އައްޑޫގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ގައުމީ ޖާޒީގައި އެތަކެއް ދިވެހީންނެއް ހެއްވާލަދިން ފަހުރުވެރި ދަރިއެކެވެ. ޝަމްވީލް ގާސިމް (ބޮންޑާ)ގެ ހަނދާން އެބަހުރި ހެއްޔެވެ؟ މަތީ ކަނަށް އަމާޒުކޮށްލާ ހިލޭ ޖެހުންތާއި، ހިތްގައިމު އެތައް ގޯލައެކެވެ. ދިވެހީންނަށް، ދަނޑުމަތީގެ ލޫކާ މޮޑްރިޗެވެ. އަންދްރޭސް އިނިއެސްޓާއެވެ.

އައްޑު އަތޮޅުގެ ވިޔަފާރިވެރިންތަކެއް 2001 ގައި އުފެއްދި އައިއެފްސީން ތައާރަފްވި ހުނަރިވެރި މިޑްފީލަރެކެވެ. ސާފް ޗެމްޕިއަންޝިޕުގައި 2005 ވަނަ އަހަރު ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އަފްގާނިސްތާނާ ދެކޮޅަށް ފުރަތަމަ އެގާރައަށް ޔޮރްދާން ސްޓޮއިކޯފް އޭނާ ނެރުމުން ގިނަ ބަޔަކު ހައިރާންވިއެވެ. އެކަމަކު އެ މުބާރާތުގައި ދެއްކި ކުޅުމާއެކު ގިނަ ބަޔެއްގެ ތައުރީފް ހޯދައި ގައުމީ ޓީމުގެ މަގާމް ކަށަވަރުކުރިއެވެ. ދިވެހީންގެ އިތުބާރު ހޯދިއެވެ.

ބޮންޑާ ގައުމީ ޓީމާއެކު ---

އައިއެފްސީއަށް ފަސް އަހަރު ކުޅެ، އަދި ކެޕްޓަންކަންކޮށް 2007 ގައި ނިއު ރޭޑިއަންޓަށް ބަދަލުވެ ތަފާތު މޮޅު ކުޅުމެއް ދެއްކިއެވެ. އެ ކްލަބާއެކު އެއަހަރުގެ އެފްއޭ ކަޕް މިލްކުކުރި އިރު، ފަހުން ވެސް ދެފަހަރެއްގެ މަތިން ނިއުއަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދިއެވެ. ގައުމީ ޖާޒީގައި ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލް ކަރުގައި އަޅާލާ، ދިވެހީން ހެއްވާލި ބޮންޑާ، ފުޓުބޯޅައިން ގެއްލުނީ ކުއްލިއަކަށެވެ.

2013 ވަނަ އަހަރުގެ ސީޒަންގެ ފަހުން ގަލޮޅު ދަނޑުން ގެއްލުނު ބޮންޑާ، އަނބުރާ ފެނުނީ މިނިވަން ޗެމްޕިއަންޝިޕްގައި ރަށު ޓީމުންނެވެ. އެ ހިސާބުން އަނެއްކާވެސް ޓީސީގައި އޭރު ހުރި ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ބޭނުމަށް ދެ އަހަރ ފަހުން އޭނާ އަނބުރާ ގަލޮޅު ދަނޑަށް އައެވެ.

ޓީސީއާއެކު ޝޭޚް ކަމާލް ކަޕް ހޯދުމާއެކު ބޮންޑާ އަނެއްކާވެސް ފުޓުބޯޅައިން "ފިލީ"އެވެ. އެ ހުނަރުވެރި މިޑްފީލްޑަރު މިހާރު ކޮބާ ހެއްޔެވެ. މި ސުވާލުގެ ޖަވާބު "ވަގުތު"އިން ހޯދީ ބޮންޑާއާ ކުރި ހާއްސަ އިންޓަވިއުއަކުންނެވެ.

"ފުޓުބޯޅަ ނުވެސް ބަލަން، ސާފް ޗެމްޕިއަންޝިޕް ކުޅުނުކަންވެސް ނޭނގެ"

ރަށުގައި ދިރިއުޅެމުންދާ ބޮންޑާ، ގައުމީ ދަނޑުން ކުއްލިއަކަށް ގެއްލުނު ގެއްލުމާއެކު، ފުޓުބޯޅައާ ހުރީ ކިހާ ގާތްކަމެއްތޯ، މިއީ ފުރަތަމަ ކުރެވޭ ސުވާލެވެ. އޭނާ މިހާރު ކުރާ ކަމަކަށްވުރެ ބޮޑަށް، ކުއްލިއަކަށް ފުޓުބޯޅަ ދޫކޮށްލި ހިސާބާ، ފުޓުބޯޅައާ މިހާރު ހުރި ގާތްކަން ސާފުވުން އެއީ އެތައް ސަޕޯޓަރުންނެއްގެ ބޭނުމެވެ.

"ފުޓުބޯޅަ ނުވެސް ބަލަން. ސާފު ޗެމްޕިއަންޝިޕްގެ ސެމީއަށް ދިޔައިމަ އެނގުނީ ކުޅޭކަން. އެވެސް މީހަކު ބުނީ އެނގޭހޭ ގޯލެއް ނުޖަހާ، މެޗަކުން މޮޅުވެސް ނުވެ، ރާއްޖެ ސެމީއަށް ގޮސްފިއޭ. ޕޮއިންޓެއް ލިބުނީ ދޯ. މަށަށް އަހާވެސް ލެވުނު ކޮން މުބާރާތެއްތޯ ކުޅެނީ. ދެން ސާފް ޗެމްޕިއަންޝިޕޭ ބުނީމަ ގަބޫލުވެސް ނުކުރެވިގެން ބެލީ. ބެލި އިރު ހަމަ އެހެން މިވަނީ. ހެހެހެހެ.... އަސްލު އެވަރުކަމެއް ހިނގާ އިރު، އެނގެން ޖެހޭނެ. ސޯޝަލް މީޑިއާއިންވެސް ނުފެނި އޮތީމަ ހިތަށް އެރި މިއަކަށް ނުބަލައޭ އެއްވެސް މީހަކު،" ބޮންޑާ އޭނާއާ މިހާރު، ރާއްޖޭގެ ފުޓުބޯޅައާ ހުރި ގާތްކަން ބުނެދިނީ މިހެންނެވެ.

ބޮންޑާ ޓީސީގައި -- ފޮޓޯ/ މިހާރު

ވާހަތައް ފެށި ހިސާބުންވެސް ބޮންޑާގެ ހިތުގައި ދިވެހި ފުޓުބޯޅައަށް އުދާތައް ހުރިކަން ސާފުވިއެވެ. ފުޓުބޯޅައިގެ އެތައް ހަނދާންތަކެއް ހުރި ބޮންޑާއަށް، ފުޓުބޯޅައިން މާޔޫސްކަން ލިބުނު ހިސާބު އޭނާގެ ވާހަތަކުން ސާފެވެ. ކޯޗިންގެ ތެރެއިންވެސް ނުކުމެ، މުޅި ފުޓުބޯޅައާ އަލްވަދާއުކީ، އެތައް ގޮންޖެހުންތަކެއް ފުޓުބޯޅައަށް އޮތުމުންނެވެ.

" ބަލާ މީހުންނަށް އެނގޭނެ ރަނގަޅަކަށް ނޫންކަން ގޮސްފައި އޮތީ. ފުޓުބޯޅައިގެ މިސްރާބު ގޯސްވީ. ފުޓުބޯޅަ މިހާރު އޮތް ހިސާބު ފެންނާނެ ދަނޑަށް ބަލާލީމަ. ހިލޭ ވަދެވެން އޮންނަ އިރު، އޮންނަނީ ހުސްކޮށް ދަނޑު. ދޭތެރެއަކުން ފުރާލިތާ އަހަރެމެން ކުޅުނު އިރުވެސް. ކްލަބުތައް އޮތް ހާލަތުވެސް ބަލާ،" މިހާރުގެ ހާލަތާ މެދު ބޮންޑާގެ ވިސްނުން ހިއްސާކުރިއެވެ.

ހަގީގަތް ހާމަކުރިއެވެ. ހިތް ނޭދުނަސް ދައްކަން ޖެހޭ ވާހަކަ ބޮންޑާ ދެއްކިއެވެ. އެކަން އެހެންވި ސަބަބުވެސް ބޮންޑާގެ ނަޒަރުގައި އޭނާ ކިޔައިދިނެވެ.

"ފުޓުބޯޅަ ގޯސް ވަނީ ސިޔާސީ ކަންކަމުން. އެ ރަނގަޅު ކުރަންވެސް ޖެހޭނީ އެމީހުން. އެކަންވެސް އޮންނާނެ. ބޭރު ތަންތަނުގައިވެސް އޮންނާނެ ސިޔާސީ ކަންކަން ފުޓުބޯޅައިގެ ތެރެއިން. އެކަމަކު އެމީހުން އެކަންކަން ކުރަނީ ފުޓުބޯޅައަށް ހެވަށް. ކްލަބަށްވެސް ހެވަށް. އެކަމަކު މިތާ މިވަނީ އެކަން ކުރަން އުޅޭ މީހާ ޖީބަށް ހުރިހާ ފައިސާއެއް ވަންނަނީ. ކުރިއަރުވަން ޗާންސް ލިބިއްޖެއްޔާ އޭގެ ތެރެއަށް ވަންނާން. މިހާރު މިއޮތް ގޮތުން ގާތްވެސް ނުވާނަން. އަސްލު ޒުވާން ކުދިން އެބައޮތް ހުނަރު ހުރި ކުޅުންތެރިން،" ބޮންޑާގެ ތަސައްލީ ކިޔައިދިނެވެ.

އެނބުރި އައުމަށް ވިސްނުމެއްވެސް ނުގެންގުޅެއެވެ. އެހެން ނަމަވެސް ބޮންޑާ ގަބޫލުކުރާ ގަބޫލުކުރުމަކީ އޭނާ "އަދިވެސް ފިޓްވާނެ،" ކަމަށް ގަބޫލުކުރާ ގަބޫލުކުރުމެވެ. އެހެން ނަމަވެސް ދެން ފުޓުބޯޅަ ކުޅުމަށް، އަދި ކޯޗުކަން ކޮށްދިނުމަށްވެސް ވިސްނުމެއް ނެތެވެ.

"މިތަނަށް ސްޕޯޓްސް ފިޝިން ތައާރަފް ކުރަން މި މަސައްކަތް ކުރަނީ،"

ބޮންޑާ ސްޕޯޓްސް ފިޝިންގައި ---

އާއެކެވެ: ބޮންޑާއަކީ މިހާރު ކެޔޮޅެކެވެ. އެ ނޫން ކަމެއް ކުރުމަށް ވަގުތު ހުސްވެސް ނުކުރެއެވެ. ދަނޑު މަތިން ލިބުނު ހިތްހަމަ ޖެހުން، މިއަދު އޭނާ ހޯދަނީ ކަނޑުމަތިންނެވެ. ކެޔޮޅުންގެ ތެރެއިންވެސް އާދައިގެ ކެޔޮޅެއް ނޫނެވެ. "ސްޕޯޓްސް ފިޝިން"ގެ މޭސްތެރިއެކެވެ. އެކަމުން ނަފާ ހޯދާ، ދިރިއުޅުން އެކަމަށް ބިނާ ކުރުމަށް މަސައްކަތް ކުރާ ހީވާގެ ކައްޕިއެކެވެ.

"ގެސްޓުންގެ ޗާޓާ އަދި ރަސްމީކޮށް ނުފަށަން. ޕްލޭން ކުރަނީ ޗާޓާއެއް ފަށަން. މިތަނަށް ސްޕޯޓްސް ފިޝިން ތައާރަފް ކުރަން މި މަސައްކަތް ކުރަނީ. މިހާރުވެސް ކޮންމެވެސް ވަރަކަށް ގެސްޓުން ގޮވައިގެން ދަނީ. ދެން އަންނާނީ އަނެއްކާވެސް ޑިސެންބަރު. އެއީ ސީޒަން ދުވަސްތަކަކީ. ދެން ގޮސްފައި މި ކުރާ ކަމަކީ، ހަމަ މަސް ބާނާފަ. މަސް ދޫކޮށްލަނީ،" މިހާރު ބޮންޑާ ކުރާ މަސައްކަތަށް ތައާރަފެއް ދިނެވެ.

"އަބަދުވެސް މަހަށް ދަން. އަހަރުންނަށް އެނގެނީ މަސް ބާނައިގެން މަސް ކާން. އެކަމަކު އޭގެން އެހެން ގޮތަކުން ފައިދާ ހޯދަންވެސް އެނގެން އެބަ ޖެހޭ ދޯ،"

އޮމާންގެ ޗާޓާއެއްގައި އަހަރެއްހާ ދުވަސް އިންޓާންޝިޕެއްގައި ހޭދަކުރި ބޮންޑާ، ސްޕޯޓްސް ފިޝިން ތެރެއިން ވަދެގެން އައީ އެހިސާބުންނެވެ. އިންސްޓާގްރާމްގެ ފޭނެއް ދިން އެފުރުސަތުވީ އެންމެ ރަނގަޅު ތަޖުރިބާއަކަށެވެ.

"އޮމާނުގެ ޗާޓާ ލިބުނީ އިންސްޓާގްރާމް މެދުވެރިކޮށް، އޭނާ ބުނީ އޮމާނަށް އަހަރެއް ދުވަހަށް އަންނަން. އެއީ ބޮޑު ކަންނެލި އާންމުކޮށް އެހެން ބާނާނީ. އޭނާގެ އޮފާއަކީ އިންޓާންޝިޕެއް ދެން. އޭނާގައި މުޅި އޮޕަރޭޝަން ފަހުން މަ ބެލީ. އެތާންގައި ދެން އޭޕްރީލް މެއި، އެއީ ސީޒަނުގެ ޕީކް. އެތާ ނޯވޭ ކޮންމެ ކޮންމެ ދުވަހު ބޭނޭނެ ކަމުގެ ޔަގީން ކަމެއް،" އިންޓާންޝިޕާ ގުޅޭ ގޮތުން ބޮންޑާ ބުންޏެވެ.

ބޮންޑާގެ ތަސައްވަރު ހުރީ ސްޕޯޓްސް ފިޝިންގައި ދިޔަ ހިސާބަކަށް ދިޔުމަށެވެ. އެކަމަށް ކުރަން އޮތް ހުރިހާ ކަމެއްވެސް ކުރުމަށެވެ. ބޮންޑާ ގަބޫލުކުރާ ގޮތުގައި، މަސްވެރިކަމުން ނެގޭނެ އެންމެ ބޮޑު ފައިދާއަކީ ކާން ލިބުމެއް، އެކްސްޕޯޓް ކުރުމެއްވެސް ނޫނެވެ. ސްޕޯޓްސް ފިޝިންގައި ގެސްޓުން ނަގާލާ ފޮޓޯއަކީ އެތައް ޑޮލަރެކެވެ.

"ކެޗް އެންޑް ރިލީޒް ބަލައެއް ނުގަންނާނެ މީހުންނެއް. މީހުން ދެކޭ ގޮތުގައި އެއީ ފައިދާއެއް ވާނެ ކަމެއް ނޫން. އެކަމަކު މިސާލަކަށް ބަލާ ހަނދި. މުޑަ ހަނދި. އޭގެ ހަންޖެއް ބާނާފައި ފޮޓޯ ނަގާލީމަ އެބަލިބޭ ބާނައިގެން ވިއްކުމަށްވުރެ މާ ބޮޑު ފައިދާއެއް. އެއީ 500 ޑޮލަރު ގަޑިއިރަކަށް. އެކަމަކު ބޭނެން ޖެހޭނެ. ފުރަތަމަ ކޮޅު ވަރަށް އުނދަގޫވޭ. ހަޔާތްވެސް ގޮވާނެ. އެކަމަކު މީހުން ބަލައިގަންނަން ފަށައިފި. ފައިސާ ހެދެން ފެށީމަ އެ ބަލައިގަންނަނީ. އަދި ރަނގަޅަށް ބޯޓެއްވެސް ނެތި، އެކަން ކުރަން ފަށައިގެން އުޅޭ އިރު، މަވެސް ގެންނަން އަހަރެއްގެ މައްޗަށް 10 ވަރަކަށް ގްރޫޕް. އެއީ ރަނގަޅު އަދަދެއް. މިހަރު އޯގަސްޓް ހިސާބުގައި ބޮޑު ބޯޓެއް ލިބޭނެ،" ބޮންޑާ ބުންޏެވެ.

މަސްވެރިކަމުގައި، ކަނޑުމަތީގައި، ބޮންޑާ ދަނީ ދަނޑުމަތީގައި އޭނާ ހޯދި ކާމިޔާބީ ތަކުރާރުވެސް ކުރަމުންނެވެ.

"ނުބޭނޭ ފަހަރެއް ނުދޭ. އެކަތި ދޭތި ނުބޭނޭ ދުވަހެއް ނުދާނެ. ހަމަ ބޮޑެތި އެއްޗެހި. ތަފާތު އެއްޗަކަށް ބޭނުނު ނަޕޯލިއަންއެއް. އެއީ ހިމާޔަތްވެސް ކޮށްފައި އިންނަ މަހެއް. އޭގެ އެއްޗެއް ނެގިން ޕޮޕާއެއްގައި. ރަނގަޅު ބޯޓެއް ލިބުނީމަ ވަރަށް ދުރަށް ވިސްނައިގެން މިކަން ކުރެވޭނެ. ދުވާލަކު 500 އަށްވުރެ މާ ގިނައިން ލިބޭނެ. 1500 އަށް އޭރުން ޑެއިލީ އުޅޭނީ،" ބޮންޑާ، އޭނާގެ ކުރިމަގާއި، ތަފާތު ތަޖުރިބާތައް ހިއްސާކުރިއެވެ.

މަސައްކަތައިގެން ކުރިއަށް: މުޅި ރާއްޖެއަށް ބޮޑު ދަތުރެއް

ސްޕޯޓްސް ފިޝިންގެ މަސައްކަތުގެ ކަމަރު ބަނދެ، ބޮންޑާ ނުކުތްކަން މީހުންނަށް އެނގިގެންދިޔައީ ދާދި ފަހުންނެވެ. އެކަމަށް ރާއްޖޭގައި އޮތް ޝައުގުވެރިކަންވެސް ހޯދާ، މުޅި ރާއްޖެ ޝާމިލުކޮށްލުމަށް، ފެށި ޗާލ ދަތުރުންނެވެ. މުޅި ރާއްޖެއަށެވެ. ކޮންމެ ކަނޑެއްވެސް ހުރަސްކޮށް، ކޮންމެ އަތޮޅަކަށެވެ.

"ދަތުރުގައި އަހަރެން އުއްމީދުކުރަން ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ގޮތުން މީހުން ހޭލުންތެރިކޮށް އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް މީހުންނަށް ވިސްނައިދިނުމަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށް. މީގެ އިތުރުން މި ދަތުރުގައި އަހަރެން ބޭނުން ސްޕޯޓްސް ފިޝިންގް އަށް އޮތް ޝައުގުވެރިކަން އަހަރެން ދަތުރުކުރާ ރަށްރަށުގެ މީހުންނާ ހިއްސާކޮށް މަސްވެރިކަމާ ގުޅޭ ފަތުރުވެރިކަމުގެ އެހީގައި ރަށްރަށުގެ އިގްތިސާދު ކުރިއެރުވުމުގެ ފުރުސަތު އޮތްކަން މީހުންނަށް އަންގައިދޭން،" ބޮންޑާ، ދަތުރަށް ފުރުމުގެ ކުރިން ކޮށްފައިވާ އިންޓާގްރާމް ޕޯސްޓެއްގައި ވެއެވެ.

ކޮންމެ އަތޮޅަކަށްވެސް ގޮސް، އެ އަތޮޅެއްގެ މީހުންނާއެކު މަހަށް ނުކުންނަން ބޮންޑާގެ ވިސްނުމުގައި ހުރި އިރު، އެ ހިޔާލަކީ، މުޅި ރާއްޖެ އިސްތިހާރު ކުރަން، ބޮންޑާ ފެށި ޗެލެންޖެކެވެ. އެތައް އަހަރުތަކެއް ކުރިންވެސް އޭނާ ދެކެމުންދިޔަ ހުވަފެނެކެވެ. މިއަދު ކުލަ ޖައްސަމުން ދަނީ ދިއްލާ އަތްވެއްގައި، ވެހޭހާ ވާރޭގައެވެ.

ދަނޑުމަތީގެ ޗެމްޕިއަނެކެވެ. އަހުލާގު ރަނގަޅު ޑިސިޕްލިން ކުޅުންތެރިޔެކެވެ. ސަޕޯޓަރުންގެ ލޯތްބާއި އިހުތިރާމް، އެންމެ މަތީ ދަރަޖައަށް ހޯދި، ނަމޫނާ މިޑްފީލްޑަރެކެވެ. އެހެން ނަމަވެސް އެއީ ކުރީގެ ބޮންޑާއެވެ. އެއީ ގައުމީ ދިދަ، ޖާޒީގެ މޭމަތީގައި ޖަހައިގެން ކުޅުނު ބޮންޑާގެ ވާހަކައެވެ. މިއަދު ދައްކަން ޖެހެނީ ދިވެހީންގެ ލޭ ނާރު، މަސްވެރިކަން އާ ދަރަޖައަކަށް ގެންދަން އަތުކުރި އޮޅާލައިގެން ހުރި ކެޔޮޅެއްގެ ވާހަކައެވެ. ފުޓުބޯޅައިގެ ހަޔާތުން ނުކުުމެ، މަސްވެރިކަމަށް ހުސްވެ ހުރި ބައްޕައެއްގެ ވާހަކައެވެ. ދަނޑުމަތީގެ މިޑްފީލްޑަރަކުން، ކަނޑުމަތީގެ މިޑްފީލްޑަރަކަށް ދިޔަ ބޮންޑާގެ ވާހަކައެެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަހުރަ

    މަގޭ ސެލިއުޓް ބޮންޑާއަށް!! ބޭކާރު، ފައިދާއެއް ނެތް ކަމަކުން އަގުހުރި ފައިދާ ލިބެނިވި ހަރުދަނާ މަސައްކަތަކަށް އެނބުރުނު ކަމަށްޓަކައި ވަރަށް އުފާކޮށް ބޮންޑާއަށް މަރުޙަބާ ކިޔަން!! ތިޔަ ދާއިރާއިން ބޮންޑާއަށް ބާއްޖަވެރި ފަހި ކުރިމަގަކަށް އެދެން!! އަހުރެންގެ ހެޔޮ ދުއާ ބޮންޑާއާއިއެކު!!???❤❤❤???

    35
    3
  2. ޖިގު މުޗަޅޭ

    ބޮންޑާ އިސްދަ ބޮސް! ??

    11
    2
  3. މޯ

    ސާބަހޭ ބޮންޑީ

    9
    1
  4. Anonymous

    ދަނޑު މަތިން ލިބުނު ހިތްހަމަ ޖެހުން، މިއަދު އޭނާ ހޯދަނީ ކަނޑުމަތިންނެވެ. (ބަނޑުމަތިން ވެސް އުފަލެއް ނުހޯދޭތޯ)