަކަށްވާ އިރު، އޭނާގެ އުމުރުން 14 އަހަރުގައި ސިޓީން ސަންޗޯގެ އޭޖެންޓަށް ދެ ލައްކަ ޕައުންޑް ދީ، ކުރީބައިގައި ޑީލް ނިންމި ކަމަށް މީޑިއާތައް ބުނެއެވެ.

އޭގެ އިތުރުންވެސް ޖަރުމަނުގެ ނޫހުގައި ބުނެފައި ވަނީ ސިޓީން 2013 ވަނަ އަހަރުގެ ސީޒަންގައިވެސް ފީފާއަށް އޮޅުވާލި ކަމަށާއި، ގިނައިން ހަރަދު ކުރުމަށް، ސްޕޮންސާޝިޕަށް ލިބޭ އާންމުދަނީ 9.9 މިލިއަން އިތުރުކުރި ކަމަށެވެ.

އެ ހުރިހާ މައްސަލައެއްވެސް ބަަލަމުންދާ އިރު، ސިޓީން ވަނީ އެކަން ދޮގުކޮށްފައެވެ. ސިޓީން ބުނެފައި ވަނީ ސިޓީގެ މެއިލްއާއި ޓީމުގެ ޑޭޓާ ބޭސް ހެކްކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އެ ނޫހުން ހަދަމުން ދަނީ ދޮގު ކަމަށެވެ.

ފީފާގެ ފައިނޭންޝިއަލް ފެއާ ޕްލޭ ބުނާގޮތުން، ކްލަބަކަށް ސްޕޮންސާޝިޕް ގޮތުގައި ލިބޭ ފައިސާގެ އިތުރުން އިނާމް ފައިސާއަށްވުރެ ބޭރުން އެއްވެސް ކްލަބަކަށް ހަރަދު ނުކުރެވޭނެއެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ ޗެއާމަން ހަލްދޫން އަލް މުބާރަކާއި، ސީއީއޯ ފެރަން ސަރިއާނޯވެސް، ސިޓީ ސަސްޕެންޑް ނުވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

ސިޓީން 2014 ވަނަ އަހަރުގެވެސް ފައިނޭންޝަލް ފެއާ ޕްލޭ ގަވާއިދާ ހިލާފުވި އިރު، އެޓީމަށް ވަނީ ބޮޑު ޖޫރިމަނާއެއް އައިސްފައެވެ.