ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ފޯވާޑް ނޭމާއާއި ނުލާވެސް ބްރެޒިލްގެ ޓީމު ވަރުގަދަ ކަމަށް ޖަރުމަނުގެ ވިންގަރ ލެރޮއި ސޭން ބުނެފިއެވެ.

މިހަފްތާގެ އަންގާރަ ދުވަހު ބްރެޒިލް އިން ޖަރުމަނާއި ދެކޮޅަށް އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއެް ކުޅުމަށް ހަމަޖެހިފައިވާ އިރު އެމެޗާއި ބެހޭގޮތުން ވާހަކަ ދައްކަމުން ސޭން ބުނީ ބްރެޒިލްގައި ތިބީ ޒުވާން ހުނަރުވެރި ކުޅުންތެރިން ކަމަށާއި ބްރެޒިލް ހުއްޓުވުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަދި ބްރެޒިލްއިން ނޭމާއަށް ބަރޯސާވާން ނުޖެހޭ ކަމަށާއި ބްރެޒިލްގެ ޓީމް އެއަށް ވުރެއް ވަރުގަދަ ކަމަށް ސޭން ވަނީ ބުނެފައެވެ.

"ބްރެޒިލްގެ ޓީމުގައި އެތިބީ މުޅިންވެސް ޒުވާން ހުނަރުވެރި ކުޅުންތެރިން. ބްރެޒިލް އިން ނޭމާއަށް ބަރޯސާވާކަށް ނުޖެހޭނެ. އެއަށް ވުރެއް ބްރެޒިލްގެ ޓީމު ވަރުގަދަ" ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިވާ ނޭމާއަށް އަމާޒުކޮށް ސޭން ބުނެފައިވެއެވެ.

އަދި ބްރެޒިލްގެ ޑިފެންސް ލައިންއަށް ތައުރީފް ކުރަމުން ސޭން ބުނީ ބްރެޒިލްގެ ޑިފެންސަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޑިފެންސް ކަމަށެވެ. އަދި ބްރެޒިލް އަކީ އޭނާގެ ފޭވަރިޓެއް ކަމަށްވެސް ސޭން ވަނީ ބުނެފައެވެ.

އަދި ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ހަފްތާގެ ހުކުރު ދުވަހު ބްރެޒިލް ރަޝިއާއާއި ދެކޮޅަށް ކުޅެ 3-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ބްރެޒިލްގެ ތިބި ކުޅުންތެރިންގެ ހުނަރުވެރިކަން ފެނިގެން ދިޔަ ކަމަށާއި އެއީ ވަރުގަދަ ޓީމެއް ކަމުގައިވެސް ސޭން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެންމެން

    ނޭމާއާއި ނުލާ ބާސާވެސް ގަދަ އަދި ޕީއެސް ޖީވެސް ގަދަ. ނޭމާއަކީ ކޮންމެހެން ބްރަޒީލްއަށް ތަށްޓެއް ހޯދާދެވޭނެ ވަރު މީހެއްކަމަކަށް ނުބެލެވޭ.

    • ާަ12345

      އޯކޭ

  2. ސޭން ބެ

    ނޭމައަކީ ބްރަޒީލް ޓީމައް މާމުހިންމު މީހެއް ނޫން ނޭމާއައް ވުރެން މާރަގަޅު ކުޅުންތެރިން އެޓީމުގަ އެބަތިބި