ކްރިސްޓިއާނޯ ރޮނާލްޑޯއާ ނުލާ ކުޅުނު ޔުވެންޓަސް، މި ސީޒަންގެ ފުރަތަމަ ފަހަރަށް ލީގުގައި ބަލިވެއްޖެއެވެ.

ސެރެއާ އޭގެ އެއްވަނައިގައި 18 ޕޮއިންޓްގެ ލީޑަކާއެކު އޮތް ޔުވެންޓަސްއިން 12 ވަނައިގައި އޮތް ގެނޯއާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ހެޓްރިކް ހަދާ، އެޓީމު ކުއާޓާ ފައިނަލް ގެންގޮސްދިން ޕޯޗުގަލްގެ ތަރި، ރޮނާލްޑޯއާ ނުލާ މިއަދުގެ މެޗަށް ނުވެންޓަސްއިން ނުކުތް އިރު، މެޗުގައި ގޯލް ބެލެހެއްޓީވެސް ޕެރިންއެވެ. އޭގެ އިތުރުން ކެޕްޓަން ކިއެލީނީއާއި މެދުތެރެއިން މުހިއްމު ކުޅުމެއް ކުޅޭ، މަޓުއީޑީވެސް މިއަދުގެ މެޗުގައި ނުކުޅެއެވެ.

މިއަދުގެ މެޗުގައި ގެނޯއާއިން މޮޅަށް ކުޅުނު އިރު، ޔުވެންޓަސްއަށް އެޓީމުގެ ގޯލަށް ރަނގަޅު ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. ފުރަތަމަ ހާފްގައިވެސް ނުރައްކާ ކޮށް ކުޅުނު ގެނޯއާއިން އެ ހާފްގައިވެސް ލީޑު ނުނެގީ ކިރިޔާއެވެ. ސަނަބްރިއާ އަދި ކޯމޭގެ ފުރުސަތުތައް ފާހަގަކޮށްލެވުނު އިރު، ދެވަނަ ހާފަށް ނުކުމެވެސް، ގެނޯއާ ވަނީ ޔުވެންޓަސް ހިފަހައްޓާ، އެޓީމު ކޮޅަށް ގޯލްވެސް ޖަހާފައެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ، ދެ މިނެޓްވެސް ނުވަނީސް، 72 ވަނަ މިނެޓުގައި ޔުވެންޓަސްއިް ލީޑު ނެގީ ސްޓެފަނޯ ސްޓުރާރޯއެވެ. އަދި އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިން، ގޯރަން ޕަންޑޭވް އޭގެ 10 މިނެޓް ފަހުން ލީޑު ފުޅާވެސް ކުރިއެވެ. ޕަންޑޭވްގެ ގޯލަށް ފުރުސަތު ތަނަވަސް ކޮށްދިނީ ކޯމާއެވެ.