ވޭލްސް އަދި ރެއަލް މެޑްރިޑްގެ ވިންގާ ގެރެތް ބޭލް އަކީ މާޒީ ކަމަށް ނުސީދާ ގޮތަކަށް އެ ޓީމުގެ މެނޭޖަރު ޒައިނެއްދީން ޒިދާން ބުނެފިއެވެ.

ޒިދާން ބުނެފައި ވަނީ އޭނާގެ ސްކޮޑުން ޖާގައެއް ބޭލް އަށް ލިބުން ވަރަށް އުނދަގޫ ވާނޭކަމަށެވެ. ދާދި ފަހުން އަނެއްކާވެސް ރެއަލްގެ ކޯޗު ކަމާއި ހަވާލުވި ޒައިނެއްދީން ޒިދާން ވަނީ ފެށޭ ސީޒަނަށް ޓީމް އެއްކޮށް އޯވާ ހޯލް ކުރާނެކަމަށް ބުނެފައެވެ. ބޭލް އަކީ މާޒީ ކަމަށް މޭރުންވާ ބީދައިން ޒިދާން ވާހަކަ ދެއްކި ނަމަވެސް ބޭލް ބޭނުންވަނީ ކުލަބުގައި މަޑު ކުރަންށެވެ.

ބޭލް ހޯދުމަށް އިނގިރޭސި އެއްވެސް ކްލަބަކުން މިހައިތަނަށް މަސައްކަތް ނުކުރުމުން އޭނާގެ ކުރިމަގާއި ދޭތެރޭ ގިނަ ބަޔަކު ސުވާލު އުފައްދާފައި ވާއިރު، ބޭލް އާއި ރެއަލްގެ ކޮންޓްރެކްޓް ހަމަވާނީ 2022ގައެވެ.

ޒިދާން ބޭނުންވާ ފަދަ ނަތީޖާއެއް ބޭލްގެ ފަރާތުން ނުފެނުމުން އޭނާ ޓީމުން ބާކީ ކޮށްފައި ވީ ނަމަވެސް، އޭނާ އަށް ބޮޑު މުސާރަ އެއް ދޭން ޖެހޭތީ ރެއަލް އަށް ބޭލް ދޫކޮށްލުން ނޫން ގޮތެއް ނެތެވެ. އެހެން ކަމުން އެ ކުލަބުން އަންނަނީ ބޭލް ލޯން އުސޫލުން ނަމަވެސް އެހެން ކްލަބަކަށް ދޫކުރެވޭތޯ ބަލަމުންނެވެ. ނަމަވެސް ބޭލްގެ އޭޖެންޓް ބުނެފައި ވަނީ ލޯނަށް އެއްވެސް ކްލަބަކަށް ބޭލް ދޫކުރަން ބޭނުން ނުވާ ކަމަށެވެ.

ފެށޭ ސީޒަނަށް ރެއަލް މެޑްރިޑް ވަރުގަރަ ކުރުމުގެ ގޮތުން އެޑެން ހަޒާޑު ހިމަނައިގެން އިތުރު ޒުވާން 4 ކުޅުންތެރިއަކު ހޯދުމަށް އެ ކްލަބުން ވަނީ 340 މިލިއަން ޑޮލަރު މިހައިތަނަށް ހަރަދު ކޮށްފައެވެ.