ސްރީލަންކާގައި ކުރިއަށްގެންދިޔަ މެންޗެސްޓާ އިންޑެޕެންޑެސް އިންޓަނޭޝަނަލް ކަޕްގެ ޗެމްޕިއަންކަން، ރާއްޖެ އިން ވާދަކުރި އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީ.ޓީ.އެފް.އޭ) އިން ކާމިޔާބުކޮށްފިއެވެ.

މި މުބާރާތް އާލީ ޓަޗް އެކަޑެމީން ކާމިޔާބުކުރީ ފައިނަލްގައި ލަންކާގެ މެންޗެސްޓާ ޔުނައިޓެޑް އެކަޑެމީގެ ޓީމަކާއި ބައްދަލުކޮށް 0-1 އިންނެވެ. މި މެޗުގެ ހަމައެކަނި ގޯލު އީޓީއެފްއޭ އަށް ކާމިޔާބުކޮށްދިނީ ރީހާން ރިޝާމްއެވެ.

މުބާރާތުގެ ޗެމްޕިއަންކަން އާލީ ޓަޗް ފުޓްބޯލް އެކެޑަމީ އަކީ އަހުމަދު ސަލީމް ( ހީނާ ) ގެ އިރުޝާދުގެ ދަށުން ހިންގަމުން އަންނަ އެކަޑަމީ އެކެވެ.

ދެ ދުވަހުގެ މުއްދަތަކަށް ލަންކާގައި ކުރިއަށްދިޔަ މި މުބާރާތުގައި އީ.ޓީ.އެފް.އޭގެ އިތުރުން ރާއްޖޭގެ ތިން ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ހުޅުމާލެ ސްޕޯޓްސް ސްކޫލް އެކެޑެމީގެ ދެ ޓީމަކާއި މާޒިޔާ ފުޓްބޯލް އެކަޑަމީއެވެ. މީގެއިތުރުން މި މުބާރާތުގައި ލަންކާ އާއި އިންޑިއާގެ ޓީމުތަކެއް ވެސް ވަނީ ވާދަކޮށްފައެވެ.

މި މުބާރާތަކީ ލަންކާގައި މެންޗެސްޓާ ޔުނައިޓެޑުން އެކަޑެމީ ހިންގާތާ އަހަރެއް ފުރުން ފާހަގަ ކުރުމަށް ބޭއްވި މުބާރާތެކެވެ.